ދަރިން ސްކޫލަށް ނުފޮނުވިގެން މީހުންނަށް ޢާދޭސްކުރުމުގެ ކުރިން ޒަކާތު ފަންޑުގެ އެހީތެރިކަން ހޯއްދަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ދަރިން ސްކޫލަށް ނުފޮނުވިގެން މީހުންނަށް ޢާދޭސްކުރުމުގެ ކުރިން ޒަކާތު ފަންޑުގެ އެހީތެރިކަން ހޯއްދަވާ!

ސަރުކާރުން ދަރިވަރުންނަށް ފޮތްފަންސޫރު ފަދަތަކެތި ދިންނަމަވެސް ކުދިން ސްކޫލަށް ފޮނުވަން އިތުރަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވިގެން ވަރަށް ދަތިޙާލުގައި ބައެއް ބެލެނިވެރިންނަށް އުޅެންޖެހޭކަން ފާހަގަކުރެވެއެވެ. އެކިއެކި ކަންކަމަށް ދާން ލާނެ ވަކިޔުނިފޯމް ގަންނަންޖެހުމާއި އެކިބާވަތުގެ ބޫޓު ގަންނަން ޖެހުމާއި ތަފާތު ސަބަބުތައް ކުރިމަތިވެ އަހަރުގެ ކިޔެވުން ފެށޭފަހުން ސްކޫލް ބަދަލުކުރަންޖެހުން ފަދަ ކަންކަމާއި ގުޅިގެންނެވެ. 

މިހާރުވެސް މާލޭގެ ސްކޫލެއް ބަންދުކޮށް ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކުރަންޖެހުމާއި ގުޅިގެން ބައެއް ބެލެނިވެރިންނަށް މިފަދަ ދަތިތައް ކުރިމަތިވެފައިވާ ކަމުގެ މަޢުލޫމާތު އެބަލިބެއެވެ. އެހެންވެ މަޢުލޫމާތަށްޓަކައި ޝާއިޢުމިކުރަނީ މިހާރުގެ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ 2 އަހަރުކުރިން 24 ޖުލައި 2022 ގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެބަސްފުޅުން އެނގެނީ ދަތިޙާލުގައިވާ ކުދިންނަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމެވެ. 

ރާއްޖެތެރޭގައި ތިބި ފަޤީރު ބެލެނިވެރިންނަށް މާލެއައިސް އިސްލާމިކް މިނިސްޓްރީއަށް ހިނގައިގެން ޒަކާތު ފަންޑުން އެހީތެރިކަން ހޯދުންވާނީ ވަރަށް ބުރަ ކަމަކަށެވެ. އެހެންކަމުން ރަށު ކައުންސިލްތަކުން އިސްނަގައިގެން ރަށުގައި ތިބި ފަޤީރު ކުދިންނަށް މިއެހީތެރިކަން ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ފާހަގަކުރެވެއެވެ. 

ޑރ، ޝަހީމްގެ ބަސްފުޅާ އެދުވަހު ޝާއިޢުކުރި ލިޔުން: 

(ދަރިފުޅު ސްކޫލަށްދިއުމަށްޓަކައި އަރަންޖެހޭ ބޫޓާއި ޔުނިފޯމް ފަދަ ތަކެތި ގަތުން) ފަދަ ދަރިވަރުންގެ ތައުލީމަށް ބޭނުންވާ ޚަރަދު އެކީ އެކައްޗަކަށް ޒަކާތު ފަންޑުން ހަމަޖެއްސޭނެ. އެއީ ދީނީ ގޮތުން މައްސަލައެއް އޮންނާނެ ކަމެއް ނޫން. އަދި އަމިއްލަ ފަރުދުންގެ ޒަކާތު ބައިންވެސް އެހީވެދެވިދާނެ." : ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ތިން ދަރިން ސްކޫލަށް ދާނެ ބޫޓެއް ޔުނިފޯމެއް ނެތުމުން މުސްކުޅި މާމަ މަތިވެރި ގުރުބާނީތަކެއް ވަމުން އަންނަ ވާހަކަ ބައެއް ނޫސްތަކުން ހާމަކުރުމުންނެވެ. 

ރާއްޖޭގެ ޒަކާތުފަންޑުގައި ފައިސާ ހުންނައިރުވެސް މިފަދަ ނިކަމެތިޙާލުގައި މީހުންނަށް އުޅެންޖެހޭކަން އެއީ ހިތާމަހުރި މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ. ޑރ. ޝަހީމް އަކީ އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައި ޒަކާތު ފަންޑު އެތައް ސަތޭކަ ގުނައަކަށް އިތުރުކުރައްވާފައިވާ އަދި އެފަންޑުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި މިހާރުވެސް އެމަނިކުފާނަކީ ސްކޯލާޝިޕް ދެއްވައިގެން ޔަތީމް ދަރިވަރުންނަށް ކިޔަވައިދެއްވާ ޚިދުމަތްތެރިއެކެވެ.

މިއަދު އޮންލައިން