ޢަލީ އިޙްޞާން ފިރާޤް
މޫސާގެފާނު އަވަހާރަކޮށްލަން އުޅުން:
މޫސާގެފާނާއި ހާރޫނުގެފާނު، ފިރުޢައުނާއި އޭނާގެ ވަޒީރު ހާމާނާއި، އެ ޤައުމުގެ މުއްސަނދި ވިޔަފާރިވެރިއެއްކަމުގައިވި، ޤާރޫނުގެގާތަށް ވަޑައިގެން ދީނުގެ ދަޢުވަތު ދެއްވަން ފެއްޓެވުމުން އެއުރެންގެ ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. އެބައިމީހުން ތުހުމަތު ކުރަމުން ގެންދިޔައީ މޫސާގެފާނަކީ ދޮގުވެރި ޖާދޫގަރެއް ކަމަށެވެ. ފިރުޢައުނާއި އޭނާގެ އައުވާނުން ގެންދިޔައީ މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މީސްތަކުން އިތުރަށް ނިކަމެތި ކުރުމަށްޓަކައި އެކިއެކި ރޭވުންތައް ރާވަމުންނެވެ. އެގޮތުން ދެވަނަ ފަހަރަށް އެބައިމީހުންގެ ތެރެއަށް އުފަންވާ ފިރިހެން ކުދިން މެރުމަށް އަމުރު ނެރުނެވެ. އެބައިމީހުން ބުނެފައިވެއެވެ.
[އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ.] {ޣާފިރު 25}
އެއްފަހަރު ފިރުޢައުނު ބުނެފައިވެއެވެ.
[މޫސާގެފާނު އަވަހާރަކޮށްލުމަށް ތިޔަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެ دين ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ.] {ޣާފިރު 26}
އޭނާ އަށް ޖަވާބު ދެއްވަމުން މޫސާގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، حساب ބައްލަވާ ދުވަހަށް إيمان ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުންއެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.] {ޣާފިރު 27}
ކޮންމެއަކަސް ފިރުޢައަނު މޫސާގެފާނު އަވަހާރަކޮށްލަން އުޅޭކަމުގެ ޚަބަރު ފިރުޢައުނުގެ ޚާންދާނުގެ ތެރޭގައި ހުރި މުއުމިނު ފިރިހެނަކަށް އެނގުނެވެ. އެހިނދު އޭނާ އައިސް ފިރުޢައުނާއި އޭނާގެ އައުވާނުންނަށް ދެންނެވިއެވެ.
[ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: موسى ގެފާނު) ތިޔަ قتل ކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، اللَّه އޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ وعد ކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިއަދު مصر ގެ ބިމުގައި ވެރިކަމާއި، ބާރުލިބިފައިވަނީ ތިޔަބައިމީހުންނަށެވެ. ފަހެ، اللَّه ގެ عذاب ތިމަންމެންނަށް އަތުވެއްޖެނަމަ، ތިމަންމެންނަށް އެހީވާނީ ކާކުހެއްޔެވެ؟] {ޣާފިރު 28 އަދި 29}
އޭނާގެ ވާހަކައަށް ޖަވާބު ދެމުން ބުންޏެވެ. [ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ].{ޣާފިރު 29}
ފިރުޢައުނުގެ ޚާންދާނުގެ ތެރެއިން އީމާންވެގެން ހުރި މީހާ ދެންނެވިއެވެ. [އޭ އަހުރެންގެ قوم ގެމީހުންނޭވެ! كافر جماعة ތަކަށް عذاب އައި ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހުރެން ބިރުގަންނަމެވެ.نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންގެ އާދަފަދައިންނެވެ. އަދި اللَّه، އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވަތެވެ.އަދި އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ދުވަހާމެދު (އެބަހީ: قيامة ދުވަހާމެދު) ތިޔަބައިމީހުންގެ މައްޗަށް އަހުރެން ބިރުވެތިވަމެވެ.(އެއީ) ތިޔަބައިމީހުން އެނބުރި ފުރަގަސްދީދާނެ ދުވަހެވެ. اللَّه ގެ عذاب ން ތިޔަބައިމީހުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގުދައްކާނޭ އެކަކުވެސް ނުވެއެވެ.ހަމަކަށަވަރުން، ތިޔަބައިމީހުންގެގާތަށް ފާޅުވެގެންވާ ހެކިތަކާއެކު، މީގެކުރިން يوسف ގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން شك ކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު اللَّه، رسول އަކު ނުފޮނުއްވާނެތެވެ. އިސްރާފުކޮށް، شك ކުރުން ގިނަކަމުގައިވާމީހާ، اللَّه މަގުފުރައްދަވަނީ އެފަދައިންނެވެ.އެއުރެންނީ، اللَّه ގެ آية ތަކާމެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުންނެވެ. اللَّه ގެ حضرة ގައްޔާއި، إيمان ވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ. ކޮންމެ ކިބުރުވެރި ޖައްބާރަކުގެ ހިތުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ.{ޣާފިރު 30 އަދި 35}
މި އަޑު އަހައި ފިރުޢައުނު ބުންޏެވެ. [އޭ هامان އެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ.އެއީ އުޑުތަކުގެ މަގުތަކެވެ. موسى ގެފާނުގެ إله، އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ އެކަލޭގެފާނީ ދޮގުވެރިޔެއް ކަމަށެވެ.] {ޣާފިރު 36-37}
ފިރުޢައުނުގެ މިދެންނެވި މަލާމާތުގެ ބަހަށް ރައްދު ދެއްވައި، ފިރުޢައުނުގެ ޚާންދާނުގެ ތެރެއިން އީމާންވެގެން ހުންނެވި މީހާ ވިދާޅުވިއެވެ.
[އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ، ވަގުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން، آخرة އަކީ قرار ވެ ދެމިހުންނަނިވި ގޮވައްޗެވެ.ނުބައިކަމެއް ކޮށްފިމީހަކަށް، ފަހެ، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭނެތެވެ. އަދި ފިރިހެނުންކުރެ، ނުވަތަ އަންހެނުންކުރެންވިޔަސް، إيمان ވެގެންހުރެ صالح عمل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އެތާނގައި حساب އެއްނެތި އެއުރެންނަށް رزق ލިބޭނެތެވެ.އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮވާއިރު، ތިޔަބައިމީހުން އަހުރެންނަށް ނަރަކަޔަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެންހެއްޔެވެ؟ތިޔަބައިމީހުން އަހުރެންނަށް ގޮވަނީ، اللَّه އަށް كافر ވުމަށާއި، އަހުރެންނަށް އެނގިގެންނުވާ އެއްޗެތި އެކަލާނގެއަށް شريك ކުރުމަށެވެ. އަހުރެން ތިޔަބައިމީހުންނަށް ގޮވަނީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ حضرة އަށެވެ. شك އެއްނެތެވެ! ތިޔަބައިމީހުން އަހުރެން އަޅުކަންކުރުމަށް ތިޔަގޮވަނީ ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއަށް ގޮވުން حق ވެގެންވާ އެއްޗަކަށް ނޫނެވެ. އަދި އަހުރެމެން އެނބުރިދާހުށީ، اللَّه ގެ حضرة އަށެވެ. (ފުރެދުމުގައި) ހައްދުފަހަނަޅައިދާ މީހުންނީ، ހަމަ ނަރަކައިގެ أهل ވެރިންނެވެ.ފަހެ، އަހުރެން ތިޔަބައިމީހުންނަށް މިބުނާ އެއްޗެއް ނިކަންހުރެ ތިޔަބައިމީހުން ހަނދާންކުރާނޫއެވެ. އަދި އަހުރެންގެ ހުރިހާ ކަމެއް اللَّه އަށް އަހުރެން ވަކީލުކުރަމެވެ. ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.] {ޣާފިރު 38-44}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ ފިރުޢައުނުގެ ޚާންދާނުގެ ތެރެއިން އީމާންވީ ތިން މީހެކެވެ. އެއީ މި އާޔަތްތަކުގައި ނަންގެނެވިގެންވާ ފިރިހެން މީހާ އާއި ފިރުޢައުނުގެ އަނބިކަނބަލުންނާއި، ޤަޞަޞު ސޫރަތުގެ 20 ވަނަ އާޔަތުގައި ނަންގަނެވިގެންވާ މީހާއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. وَجَاءَ رَجُلٌ مِّنْ أَقْصَى الْمَدِينَةِ يَسْعَىٰ قَالَ يَا مُوسَىٰ إِنَّ الْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ ﴿٢٠﴾ މާނައީ: [އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ. އޭ موسى ގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتل ކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحة ތެރިވާ މީހުންގެ ތެރެއިންނެވެ]. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 8 ވަނަ ޖިލްދު، ޞަފްޙާ 468}