ސިޙްރު ބާޠިލް ކޮށްލުން: ސިޙްރު ޖެހިފައިވާ މީހާއަށް ދެވޭ އެންމެ ބަރާބަރު ފަރުވާގެ ތެރެއިންވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
ސިޙްރު ބާޠިލް ކޮށްލުން: ސިޙްރު ޖެހިފައިވާ މީހާއަށް ދެވޭ އެންމެ ބަރާބަރު ފަރުވާގެ ތެރެއިންވާ ކަމެއް!

ސިޙުރު ޖެހިއްޖެނަމަ އެ ސިޙުރެއް ބާޠިލްކޮށްލަން ޢަމަލުކުރެވިދާނެ ގޮތަކާއިބެހޭ ގޮތުން ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުމުން މުހިންމު ބައެއް މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ސިޙްރުގެ ޢަމަލު ހިންގުމުގައި ނުވަތަ އެހެން ޢިބާރާތަކުންނަމަ ސިޙްރު ހެދުމުގައި ތަފާތު އެއްޗެތީގެ ބޭނުން ކުރެއެވެ. އޭގެތެރޭގައި ސިޙްރު އަމާޒު ކުރެވިފައިވާ މީހާގެ ހެދުމުގެ އެތިއެތިކޮޅު ނުވަތަ އޭނާގެ އިސްތަށީގެ ބައެއް ނުވަތަ އެނޫންވެސް އެއްޗެތި ހިމެނިގެންވެއެވެ. ދެން ސިޙްރު ހަދާފައި އެއެއްޗެތި ކޮންމެވެސް ތަނެއްގައި ވަޅުލައެވެ. ޤަބްރުސްތާނެއްގައެވެ. ނުވަތަ ވަޅެއްގައެވެ. ނުވަތަ މީހުން ނޫޅޭ ދުރުހިސާބެއްގައެވެ. އަދި ކަނޑަށްވެސް އެއްލައިލައެވެ. އަދި ވަކިބާވަތެއްގެ މަހެއްގައި ޚާއްޞަ ލިޔުމަކުން ލިޔެވެސް ހަދައެވެ. އަދި ވަކި ތަރިއެއްއަރާ ވަޤުތު ކިޔެވެލިތަކާއި ބަނދިތައް ކިޔެވުންފަދަ ކަންތައްވެސް ހިމެނިގެން ވެއެވެ. 

ފަހެ  رسول الله صلّى الله عليه وسلَم އަށް ސިޙްރު ހެދި ޔަހޫދީކަލޭގެ ސިޙްރު ހެދީ ފުނަލެއްގައާއި އެކަލޭގެފާނު ފުނާކޮޅު ތުރުކުރައްވާއިރު އިސްތަށި ފުޅުންނާއި ތުނބުޅިފުޅުން ފައިބާ އިސްތަށި ކޮޅުތަކެއްގައެވެ. އަދި ބުނެވޭ ގޮތުގައި އެގާރަ ނުވަތަ ބާރަ ގޮށްޖަހާފައިވާ ރޮއްޖެއްގައެވެ. ދެން ބައެއް ރިވާޔަތުގައިވާ ގޮތުން ޖިބްރީލް ޢަލައިހިއްސަލާމް ފައިބައިވަޑައިގެން، އެސިޙްރު ހަދާފައިވާ އެތި ވަޅުލެވިފައިވާ ތަނުގެ ޚަބަރު ކީރިތި ރަސޫލާއަށް ދެއްވައިފިއެވެ. އެތަނަކީ ދަރްވާންއެވެ ކިޔުނު ވަޅުގެ އަޑީގައިވާ ގަލުގެ ދަށެވެ. 

ބައެއް ރިވާޔަތުގައިވާ ގޮތުން އެއެތި ނެންގެވުމަށްޓަކައި ފޮނުއްވީ ޢަލީގެފާނާއި، އައްޒުބައިރުގެފާނާއި، ޢައްމާރު ބުނު ޔާސިރުގެފާނެވެ. ދެން ސިޙްރުވެރިޔާ ވަޅުލާފައިވާ އެތި އެވަޅުގެ އަޑީން ނަންގަވައި އެހަލާކުކޮށްލައްވައިފި އެވެ. 

މިފަދަ ރިވާޔަތްތަކުން ސާފުކޮށް އެނގޭ ގޮތުގައި ސިޙްރު ބާޠިލުކޮށްލައި ސިހްރު ޖެހިފައިވާ މީހާއަށް ފަރުވާ ދިނުމުގައި ތަފާތު މަގުތަކަށް ތަބާވެވެއެވެ.  އޭގެތެރެއިން އެއްމަގަކީ ސިޙްރު ހަދާފައިވާ އެތި ވަޅުލާފައިވާ ތަން ދެނެގަތުމަށްޓަކައި މަސައްކަތް ކުރުމެވެ. ދެން އެތަން އެގުމުން އެއެއްޗެއް އެތަނުންނަގައި ހަލާކުކޮށްލުމެވެ. އެގޮތުން އެސިޙްރު ބާޠިލު ވެގެންދެއެވެ. އަނެއްގޮތަކީ ސިހްރު ޖެހިފައިވާ މީހާއަށް އެކަން ޖެހިފައިވަނީ ޖިންނި އަވަލައި އެސޮރުގެ ބާރު އެމީހާގެ މައްޗަށް ހިންގުމުގެ ސަބަބުން ކަމަށްވާނަމަ އަދި އެކަމުގެ އަސަރު އެމީހާގެ ކިބައިން ފާޅުވާނަމަ ޞައްޙަ މަގުން އެނގިފައިވާ އުޞޫލުގެ މަތިން އެމީހާގެ ކިބައިން އެޖިންނި ދުރުކޮށްލުމެވެ. ނުވަތަ އޭނާގެ ހަށިގަނޑުގެ ތެރެއިން އެސޮރު ނެރެ ބޭރުކޮށްލުމެވެ. މިގޮތުން އެސިޙްރު ބާޠިލުވެގެންދެއެވެ. 

އަލްއިމާމް އިބްނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. ސިޙްރު ހަދާފައިވާ އެތި ވަޅުލާފައިވާ ތަނަކުން އެނެރެ ބާޠިލު ކޮށްލުން އެއީ އެންމެމޮޅު ފަރުވާއެވެ.  އެއީ رسول الله صلّى الله عليه وسلّم ގެ އަރިހުން ޞައްޙަ ގޮތުގައި ރިވާވެގެން އައިސްފައިވާ ފަދައިންނެވެ. އެހެނީ ހަމަކަށަވަރުން އެކަލޭގެފާނު الله سبحانه وتعالى ގެ ޙަޟްރަތުގައި އެކަމާމެދު ސުވާލު ދެންނެވިއެވެ. ދެން އެކަލާނގެ އެކަމުގެމަގު އެކަލޭގެފާނަށް ދެއްކެވިއެވެ. ދެން ވަޅަކުން އެކަލޭގެފާނު އެސިޙްރު ނަންގަވައިފިއެވެ. އެސިޙްރު ހަދާފައިވަނީފުނަލެއްގައާއި ފުނާކޮޅު ތުރުކުރެއްވުމުން ފޭބި އިސްތަށިކޮޅުތަކެއްގައާއި ކަދުރު ރުކުގެ ހިކި އެތެއްގައެވެ. ފަހެ އޭތި ވަޅުން ނެންގެވުމުން، އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅު ފިލައިގެން ހިނގައްޖެއެވެ. 

މިއީ ސިޙްރު ޖެހިފައިވާ މީހާއަށް ދެވޭ އެންމެ ބަރާބަރު ފަރުވާގެ ތެރެއިންވާ ކަމެކެވެ. އަދި މިއީ ހަށިގަނޑުގެ ތެރެއިން މުޑުދާރު މާއްދާ ނެރެ އޭގެ އަސަރު ފިލުވައިލުމުގެ ދަރަޖައިގައިވާ ކަމެއްމެއެވެ. 

އައްޝައިޚް ޢަބްދުލްޢަޒީޒު ބުނު ބާޒު ވިދާޅުވެފައި ވެއެވެ. ސިޙްރަށް ފަރުވާކުރުމުގައި އެންމެ މަންފާ ކުރަނިވި ފަރުވާއަކީ ސިޙްރު ހަދާފައިވާ އެތި ވަޅުލާފައިވާ ތަނެއް ދެނެގަތުމަށް މަސައްކަތް ކުރުމެވެ. އެއީ ބިމުގައި ކަމަށްވިޔަސް ފަރުބަދައެއްގެ ތެރޭގައިކަމަށްވިޔަސް ނުވަތަ އެނޫން ތަނެއްގައި ކަމަށްވިޔަސް މެއެވެ. ފަހެ އެއެއްޗެއްއޮތް ތަނެއް އެނގިއްޖެނަމަ އެނަގައި ހަލާކުކޮށްލުމުން ސިޙްރު ބާޠިލުވެގެންދެއެވެ. 

(--އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

މިއަދު އޮންލައިން