އެންމެ ރަނގަޅެވެ. ނިކަން ބުނެބަލާށެވެ! ތިބާގެ ޙަޤީޤީ ކޮޓަރިއަކީ ކޮބައިހެއްޔެވެ؟ އަހުރެންނަށް ވިސްނޭ ގޮތުގައި މިސުވާލުގެ ފުރިހަމަ ޖަވާބު ދެވޭނީ ވަރަށް މަދުމީހަކަށެވެ. ސަބަބަކީ ގިނަ ބައަކު ދިރއުޅެމުން މިދަނީ އެމީހުންގެ ޙަޤީޤީ ކޮޓަރިއަކީ އެމީހަކު ދުނިޔޭގައި އުޅޭ ކޮޓަރި ކަމަށް ހަދައިގެންކަމަށްވާތީއެވެ.
މީހަކު އަހަރެންނާއި މިސުވާލުކޮށްފިނަމަ ޖަވާބުގައި އަހަރެން ބުނާނީމުޅިން ތަފާތު ކޮޓަރިއެއްގެ ވާހަކައެވެ. އަހަރެންގެ ޙަޤީޤީ ކޮޓަރިއަކީ ކައްވަޅުކަމަށެވެ.
ކައްވަޅު ކާމިޔާބުކޮށް ފުރިހަމަކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންޖެހެނީ އެސަބަބަށްޓަކައެވެ.! ކައްވަޅު ކާމިޔާބުކުރެވުމަކީ އާޚިރަތް ކާމިޔާބު ކުރުން ފަސޭހަވެގެންދާނެ ކަމުގެ ޢަލާމާތެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ޤިޔާމަތް ދުވަހުގެ ވެރި ﷲ ތަޢާލާއެވެ!
ދުނިޔޭގައި ދިރިއުޅޭ ކޮޓަރި ކިތަންމެ ކުޑަވެފައި ވަސީލަތްތައް މަދުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ކޮޓަރީގައި ކިތަންމެ ބޯ ދޫލައެއް އަޅާފައި އޮވެފައި ކިތަންމެ ފުރިހަމަ އެނދެއް ހުރެފައި އެއާކޮންޑިޝަންކޮށްފައި ހުރިނަމަވެސް އެއިން އެއްވެސް ކަމަކުން ކައްވަޅުގައި ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ކައްވަޅުގައި ފައިދާކުރާނީ ކައްވަޅަށް ގެންދަން ލިބުނު ހެޔޮ އަމަލަކުންނެވެ. ކައްވަޅު އަލިވުމާއި ތަނަވަސްވުމާއި އަރާމުވުމާއި ފިނިވުމާއި މިފަދަ ހުރިހާ ނިޢްމަތްތަކެއްވެސް ގުޅިފައިވަނީ ކައްވަޅަށް ގެންދަން ލިބުނު ހެޔޮ އަމަލުތަކާއިއެވެ.
ބޭނުން ގޮތެއް މިއަދު އިޚްތިޔާރުކުރާށެވެ! އެކަން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ﷲ ތަޢާލާ ވަނީ އެކަމުގައި ގޮތް ނިންމުން އެމީހަކަށް ދޫކޮށްލައްވަވައިފައެވެ.
މިއަދަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު އަވަދި ނެތި އުޅެނީ އެމީހުން ދުނިޔޭގައި އުޅޭ ކޮޓަރި ބޮޑުކޮށް ފުރިހަމަ ކުރުމަށެވެ. އެންމެ އަގުބޮޑު ފަރުނީޗަރާއި އެންމެ ބޮޑު ސައިޒުގެ ޓީވީ އާއި އެހެނިހެންވެސް ތަކެތި ކޮޓަރިއަށް ނުވެއްދިގެންނެވެ. އެންމެ ބޮޑު ހޭދައެއް ކުރަނީ އެކަމަށެވެ. ދަރިވެރިވެގެންވެސް ބަލަނީ ކޮޓަރި ފުރިހަމަކުރެވޭތޯއެވެ.
މީސްތަކުންނޭވެ! ތިއަ ކުރެވެނީ މުޅިން ބޭކާރު މަސައްކަތެކެވެ. ތިއަ ކޮޓަރި ކިތަންމެ ފުރިހަމަ ކުރި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ހަޤީޤީ ފައިދާއެއް ނެތެވެ. ތިއަ ކޮޓަރި ކިތަންމެ ފުރިހަމަކުރިނަމަވެސް ދާދި އަވަހަށް ތިއަ ކޮޓަރިން ނުކުންނަންޖެހި މަގުމަތިވެދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން