ކައިވެންޏަށްފަހު ކޮންމެ ކަމެއް ކުރަންޖެހޭނެ ގޮތުގެ ޤަވާޢިދު ހަދައި އެގޮތަށް ކަންކަން ކުރުވަން އުޅުމަށްވުރެ އަނބިންނަށް އެކަމުގަ މިނިވަންކަން ދިނީމާ ލިބޭނެ ޚިދުމަތާ އުފާވެރިކަން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކައިވެންޏަށްފަހު ކޮންމެ ކަމެއް ކުރަންޖެހޭނެ ގޮތުގެ ޤަވާޢިދު ހަދައި އެގޮތަށް ކަންކަން ކުރުވަން އުޅުމަށްވުރެ އަނބިންނަށް އެކަމުގަ މިނިވަންކަން ދިނީމާ ލިބޭނެ ޚިދުމަތާ އުފާވެރިކަން މާބޮޑުވާނެ!

ކައިވެންޏަށްފަހު އަނެކާ ކުރަންވާ ކަންތައްތަކާއި ކަންތައްތައް ކުރަންވާ ގޮތް އަކުރުން އަކުރަށް ކިޔައިދޭ މީހުން އުޅެއެވެ. އޭނާ ބުނިގޮތަށް ނޫން ގޮތަކަށް ކަންކަން ކޮށްފިނަމަ ނުރުހުމުގެ ބަސްތައްވެސް ބުނެއުޅެއެވެ. 

މިގޮތަށް އެކަންކުރުމުން ގިނަފަހަރަށް އަނބިމީހާއަށް ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެއެވެ. ފިރިމީހާ ނުރުހިދާނެކަމުގެ ބިރަށް، އޭނާ ކޮށްދޭންބޭނުންވާ ކިތަންމެ ކަމެއް ކޮށްދޭން ފަސްޖެހެއެވެ. އަދި އޭނާ ބޭނުންވާ ފެންވަރަށް ކަންކަން ކޮށްދޭންވެސް އުނދަގޫވެއެވެ. 

އެހިސާބުން ފިރިމީހާގެ ހިތުގައި ޝަކުވާތައް އުފެދެން ފަށައެވެ. އަނބިމީހާގެ ކިބައިން ބޭނުންވާ ވަރަށް ޚިދުމަތް ނުލިބޭތީއެވެ. ލޯތްބާއި އަޅައިލުންވެސް ނުލިބޭތީއެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނައިވެސް ނުލާ ފަށަނީ އަނބިމީހާ ކުށްވެރިކުރާށެވެ! 

މިއީ ވަރަށް ގިނައިން ކުރިމަތިވާ ކަމަކަށްވާތީ ބުނަމެވެ. އަނބިމީހާ ކުރަންޖެހޭ ކަންކަމަށް އެހައި ހަރުކަށި ޤަވާއިދުތައް ހެދުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ. ޢާންމުގޮތެއްގައި ކައިވެނިކުރެވެނީ ދެމީހުންގެ މެދުގައި ވަރަށް ގިނަ ޥާހަކަތަކެއް ދެކެވުމަށްފަހުގައެވެ. މަޝްވަރާތަކެއްވެސް ކުރުމަށްފަހުގައެވެ. އެކަކު އަނެކެއްގެ ކިބައިން ބޭނުންވާ ކަންކަމުގެ ޥާހަކަތައްވެސް ވަރަށް ގިނައިން ދެއްކުމަށްފަހުގައެވެ. ވީމާ ކައިވެނިކުރެވޭއިރު ދެމީހުންނަށްވެސް މިކަންކަން އޮންނާނީ ވަރަށް ރަނގަޅަށް އެނގިފައެވެ. 

ވީމާ ކައިވެންޏަށްފަހު އަނބިމީހާއަށް އެހައި ބުރަނުކުރާށެވެ! މާނައަކީ ކަންކަންކުރަން އެހައިގިނަ ޤަވާއިދުތައް ނުހަދާށެވެ! އަނބިމީހާ ކުރަން ބޭނުންވާ ގޮތަށް ކަންކަން ކުރަން ފުރުޞަތުދޭށެވެ. މަހެއްހައި ދުވަހުގެ މުއްދަތު ފާއިތުވަންދެން އެއްވެސް ޝަކުވާއެއް ނުކޮށް އަނބިމިހާ ކަންކަންކުރާ ގޮތް ބަލަން މަޑުން ހުންނާށެވެ. 

އެއަށްފަހު އަނބިމީހާ ކަންކަން ކޮށްދޭ ގޮތުގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ އެކަންކަން ފާހަގަކުރަންފަށާށެވެ. މިވެނިކަމެއް މިވެނިގޮތަކަށް ކޮށްދިނިއްޔާ މާއުފާވާނަން ކަމަށް ބުނަން ފަށާށެވެ. އެއިރުން ތިމާއަށް އެކަންކަން ކޮށްމިދެވެނީ ފިރިމީހާ އެންމެ ބޭނުންވާ ގޮތަށް ނޫންކަން އަނބިމީހާއަށް ވިސްނި ކަންކަން އިޞްލާޙްކުރަން ފަށާނެއެވެ. 

ހަމައެކަނި ފިރިންނެއް ނޫނެވެ. އަނބިންވެސް ފިރިންނާއިމެދު ކަންކަން ކުރަންވާނީ ހަމަ މިގޮތަށެވެ. އެއިރުން ހުރިހާ ކަންކަންވެސް ޙައްލުވެ އުފާވެރިކަމުގައި ދެމަފިރިންނަށްވެސް ދުނިޔޭގައި އުޅެވެން ފަށާނެއެވެ. އިން ޝާ ﷲ 

އެންމެ މުހިންމު ވާހަކަ އަދި އޮތީއެވެ. އަނބިންނަށް ބޭނުންވާ މިނިވަންކަން އެކަންކަމުގައި ދީފިނަމަ ގިނަ ފަހަރު މާރަނގަޅު ފެންވަރުގައި ޚިދުމަތް ކުރާނެއެވެ. ލިބޭ އުފާވެރިކަންވެސް މާބޮޑުވާނެއެވެ. ސަބަބަކީ ގިނަ އަންހެނުން ކައިވެނިކުރާނީ ފިރިމީހާއަށް ޚިދުމަތް ކުރާނެ ގޮތް ވަރަށް ރަނގަޅަށް އޭނާގެ ސިކުނޑީގައި ރާވައިގެން ކަމަށްވާތީއެވެ! 

މިއީ ދެމަފިރިންގެ ކަންކަމުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރަކު ބުނެފައިވާ ބަސްކޮޅެކެވެ.

މިއަދު އޮންލައިން