މިހާރަކަށް އައިސް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދަޢުވަތު ދިނުމުންވެސް ކޮފީތަކަށާއި ޕާޓީތަކަށް ނުގޮސް ގޭގައި ތިބޭ އަންހެނުންނަކީ އުނިބައެއް ކަމަށެވެ. އެމީހުންނަކީ ދުނިޔޭގެ އުފާތައް ބޭނުންނުވާ ބައެއް ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ.
އެކަނބަލުން ގޭގައި އެތިބެނީ ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރުމުން ހެޔޮ ރަޙްމަތް ލައްވަވާނެކަމުގެ ޔަޤީންކަން އެކަނބަލުންނަށް އޮންނާތީއެވެ.
އެކަނބަލުން ގޭގައި އެތިބެނީ ޝައިޠޯނާގެ މަގަށް ފުރަގަސްދޭން ބޭނުންވާތީއެވެ. ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ގޮސްއުޅުމުން ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ފަހަރެއްގައިވެސް ނުބައިމަގަކުން ދެވިދާނެތީ އެކަމުގެ ބިރަށެވެ.
ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެކަނބަލުންނަކީ ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެފައިވާ ނުވަތަ ބޯގޮވާފައިވާ ބައެއް ކަމަށެވެ. އެއީ ހަމަ މުޅިން ގޯސް ވިސްނުމެކެވެ. ޙަޤީޤީ ބިއްދިވެރިންނަކީ އެއީއެވެ.
އެކަނބަލުން ގޭގައި ތިބެގެން އެމަސައްކަތްކުރަނީ ﷲ ތަޢާލާ އާއި ކުއްތަންވުމަށެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމުން އެކަނބަލުންގެ ހިތަށް ފިނިކަން ދެއްވަވައި އުފާވެރިކަން ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. ވީމާ އަހުރެންގެ ވިސްނުމުގައި އެކަނބަލުން އެތިބީ އެންމެ މަތީ ދަރަޖައިގައެވެ. ގުޅެން މަސައްކަތްކުރަންވީ އެފަދަ ކަނބަލުންނާއިއެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުފާވެރިކަން ލިބުން އޮތީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން