އަނެކާގެ ހިތުން ވައްކަންކޮށްގެން އުފަލުގަ ހުރެވޭނެކަމަށް ހީވެސްނުކުރާތި!! ޢުމުރަށް ޖެހޭނީ ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އަނެކާގެ ހިތުން ވައްކަންކޮށްގެން އުފަލުގަ ހުރެވޭނެކަމަށް ހީވެސްނުކުރާތި!! ޢުމުރަށް ޖެހޭނީ ކަރުނައަޅަން!

ފިނިހަނގުރާމައިގެ ވާހަކަ އަޑުއަހަމު ނޫންހެއްޔެވެ؟ މިހާރުކުރާ ފިނި ހަނގުރާމައަކީ އަނެކާގެ ހިތުން ވައްކަންކުރުމެވެ. ހިތްކޮށައި ކުދިކުދިކުރުމެވެ. މިހާރު ގިނައީ އެކަންކަން ކުރުމަށްފަހު ތިމާއަށް މިކުރެވުނީ ކުށެއްކަމާއި މީހަކަށް މިދެވުނީ އަނިޔާއެއްކަންވެސް ޤަބޫލުނުކުރާ މީހުންނެވެ.

އެހެންވެ މިފުރުޞަތުގައި ބަހެއް ބުނަން މިއުޅެނީ ހތުން ވައްކަންކުރާ މީހުންނަކަށް ނޫނެވެ. އެކަމުގެ ސަބަބުން ގެއްލުމާއި އަނިޔާ ލިބޭ މީހުންނަށެވެ. ހިތްދަތިކަން ލިބި ސަލާމަތްބުވެވިގެން އުޅޭ މީހުންނަށެވެ.

ތިބާއަކީ ތިބާގެ ހިތް ﷲ ތަޢާލާއަށް ދީގެން ހުރިމީހަކު ނަމަ އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ތިބާގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ތިބާ ބޭނުންވާ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ތިބާއަށް އެންމެ ފައިދާކުރާނެ ގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ވީއިރު މަކަރުވެރިޔާއަށް ތިބާއަށް ދެވޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ހަމަ އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.

ވީމާ އޭނާ ވަގަށް ނެގި އެއްޗެއް ހިފައިގެން އޭނާ ދިއަ ދޭށެވެ. މާނައަކީ އޭނާ ހެދި މަކަރު އޭނާއަށް ދޫކޮށްލާށެވެ! ކަންބޮޑުވެގެން ނުއުޅޭށެވެ! ތިބާ ބޭނުންވާ ގޮތް ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތުގައި ތިބާ އެދޭ ގޮތަށްވުރެވެސް މާފުރިހަމަ ގޮތްތައް ﷲ ތަޢާލާ މެދުވެރިކުރައްވަވައި ދެއްވަވާނެތެވެ.

އަބަދުވެސް ހިތުގައި ޔަޤީންކަން ބާއްވަންވީ ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުންނަ މީހާ މާޔޫސްވާން ނުޖެހޭނެ ކަމެވެ! ވީމާ ބައިވެރިޔާ ސިއްރުން ކަމެއް ކޮށްފާނެތީ ނުވަތަ ކުރާތީ ދެރަވެ ކަންބޮޑުވުމެއް ނެތެވެ! ޙަޤީޤީ އުފާވެރިކަން ލިބޭނީ ﷲ ތަޢާލާއަށް ވަކީލުކުރުމުގައި ސާބިތުވާ ބައަކަށެވެ.

ބައެއެ މީހުން އެމީހުންގެ ހިތުގެ އުންމީދުތައް ޙަޔާތުގެ ބައިވެރިޔާއަށް ސިއްރުކުރެއެވެ. އަދި އެކުރެވުނީ ވަރަށް މޮޅު ކަމެއް ކަމަށްވެސް ދެކެއެވެ. ބައިވެރިޔާއަށް ސިއްރުން ތިމާގެ ހިތް ނީލަންކިޔާ މީހުންވެސް މަދެއް ނޫނެވެ. ސިއްރު ފަޅާ ނުއަރައި އޮންނާތީ އެމީހުން ތިބެނީ އެކަންކަމަށް ފަޚުރުވެރިވާ ޙާލުގައެވެ.

ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޙަޤީޤަތް މުޅިން ތަފާތެވެ. ތިބާގެ ހިތުގައި ފޮރުވައިގެން ގެންގުޅޭ ބޮޑު ސިއްރު ހަމަ އަކުރުން އަކުރަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ކީއްހެވެ؟ ތިބާ އަމަލުން ކުރާ ކަންކަމުގެ އިތުރުން ތިބާ ދެކެމުން ގެންދާ ހުވަފެންތައްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީއިރު ބައިވެރިޔާއަށް އެކަން ސިއްރު ކުރެވުމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ތެދުވެރިކަމެއް ނެތި ކަންކަންކުރާ މީހަކަށް ދުވަހަކުވެސް ހަޤީޤީ އުފަލެއް ނުލިބޭނެއެވެ. ވަޤުތީ އުފަލެއް ލިބުނަސް އިސާހިތަކު ކަރުނައަޅަންޖެހޭނެއެވެ. ޢުމުރަށް ރޯންޖެހޭނެއެވެ. މިއީ ދުނިޔެ އަބަދުވެސް ދައްކައިދެމުން އަންނަ ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން