އަނބިމީހާ ހިތްހަމަޖެހިގެން އުފަލުގަ ނިދަން ބޭނުންވަނީ ބޮޑު ކޮޓަރިއަކާ ބޯގޮދަޑިއެއް އެޅި ބޮޑު އެނދެއް ނޫން! ނޭނގޭނަމަ ދަސްކޮށްލަމާ!: ޑރ. ފާތިމާ ޝިޒްލީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އަނބިމީހާ ހިތްހަމަޖެހިގެން އުފަލުގަ ނިދަން ބޭނުންވަނީ ބޮޑު ކޮޓަރިއަކާ ބޯގޮދަޑިއެއް އެޅި ބޮޑު އެނދެއް ނޫން! ނޭނގޭނަމަ ދަސްކޮށްލަމާ!: ޑރ. ފާތިމާ ޝިޒްލީން

އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ދިރިއުޅުމަކީވެސް ތަނަވަސް ދިރިއުޅުމެކެވެ. ނަމަވެސް އަޅުގަނޑަކަށް އެކަމުން ލިބޭ އެއްވެސް އުފަލެއް ނެތެވެ. މިފަދައިން ބުނާ އެތައް މިލިއަން އަންހެނުން ދުނިޔޭގައި އެބަތިއްބެވެ. ވީމާ މިކަންކަން މެދުވެރިވާ ސަބަބާއި އަދި މަައްސަލައިގެ ޙައްލާއިމެދު ވިސްނާލަމާހިނގާށެވެ!

ޒަވާޖީ ޙަޔާތް އުފާވެރިކަމާއެކު ކާމިޔާބުކުރުމުގެ ތަޅުދަނޑިއަކީ ހިތްހަމަޖެހިލައިގެން ނިދާލުމުގެ ފުރުޞަތު އަނބިމީހާއަށް ހޯދައިދިނުން ކަމަށް ބުނެފިނަމަ ވަރަށް ގިނަ ވާހަކަތައް ދައްކާނެއެވެ.

ނިދަން ދީފައި ހުރި ކޮޓަރީގެ އަރާމުކަމާއި އެނދުގެ ގޮދަޑީގެ ބޯމިނާއި ކިންގ ސައިޒުގެ އެނދެއް ހުންނާނެ ވާހަކައާއި ކޮޓަރީގައި އޭސީ ހުންނާނެ ވާހައާއި ނިދުމުގެކުރިން ހޫނުފެނުން ފެންވަރައިލެވެން ހުންނާނެވާހަކައާއި ޑްރެސިންގ ޓޭބަލްގެ ފުރިހަމަކަމާއި ސިޓީންގ ރޫމުގެ އިތުރުން ކޮޓަރީގައި ސޯފާ ސެޓެއް ހުންނާނެ ވާހަކަވެސް ދައްކާނެއެވެ.

މީގެ އިތުރުން އަނބިމީހާ ނިދުމުން އުނދަގޫ ނުކުރާ ވާހަކަ ޢާއި ގައިމަތީގައި އަޅަން ފެންވަރު ރަނގަޅު ކްއިލްޓެއް އޮންނާނެ ވާހަކަވެސް ދައްކާނެ އެވެ. އަދި މިހުރިހާ ކަންކަން ކޮށްދިނުމުން އަރާމުގައި ނުނިދެންވީ ކީއްވެގެންތޯ ސުވާލުކުރާނެއެވެ!

ޖަވާބަށް ފަށަމާ ހެއްޔެވެ؟

ތިމާ ދެކެ ލޯބިވާ، ލޯބިން ކައިވެނިކޮށްގެން އުޅޭ އެއްވެސް އަންހެނަކު އަރާމުގައި ނިދަން ކުރިން މިބުނި އެއްވެސް ކަމެއް ބޭނުމެއް ވެސް ނުވާނެއެވެ. ކިތަންމެ ހަރުތަނެއްގައި ވެސް އަރާމުގައި ނިދާނެއެވެ. އަދި ތަޅުންގަނޑުގައި ކުނަލެއް އަޅައިގެންވެސް ނިދައިފާނެއެވެ. ނަމަވެސް އޭނާއަށް ބޭނުންވާ ކަންތައްތަކެއް ހުރެއެވެ.

ފުރަތަމަ ކަމަކީ ފިރިމީހާގެ ލޯތްބާއި އަޅައިލުމާއި އެހީތެރިކަމެވެ. އެކުވެރިކަމާއި ގާތްކަމެވެ. ދެވަނަކަމަކީ ނިދާފަހުން ގެއަށް އައުމުގެ ބަދަލުގައި ރޭގަނޑުގެ ވަގުތުތައް އެކުގައި އެކުގައި ހޭދަކުރުމެވެ. އުފާވެރިކަމާއިއެކު ވާހަކަދައްކައި ޚިޔާލު ބަދަލުކުރުމެވެ. އަދި އެކުގައި ސަމާސާކޮށް ސަކަރާތްވެސް ޖަހައިލުމެވެ.

ފަށަމުން ބުނި ކަންކަން ކިތަންމެ ފުރިހަމަކުރި ނަމަވެސް ފަހުން މިބުނު ކަންކަން ފުރިހަމަކޮށް ނުދެވޭނަމަ އަނބިމިހާއަށް އަރާމުގައި ނިދައެއް ނުލެވޭނެއެވެ. އޮންނާނީ ދެބަދޭތެރެވެފައެވެ. ކަންބޮޑުވުމެއްގައެވެ.

އެނގޭހެއްޔެވެ؟ މިއަހަނީ އަނބިމީހާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ކޮބައިކަން އެނގޭތޯއެވެ. ދިރާސާތަކުން ފެންނަ ގޮތުގައި އަންހެނުންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އެކަނި ނިދަން ޖެއްސުމެވެ. ފިރިމީހާ ގެއަށް ނައިސްގެން އިންތިޒާރުކުރަން ޖެހުމެވެ. ވީއިރު މިބޮޑު އަނިޔާ ލިބެމުން ހިތްހަމަޖެހިލައިގެން ނިދައިލެވޭނީ ކިހިނަކުން ހެއްޔެވެ؟ ހިތްހަމަޖެހިލައިގެން ނިދައި ނުލެވޭނަމަ ބުރަފަތީގެ 3 ފިޔައިން 2 ފިޔަ އެވަނީ ބިނދިފައެވެ. އެންމެ ފިޔައަކުން ކުރިއަށް ދުއްވާނީ ކިހިނަކުން ހެއްޔެވެ؟

އަހަރެން އެދެނީ ވީހައި ގިނަ ބައަކު އަހަރެން މިދެއްކި ވާހަކަތަކަށް ވިސްނުމަށްފަހު އެމީހުންގެ ވިސްނުންވެސް ހިއްޞާކޮށްދިނުމެވެ. މިބޮޑު މައްސަލައަށް ޙައްލެއް ފެނޭތޯ އަހަރެން ކުރަމުން މިގެންދާ މަސައްކަތަށް އެހީތެރިވެދިނުމެވެ.

--ޑރ. ފާތިމާ ޝިޒްލީން

މިއަދު އޮންލައިން