ޢަލީ އިޙްޞާން ފިރާޤް
ފިރުޢައުނުގެ ބޮޑާކަމާއި ކިބުރުވެރިކަން:
ފިރުޢައުނުގެ ގެންދިޔައީ މޫސާގެފާނަށް ތަޙައްދީކޮށް އެކަލޭގެފާނުގެ ރަސޫލުކަން ދޮގުކުރަމުންނެވެ. އެކަލޭގެފާނުގެ ރަސޫލުކަމާމެދު ޝައްކު އުފައްދަމުންނެވެ. އޭނާގެ މީސްތަކުންވެސް އެކަލޭގެފާނަށް އީމާންވިޔަ ނުދީ ހައްލަމުންނެވެ. އެއްފަހަރު އޭނާ ޤައުމުގެ މީސްތަކުންގެ ތެރޭގައި ހުރެ ދެއްކި ވާހަކަތައް ޙިކާޔަތުގެ ގޮތުން ޤުރްއާނުގެ ޒުޚްރުފް ސޫރަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَـٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي ۖ أَفَلَا تُبْصِرُونَ ﴿٥١﴾ أَمْ أَنَا خَيْرٌ مِّنْ هَـٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ ﴿٥٢﴾ فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَاءَ مَعَهُ الْمَلَائِكَةُ مُقْتَرِنِينَ ﴿٥٣﴾
މާނައީ: [އަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.ފަހެ، އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ ملائكة ން ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ؟]
ފިރުޢައުނުގެ ވާހަކަތަކަށް، އޭނާގެ ޤައުމުގެ މީސްތަކުން ތަބާވުމުގެ ނަތީޖާއަކީ، ދެ ދުނިޔޭގައިވެސް ނިކަމެތިކަން އެބައިމީހުންނަށް މިންވަރު ކުރެއްވުމެވެ. އަރަހުށި މާތްﷲ އެބައިމީހުންވަނީ ކަނޑުގައި ޣަރަޤު ކުރައްވައިފައެވެ. ފަހުތިބީންނަށް ޢިބްރަތެއްކަމުގައި ލެއްވުމަށްޓަކައެވެ. ޒުޚުރުފު ސޫރަތުގެ 54 ވަނަ އާޔަތުން ފެށިގެން 56 ވަނަ އާޔަތުގެ ނިޔަލަށް މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ.
فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ ﴿٥٤﴾ فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ ﴿٥٥﴾ فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِّلْآخِرِينَ ﴿٥٦﴾
މާނައީ: [ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ.ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ.ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.]