ޢަލީ އިޙްޞާން ފިރާޤް
އިސްމާޢީލުގެފާނުގެ ބޭފުޅުން:
إسماعيل عليه السّلام، ދެބޭކަނބަލުންނާ ކާވެނި ބައްލަވައިގެންނެވި ކަމުގައި ބުޚާރީގައި ރިވާވެގެންވާ ޙަދީޘުން ދޭހަވެއެވެ. އެ ޙަދީޘް ގެ ޢިބާރާތްތައް ކުރިން ލިޔެވި ހިނގައްޖެއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ކާވެނިބެއްލެވީ ޢަމާލިޤުންގެ ތެރެއިން ހިމެނޭ ބޭކަނބަލަކާއެވެ. ނަންފުޅަކީ،عمارة بنت سعد އެވެ. إبراهيم عليه السّلام ގެ އެދިވަޑައިގެންނެވުމުގެ މަތިން އެކަމަނާ ވަރިކުރެއްވީއެވެ. ދެވަނައަށް ކާވެނި ބެއްލެވީ ޖުރުހުމް ވަންހައިގެ ބޭކަނބަލަކާއެވެ. އެކަމަނާއަކީ ޖުރުހުމްވަންހައިގެ ވެރިއެއްކަމުގައި ހިމެނޭ مضاض بن عمرو ގެ ދަރިކަނބަލެކެވެ. ނަންފުޅަކީ، السيدة بنت مضاض بن عمرو الجرهمي އެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 445}
إسماعيل عليه السّلام، އަށް ބާރަ ދަރިކަލުން ލިބިވަޑައިގެންނެވި ކަމުގައި، ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއްﷲ، އެކަލޭގެފާނު ލިޔުއްވި އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. މުޙައްމަދު ބިން އިސްޙާޤު ރަޙިމަހުއްﷲ، އެބޭފުޅުންގެ ނަންފުޅުތައް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. نابت، قيذر، ازبل، ميشى، مسمع، ماش، ودوصا، ارر، يطور، نبش، طيما، އަދި قذيما، އެވެ. މިނަންފުޅުތަކަކީ، އަހުލު ކިތާބީން އެބައިމީހުންގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ނަންފުޅުތައް ކަމުގައި ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއްﷲ، ލިޔުއްވައިފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 445}
ކޮންމެއަކަސް މައްކާގައި މީސްތަކުން ފެތުރި ގިނަވެގެން ދިޔައީ އިސްމާޢީލުގެފާނާއި ޖުރްހުމްވަންހައިގެ މީސްތަކުންގެ ފަރާތުންނެވެ. އެކަން ކުރީން ބަޔާންވެގެން ދިޔަ ޞަޙީހު ބުޚާރީގެ ރިވާޔަތުންވެސް ދޭހަވެއެވެ.
ޙަވާލާ
1. ލައިފްއެންޑް ޓައިމްސް އޮފް މެސެންޖާސް، ދާރުއްސަލާމް
2. ތަފްސީރު އިބްނު ކަޘީރު،
3. ޤުރްއާނުގެ ތަފްސީރު، ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
4. އަލްބިދާޔާ ވައްނިހާޔާ، އިބްނު ކަޘީރު
5. ރިޔާޟުއް ޞާލިޙީންގެ ދިވެހި ތަރުޖަމާ