ޢުމުރުގައި އަދިވެސް ގިނަ ދުވަސްތަކެއް އިތުރަށް އެބައޮތްކަމަށް ޤަބޫލުކުރެވި ވަޤުތަށް ރައްކައުތެރިނުވެވޭ މީހުން ވަރަށް ގިނައެވެ. ސުވާލަކީ ތިމާގެ ޢުމުރު އެނގެނީ ކާކަށް ހެއްޔެވެ؟ މިވެނި ޢުމުރަކަށް ދިއުމުން މިވެނިކަމެއްކުރަން ނިންމައިގެން ތިއްބައި އެއިގެ މާކުރިން ދުނިޔެއާއި އަލްވިދާޢުކިޔަންޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟
އެކަންކަން ބަޔާންކޮށްދެއްވައި ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ލިޔުއްވާފައިވާ ބަސްކޮޅެއް:
ވަގުތަށް ރައްކާތެރިވުން
ދުވަސްތަކަކީ ޢުމުރުގެ ބައެކެވެ. އަދި ކަޑައްތުކުރަމުންދާ މަގުގެ މަރުޙަލާތަކެކެވެ. ދުވަހަކަށް ފަހު ދުވަހެއް ފަނާވެގެންދެއެވެ. ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ޢުމުރު ހުސްވެއެވެ. އަދި އަޘަރުތައް ފުރިހަމަވެއެވެ. އަދި އަޖަލާ ގާތްވެއެވެ. އަދި ޢަމަލުގެ ޚަޒާނާތައް ބަންދުކުރެވެއެވެ.
ކުޅަދާނަ ޒުވާނާ އޭނާގެ ޒުވާންކަމުގެ ކުންނުގެ ދުވަސްވަރު ހެޔޮގޮތުގައި ބޭނުން ހިފައެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމުގައާއި ޢިލްމީ މަތަނުތައް (ދީނީ އެކި މާއްދާތަކުގެ ބިންގާ އަޅާދޭ ފޮތްތައް) ހިތުދަސްކުރުމުގައެވެ. އަދި ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމުގައެވެ. އަދި ފޮތްކިޔުމާއި އަޅުކަންކުރުމުގައެވެ.
އެއީ ނަބިއްޔާ صلى الله عليه وسلم ކުރެއްވި ވަޞިއްޔަތްޕުޅަށް ޢަމަލުކުރުމުގެ ގޮތުންނެވެ.
«احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ» [رواه مسلم 34 - (2664)]
މާނައީ: “ތިބާއަށް ފައިދާވަނިވި ކަންތައްތަކަށް ޝައުޤުވެރިކަން ބަހައްޓާށެވެ. އަދި ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ނުކުޅެދުންތެރިވެ ނުގަންނާށެވެ."
ޢިލްމުވެރިންގެ ތެރެއިން ކުރި އަރައިގެން ދިޔަ ބޭކަލުން، އެބޭކަލުންގެ ޢުމުރުފުޅުގެ ދުވަސްތަކަށް ރައްކާތެރިވެގެން މެނުވީ ކުރިއަރައިގެން ގޮސްފައި ނުވެއެވެ. އެކަންކޮށްފައިވަނީ ވަގުތަށް ރައްކާތެރިވެގެންނާއި އެބޭކަލުންގެ ރައްބަށް ކިޔަމަންގަތުމަށް އެބޭކަލުންނަށް ވާގިވެރިވި ޞާލިޙު އެކުވެރިންނާއެކު އުޅެގެންނެވެ.
[خطوات إلى السعادة لد. عبدالمحسن القاسم (ص: 58)]