ފާފަކުރެވޭ މީހުންނަށްވުރެ ބޮޑަށް ލަދާ ބިރުގަންނަން ޖެހޭނީ ވެސް އިޞްލާޙްވެ ތައުބާވާން ފަސްޖެހި އެކަމަށް ބޮޑާހާކާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފާފަކުރެވޭ މީހުންނަށްވުރެ ބޮޑަށް ލަދާ ބިރުގަންނަން ޖެހޭނީ ވެސް އިޞްލާޙްވެ ތައުބާވާން ފަސްޖެހި އެކަމަށް ބޮޑާހާކާ މީހުން!

ކޮންމެ މީހަކީވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. އިންސާނުންނަކީ ފާފަކުރެވޭނެ މީހުންނެވެ. އެކަމުގައި ހަމަ އެކަކުވެސް އިސްތިސްނާއެއް ނުވާނެއެވެ. އެކަންކަން ކީރިތި ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.

ވީމާ ފާފައެއް ކުރެވުމުން އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ނުރަނގަޅު އަމަލެއް ކުރެވުމުން އޮތީ އެކަން ޤަބޫލުކޮށް ތަކުރާރު ނުކުރުމެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ ކިބައިން މާފު އެދުމާއި ބަދަލު ދިނުމެވެ.

މީސްތަކުންނޭވެ! ކުރެވޭ ފާފައަކާއި ގުޅިގެން ނުވަތަ ނުވަތަ ނުރަނގަޅު ކަމަކާއި ގުޅިގެން މީހަކު ހެޔޮ ބަހެއް ބުނެފި ނަމަ ، ނަޞޭޙަތެއް ދީފި ނަމަ އަވަހަށް އެކަމެއް ބަލައިގަނެ އަމަލުކުރާށެވެ. މިކަން ބަޔާން ކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

" ފާފަކުރެވޭ މީހުންނަށްވުރެ ބޮޑަށް ލަދުވެތިވާންޖެހޭނީ ފާފަކުރެވުމުން ތައުބާވާން ފަސްޖެހޭ މީހުންނެވެ! ފާފަކުރެވޭ މީހުންނަށްވުރެ ނުބައިކަން ބޮޑީ އެކަން އިޞްލާޙްކުރަން ފަސްޖެހޭ މީހުންނެވެ. އަދި ހެޔޮ ނަޞޭޙަތް ދިނުމުން މީސްތަކުން އަމަލުކުރާ ގޮތް، އެކަން ބަލައިގަންނަ މިންވަރު އެއީ އެމީހެއްގެ އީމާންތެރިކަން އަނގައިދޭ މިންގަނޑެވެ. ފުރިހަމަ އީމާންތެރިކަމެއް ލިބިގެންވާނަމަ ވަގުތުން ތައުބާވާނެއެވެ. ޢަމަލުތައް އިޞްލާޙްކުރާނެއެވެ."

ވީމާ ފާފަކުރެވޭ މީހުންނަށްވުރެ ބޮޑަށް ލަދުވެތިވާން ޖެހޭނީވެސް ބިރުގަންނަން ޖެހޭނީ ވެސް އިޞްލާޙްވެ ތައުބާވާން ފަސްޖެހި އެކަމަށް ބޮޑާހާކާ މީހުންނެވެ. ފާފައެއް ކުރެވިދާނެއެވެ. މަސައްކަތް ކުރަންވީ ފާފައެއް ނުކުރުމަށެވެ. އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް ނަމަވެސް ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން