ނަމާދާއި އެހެން ހެޔޮ ޢަމަލުތައްވެސް ކުރުމުގެ ނިޔަތްނެތި ކުރާނެ ކަމަށް ނުބުނާށެވެ! ދޮގުހެދުމުން އިތުރަށް ފާފަވެރިވެ ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނަމާދާއި އެހެން ހެޔޮ ޢަމަލުތައްވެސް ކުރުމުގެ ނިޔަތްނެތި ކުރާނެ ކަމަށް ނުބުނާށެވެ! ދޮގުހެދުމުން އިތުރަށް ފާފަވެރިވެ ލިބޭނެ ދެރަ މާބޮޑުވާނެ!

ބައެއް މީހުން ނަމާދަށް ދިއުމުގެ ޤަޞްދު ނެތިވެސް ބަންގި ގޮވުމުން މީހަކު ނަމާދަށް ހިނގާށޭ ބުނެފިނަމަ "އިން ޝާ ﷲ" ބުނެ ނަމާދަށް ދާނެކަން އެބަ ހާމަކުރެއެވެ. "އިން ޝާ ﷲ " ބުނަންވާނީ ނަމާދަށް ދިއުމުގެ ނިޔަތް އޮވެގެންނެވެ. ވީމާ އެފަދަ މީހުން އެކުރަނީ އިތުރު ފާފައެކެވެ. ނަމާދު ނުކުރުމުގެ އިތުރުން ނަމާދަށް ދާނެ ކަމަށް ބުނެ ދޮގު ހެދުމުގެ ފާފައެވެ. މިހިރީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަންކަމެވެ.

ނަމާދުކުރުން ނޫން ކަމެއްގައިވެސް އެކަމެއް ކުރުމުގެ ނިޔަތް ނެތި "އިން ޝާ ﷲ" ނުބުނާށެވެ! މިޘާލަކަށް މީހަކު ކަމަކު އެދުމުން އެކަން ކޮށްދިނުމުގެ ނިޔަތް ނެތި އިން ޝާ ﷲ ނުބުނާށެވެ! އެއިރުން އެހެދެނީ ބޮޑު ދޮގެކެވެ. އެކަންވާނީ ވަރަށް ބޮޑު އޮޅުވައިލުމަކަށެވެ. "އިން ޝާ ﷲ" ބުނަން ވާނީ އެކަމެއް ކުރުމުގެ ޤަޞްދު އޮވެގެންނެވެ. މިފަދަ ކަންކަން އިޞްލާޙްކުރެވޭނީ ތިމާ ބުނާ ބަހުގެ އަޑު ﷲ ތަޢާލާ އައްސަވައިވޮޑިގެންވާކަން ޤަބޫލުކުރުމުގެ އިތުރުން ތިމާގެ ނިޔަތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ.

ހެޔޮ އަމަލެއް ކުރަން ނިޔަތް ގަތުމަކީވެސް 1 ޘަވާބު ލިބޭ ކަމެކެވެ. އަމަލުކުރުމުން 10 ޘަވާބު ދެއްވަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވަވާ މިންވަރަކަށް ޘަވާބު އިތުރުވެސްވެސް ކޮށްދެއްވަވަތެވެ.

ވީމާ ކޮންމެ މީހަކުވެސް ނަމާދު ވަގުތު ޖެހުމުގެ ކުރިން ނަމާދުކުރުމުގެ އިތުރުން ރަވާތިބު ސުންނަތްތައް ކުރަން ވެސް ނިވަތް ގަންނާށެވެ! އަދި ނަމާދުނިމުމުން ޛިކުރުކުރަންވެސް ނިޔަތްގަންނާށެވެ. އެއިރުން ވެސް ލިބިގެން އެދަނީ އިތުރު ޘަވާބެކެވެ. އިން ޝާ ﷲ

ނަމަވެސް ހަމަ އެކަނި ނިޔަތް ގަނެގެން ޘަވާބެއް ހޯދުމުގެ ބޭނުމުގައި ނިޔަތް ގަނެގެން ނުވާނެއެވެ. އެއިރުން އެކަން ވާނީ ހެދޭ މަކަރަކަށެވެ. ނިޔަތް ގަތް ފަދައިން ޢަމަލުކުރަންވެސް މަސައްކަތްކުރަންވާނެއެވެ. އިޚްލާޞްތެރިކަމަކީ އެއީއެވެ.

ނަމާދު ނުކުރަން އޮތީ އެންމެ 2 އުޒުރެވެ. އެއީ ހަނދާން ނެތުމާއި ނަމާދު ވަގުތު ޖެހުނީންސުރެ ނިމެންދެން ނިދިފައި އޮތުމެވެ. ނިދުމުގެ އުޒުރު މިގޮތަށް އޮތުމަކީ ނަމާދު ވަގުތު ފާއިތުވަންދެން ނިދާފައި އޮތުމަށް ހުއްދަ ލިބޭ ކަމެއް ނޫނެވެ. ނިދަންވާނީ ވަގުތު ފާއިތުވުމުގެ ކުރިން ހޭލައި ނަމާދުކުރުމަށް ނިޔަތް ގަނެގެންނެވެ. ހޭލަން ކުރެވެން ހުރި އިންތިޒާމުތައްވެސް ކޮށްގެންނެވެ.

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭ، ފަތިސްވުމުން އިތުރުއެކަލޭގެފާނު ހޭފުޅު ލެއްވެވުމުގެ މަސްއޫލިއްޔަތު މީހަކާއި ހަވާލު ކުރެއްވެވިއެވެ. ހޭފުޅު ނުލެއްވެވުނީ އެބޭކަލަކަށްވެސް އަވަހާރަފުޅު ލެއްޕެވުމުންނެވެ.

ވީމާ އެނގިގެން މިދަނީ ނަމާދު ވަގުތަށް ހޭލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ނިދައިގެން ނުވާނެ ކަމެވެ. ނަމާދު ވަގުތަށް ހޭލަން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން