ޢާއިލާގެ ވެރިކަމުގަ ހުރެވެސް އިހްމާލްވާނަމަ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޢާއިލާގެ ވެރިކަމުގަ ހުރެވެސް އިހްމާލްވާނަމަ ސުވަރުގޭގެ ވަސްވެސް ނުފެނިދާނެ!

ޙަދީޘްފުޅުގައި އޮތީ މީސްތަކުންގެ މައްޗަށް ބާރުވެރިކަމެއް ލިބުމުން އިހްމާލްވެއްޖެ މީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭނެ ކަމަށެވެ. ބާރުވެރިކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޤައުމުގެ ވެރިކަމެއް ނޫނެވެ. ޤައުމުގެ ވެރިކަންވެސް ހިމެނޭ ފަދައިން ފިރިމީހާއަށް ލިބޭ ޢާއިލާގެ ވެރިކަމާއި މުވައްޒިފުންތަކެއް ގެންގުޅޭނަމަ އެމީހުންގެ މައްޗަށް ބާރުހިންގުންވެސް ހިމެނެއެވެ. 

ކުރުކޮށްބުނާނަމަ ގެންގުޅޭ، އެމީހެއްގެ ބެލުމުގެ ދަށުގައިވާ އެންމެންގެ މައްޗަށް ޢަދުލުވެރިނުވެވޭނަމަ މިޙަދީޘްފުޅަށް ފެތި ހިތާމަކުރުން ޖެހުމަކީ ނެތްކަމެއް ނޫނެވެ.  

ﷲ ތަޢާލާ މީސްތަކުންނަށް ބާރުވެރިކަން ދެއްވަވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާތަކެއްވެސް އުފުލަން ޖެހޭ ގޮތަށެވެ. އެއްވެސް ޙާލެއްގައި އެއީ އެމިހަކު ބޭނުން ބައްޓަމަކަށް މޮޑެން އޮތް ފުށްގަނޑެއް ނޫނެވެ. 

Prophet Muhammad () said,

"Any man whom Allah has given the authority of ruling some people and he does not look after them in an honest manner, will never feel even the smell of Paradise."

Sahih al-Bukhari 7150 

މި ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގިގެންދަނީ އެއްވެސް މީހަކަށް، އެއްވެސް ބައެއްގެ މައްޗަށް އެއްވެސް ބާރުވެރިކަމެއް ނުވަތަ ވެރިކަމެއް ދެއްވެވުމުން އެންމެ އަމާނާތްތެރިކަމާއިއެކު އެކަމުގެ މަސްއޫލިޔަތު ނުއުފުލައިފި ނަމަ އެމީހަކަށް ސުވަރުގޭގެ ވަސް ފޯރާ ހިސާބަށް ވެސް ކައިރި ނުވެވޭނެ ކަމެވެ. 

އެހެންކަމަށްވާއިރު ޤައުމުތަކުގެ ވެރިން، ދައުލަތުގެ މަޤާމުތަކުގައި ތިބޭ ވެރިންގެ މަސްއޫލިއްޔަތާއިމެދު ވިސްނައިލާށެވެ! ﷲ ތައާލާ ދެއްވެވި މަޤާމުތައި ބައިތިއްބަވާ މުއްދަތުގައި ރައްޔިތުންނާއިމެދު ބޭނުންހައި ގޮތަކަށް ކަންކަން ކުރުމަށްފަހު ޤިޔާމަތް ދުވަހު ދެއްކޭނީ ކޮން މޫނެއް ހެއްޔެވެ؟ 

އަދި ކީއްހެއްޔެވެ؟ އަނބިންގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ފިރިން، ދަރިންގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ބައްޕައިން، މައިންބަފައިންގެ ޒިންމާ އުފުލަންޖެހޭ ދަރިން އެ ޒިންމާތައް އަދާ ނުކޮށް ސަލާމަތްވުމަށް ދުވަން އޮތީ ކޮން ދިމާއެއް ހެއްޔެވެ؟ މިއިން ކޮންމެ މީހަކީވެސް ހަމަ ﷲ ތަޢާލާ ބައެއްގެ މައްޗަށް މަސްއޫލިއްޔަތުތައް ޙަވާލުކުރައްވަވާފައިވާ މީހެކެވެ. ޖަވާބުދާރީ ނުވެ ސަލާމަތެއް ނުވެވޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން