ކިތަންމެ ގާތްމީހަކަށްވިޔަސް ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ދަރަންޏަށް އެއްޗެއްދޭނަމަ ލިޔެކިޔުން ފުރިހަމަކުރަންޖެހޭނެކަން ޤުރްއާނުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކިތަންމެ ގާތްމީހަކަށްވިޔަސް ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ދަރަންޏަށް އެއްޗެއްދޭނަމަ ލިޔެކިޔުން ފުރިހަމަކުރަންޖެހޭނެކަން ޤުރްއާނުން-!

އެކުވެރިއަކަށް ދަރަންޏެއް ދިން ނަމަވެސް ލިޔެ ސޮއިކުރުވަންޖެހޭނެތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެއްވެސް މީހަކަށް ދަރަންޏަށް އެއްވެސް އެއްޗެއް ދިނުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ކުޑަކަމެއްނަމަ ޤުރްއާނުގައި އެކަމުގެ ވާހަކަ މިހައި ތަފްޞީލްކޮށް އައިސްފައެއް ނުވާނެއެވެ.  

އެކަމުގެ މުހިންމުކަން ބޮޑުވަނީ ފަހުން ދެމީހުންކުރެ މީހަކު ހަނދުމަނެތުނަސް، ނެގި ޢަދަދާއިމެދު ހަނދާން ތަފާތުވިނަމަވެސް ލިޔެފައި އޮތުމުން ފެންނަން އޮންނާނެތީއެވެ. ޖެހޭ މައްސަލަތައް ކުޑަވާނެތީއެވެ. ވީމާ ދަރަނިދޭއިރު ލިޔަންވީ ދެމީހުން އެކަކު އަނެކަކަސް އިތުބާރުނުކުރާތީއެއް ނޫނެވެ. ދެމީހުންގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައެވެ.  

ވީމާ ކިތަންމެ ގާތްމީހަކަށްވިޔަސް ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ދަރަންޏަށް އެއްޗެއްދޭނަމަ ލިޔުމަކީ ﷲ ގެ އަމުރުފުޅެކެވެ! އަދި އެއީ ތަޤްވާވެރިކަން އިތުރުވާނެ ކަމެކެވެ!  

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުޢާމަލާމާތެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު ޢަދުލުވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، اللَّه ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ މަނަޢަވެ ނުގަންނަހުށި ކަމެވެ! ފަހެ، އޭނާ ލިޔާހުށި ކަމެވެ! އަދި، އެމީހެއްގެ މައްޗަށް ޙައްޤު އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ ﷲ އަށް، އޭނާ ތަޤްވާވެރި ވާހުށިކަމެވެ!" (އަލް ބަޤަރާ: 282)  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން