ހެޔޮލަފާ، ޞާލިޙް، ތަނަވަސް މީހުންނާއި ކުރަންއުޅޭ ކައިވެނި ނުކުރެވެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ އެކުވެރިންގެ އެސްފީނާ! މިކަންކަމަށް ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހެޔޮލަފާ، ޞާލިޙް، ތަނަވަސް މީހުންނާއި ކުރަންއުޅޭ ކައިވެނި ނުކުރެވެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ އެކުވެރިންގެ އެސްފީނާ! މިކަންކަމަށް ސަމާލުކަންދީބަލަ!

ކައިވެނިކުރަން ތައްޔާރުވަމުން އަންނައިރު އެކަން ބާއްވަންވާނީ ވީހާބޮޑަށް ސިއްރުކޮށްފައެވެ. އަހުރެން ބުރަވާނީ އެންމެ ގާތް އެކުވެރިންނަށްވެސް އެކަން އިޝްތިހާރުނުކުރުމަށެވެ. ސަބަބުވެސް ބުނެލާނަމެވެ.  

އެކުވެރިންގެ ތެރެއިން ގިނަ ބައަކު ތިބާ ކައިވެނިކުރަން ރުހޭނެއެވެ. އެކަމަށް އުފާވެސްކުރާނެއެވެ. ނަމަވެސް ވަރަށް މަދު މީހަކު ނޫނީ އޭނާގެ ލޯބިވެރިޔާއަށްވުރެ ނުވަތަ އޭނާގެ ބައިވެރިޔާއަށްވުރެ ރަނގަޅު މީހަކު ތިބާގެ ބައިވެރިއަކަށް ލިބޭކަށް ނުއެދޭނެއެވެ. އެހެންވެ ބޭރުފުށުން ރުހޭކަން ދެއްކިނަމަވެސް ގާތީ ޙަސަދަވެރިކަން ބޭއްވުމާއިއެވެ. އެކަމުގެ ސަބަބުން އެސްފީނާޖެހި ކުރިއަށްދާން ހުރަސްއެޅުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. 

ކައިވެނިކުރަން އުޅޭ މީހާގެ ޙަޤީޤަތް އޮޅުފިލުވަންވެސް މަޝްވަރާކުރަންވީ ތިބާގެ އެކުވެރިންނަކާއިއެއް ނޫނެވެ. މަޢުލޫމާތު އޮޅުންފިލުވަންވާނީ އޭނާގެ ޢާއިލާ އާއި އޭނާގެ ގާތްމީހުންގެ ކިބައިންނެވެ. އޭނާ އެބައަކާއި ގުޅުންއޮންނަ މީހުންގެ ކިބައިންނެވެ.  

މިކަމުގައިވެސް ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ. އެކަމަކީ އޭނާގެ ގާތް މީހުންގެ ތެރެއިން މީހަކު ބުނާ ބަހަކަށް ބަރޯސާވެ ކަންކަން ނުނިންމުމެވެ. ސަބަބަކީ އެމީހަކީ ކޮންމެވެސް ކަމަކާއިހުރެ އޭނާއާއި ޙަސަދަލައިގެން އުޅޭ މީހަކުނަމަ ތެދުމަޢުލޫމާތު ނުދީފާނެތީއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އޭނާގެ ޙަޤީޤަތް އެނގޭނެ ވީހާ ގިނަ ބައެއްގެ ކިބައިން ކަންކަން އޮޅުންފިލުވުމެވެ.  

ކައިވެންޏަކީ ސިއްރުކުރަން އޮތް ކަމެއް ނޫނެވެ. ކައިވެނިކުރުމުން އަދި ވަލީމާ ބޭއްވުމުން ގިނަ ބައަކަށް އެނގޭނެއެވެ. އެހެންވެ ދައްކަނީ އެއްވެސް ޙާލެއްގައި ކައިވެނި ސއްރުކުރުމުގެ ވާހަކައެއް ނޫނެވެ. ކައިވެނިކުރަން މަޝްވަރާކުރެވެމުން އަންނައިރު އެކަން ކޮންމެހެން އަންގަން ޖެހޭނެ މީހުންނަށް ނޫނީ ނުއެންގުމުގެ ވާހަކައެވެ.  

ރަނގަޅަށް ބަލައި ހޯދާށެވެ! ހެޔޮލަފާ ޞާލިޙް، ތަނަވަސް މީހުންނާއި ކުރަންއުޅޭ ކައިވެނި ނުކުރެވެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ އެކުވެރިންގެ އެސްފީނާކަމަށް ވެފައި އޮންނަކަން އެނގޭނެއެވެ. ވީމާ މިއީ ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން