ޢަލީ އިޙްޞާން ފިރާޤް
ފިރުޢައުނު ކަނޑުގައި ޣަރަޤު ކުރެއްވެވުން:
މިޞްރުގެ ޤިބްޠީނާއި، ފިރުޢައުނުގެ އައުވާނުން، އެބައިމީހުންގެ ކާފިރުކަމުގައި ޙައްދު ފަހަނައަޅައި ދާންފެށުމުން، މޫސާގެފާނު އެބައިމީހުންނަށް ޒާތްޒާތުގެ މުޢުޖިޒާތްތައް ދައްކަވައި، ހަމަ މަގަށް އެޅުވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އެބައިމީހުންގެ ހިތާއި ސިކުނޑީގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް ނުއުފެދުނެވެ. މޫސާގެފާނަށް އީމާންވީ ވަރަށް މަދު ބައެކެވެ. އެއީ ފިރުޢައުނުގެ ޚާންދާނުގެ ތެރެއިން ތިންމީހަކާއި، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައިވާ ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންގެ ތެރެއިން ބައެކެވެ. ޔޫނުސް ސޫރަތުގެ 83 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.
فَمَا آمَنَ لِمُوسَىٰ إِلَّا ذُرِّيَّةٌ مِّن قَوْمِهِ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَئِهِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ ﴿٨٣﴾
މާނައީ: [ފަހެ، موسى ގެފާނަށް އެކަލޭގެފާނުގެ قوم ގެ ބައެއް ދަރިކޮޅު މެނުވީ إيمان އެއް ނުވެތެވެ. (އެއީ) فرعون އާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، دين ން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.]
ކޮންމެއަކަސް ފިރުޢައުނާއި އޭނާގެ ގާތުގައިވާ މީސްތަކުންގެ އަނިޔާވެރިކަން ޙައްދުފަހަނަ އަޅައި ދިޔުމުން، މޫސާގެފާނު އެބައިމީހުންނަށް ޢަޛާބު ދެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. ޔޫނުސް ސޫރަތުގެ 88 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَن سَبِيلِكَ ۖ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ ﴿٨٨﴾
[ موسى ގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ فرعون އަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ފެނިއްޖައުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ.]
އަރަހުށި މާތްﷲ އެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. [ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ دعاء އިޖާބަކުރައްވައިފީމެވެ. ފަހެ، ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން تبع ވެވަޑައި ނުގަންނަވާހުށިކަމެވެ!] {ޔޫނުސް 89}
ދެން މާތްﷲ، މޫސާގެފާނަށް އަމުރު ކުރެއްވީ ރޭގަނޑުގެ ވަގުތުގައި، ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނާގެން މިޞްރުން ނުކުމެވަޑައިގަތުމަށެވެ. މި ވާހަކަ އަށް އިޝާރާތް ކުރައްވައި ސޫރަތުއް ޝުޢަރާއުގެ 52 ވަނަ އާޔަތުގައި، ވަޙީ ކުރައްވައިފައިވެއެވެ.
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُم مُّتَّبَعُونَ ﴿٥٢﴾
މާނައީ: [ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުންނާއިގެން، ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، فرعون އާއި އޭނާގެ لشكر ދާނެތެވެ.)]
އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [މޫސާގެފާނު ބަނީ އިސްރާއީލުންނާއެކު މިޞްރުން ނިކުމެވަޑައިގެންނެވީ، ރޭގަނޑެއްގެ ވަގުތުގައެވެ. އެރޭ ހުރީ ހަނދު ކޭތަވެސް ހިފައިފައެވެ. އެކަލޭގެފާނު މިޞްރުން ނުކެމެވަޑައިގަތީ، ސަލާމްލެއްވި ޔޫސުފުގެފާނުގެ ހަށިކޮޅުވެސް ހިއްޕަވައިގެންނެވެ. އެކަލޭގެފާނަށް އެ ހަށިކޮޅު އޮތްތަން ބުނެދިނީ، ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި އިން މުސްކުޅި އަންހެނެކެވެ.]
އެހެން ރިވާޔަތެގައިވެއެވެ. ޔޫސުފުގެފާނުގެ ހަށިކޮޅު މިޞްރުން ގެންދެވުމަކީ، އެކަލޭގެފާނު ވަޞިއްޔަތް ކުރައްވައިފައިވާ ކަމެކެވެ. އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅުގައިވަނީ، އެއްވެސް ބަނީ އިސްރާއީލުންގެ މީސްތަކުން މިޞްރުން ނުކުމެގެންދާނަމަ، އެކަލޭގެފާނުގެ ހަށިކޮޅުވެސް، އެބައިމީހުންނާއެކު ގެންދިޔުމަށެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 7 ވަނަ ޖިލްދު، ޞަފްޙާ 231}
ކޮންމެއަކަސް ރޭގަނޑުގެ ވަގުތުގައި ބަނީ އިސްރާއީލުންގެ މީސްތަކުން މިޞްރުން ނުކުމެގެން ހިއްގައްޖެއެވެ. އޭގެ އަނެއް ދުވަހު ފިރުޢައުނަށް އެބައިމީހުން މިޞްރުން ނިކުމެގެން ގޮސްފިކަން އެނގުމުން އެކަމާ ވަރަށް ރުޅިއަތުވެއްޖެއެވެ. އޭނާ ކަންތައް ކުރިގޮތް ބަޔާން ކުރައްވައި ޤުރްއާނުގެ ސުޢަރާއު ސޫރަތުގެ 53 ވަނަ އާޔަތުން ފެށިގެން 56 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ ﴿٥٣﴾ إِنَّ هَـٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ ﴿٥٤﴾ وَإِنَّهُمْ لَنَا لَغَائِظُونَ ﴿٥٥﴾ وَإِنَّا لَجَمِيعٌ حَاذِرُونَ ﴿٥٦﴾
މާނައީ: [ފަހެ، فرعون، މީހުން އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވިއެވެ.ހަމަކަށަވަރުން، މިބައިމީހުންނީ، (އެބަހީ: އިސްރާއީލުގެދަރިންނަކީ) ނިކަމެތި މަދުމީސްކޮޅެއްކަން ކަށަވަރެވެ.އަދި ހަމަކަށަވަރުން، އެއުރެންނީ ތިމަންމެން ރުޅިއަރުވާ ބަޔަކުކަން ކަށަވަރެވެ.އަދި ހަމަކަށަވަރުން، ތިމަންމެންނީ (ކަންކަމަށް) ރައްކާތެރިވެ، ތައްޔާރަށްތިބޭ ބަޔަކީމުއެވެ.]
ދެން، ފިރުޢައުނާއި، އޭނާގެ ދަޢުލަތުގެ ބޮޑުން، ބިޔަ ލަޝްކަރަކާއެކު، ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ފަހަތުން ނުކުތެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނާ އަރާ ހަމަކުރީ، އިރު އެރި ވަގުތުގައެވެ. ފިރުޢައުނުގެ ލަޝްކަރު އަންނަތަން ފެނުމުން ބަނީ އިސްރާއީލުން މޫސާގެފާނަށް ދެންނެވިއެވެ.
[ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.]
މޫސާގެފާނު ވިދާޅުވިއެވެ. [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.]
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ބަނީ އިސްރާއީލުންނާއެކު ވަޑައިގެންނެވިއިރު މޫސާގެފާނާއި، ފިރުޢައުނުގެ ޚާންދާނުގެ ތެރެއިން އީމާންވި މީހާ ވަޑައިގަންނަވަމުން ގެންދެވީ އެބައިމީހުންގެ ފަހަތުންނެވެ. ހާރޫނުގެފާނާއީ، ޔޫޝަޢުގެފާނު ވަޑައިގަންނަވަމުން ގެންދެވީ އެބައިމީހުންގެ ކުރިމަތިންނެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 7 ވަނަ ޖިލްދު، ޞަފްޙާ 234}
ފިރުޢައުނުގެ ލަޝްކަރު ގާތްވި ހިނދު މޫސާގެފާނަށް މާތްﷲ ވަޙީ ކުރެއްވީ، އެކަލޭގެފާނުގެ އަޞާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. އެއަށްފަހު ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްޞީލު ސޫރަތުއް ޝުޢަރާއުގެ 63 ވަނަ އާޔަތުން ފެށިގެން 66 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ ۖ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ ﴿٦٣﴾ وَأَزْلَفْنَا ثَمَّ الْآخَرِينَ ﴿٦٤﴾ وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ ﴿٦٥﴾ ثُمَّ أَغْرَقْنَا الْآخَرِينَ ﴿٦٦﴾
މާނައީ: [ފަހެ، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسى ގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ.ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فرعون އާއި އޭނާގެ قوم ގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غرق ން) ސަލާމަތް ކުރެއްވީމެވެ.ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ.]
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރައްވައި، ފިރުޢައުނު، ކަނޑުގައި ޣަރަޤު ކުރެއްވި ވާހަކަ ޠާހާ ސޫރަތުގެ 77 ވަނަ އާޔަތުން ފެށިގެން 79 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިނެވެ.
وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ ﴿٧٧﴾ فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ ﴿٧٨﴾ وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ ﴿٧٩﴾
މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑުގައި ހިންގަވައި (مصر ގެ ބިމުން) ނުކުމެވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް ކަނޑުގައި ހިކިފައިވާ މަގެއް ހައްދަވާށެވެ! (فرعون ގެ لشكر) އަތުލައިގެންފާނެތީ، ބިރުފުޅުނުގެން ހުންނަވާ حال ގައެވެ. އަދި (ކަނޑުގައި غرق ވެދާނެތީވެސް) ބިރުފުޅުނުގެން ހުންނަވާ حال ގައެވެ.ފަހެ، فرعون އޭނާގެ لشكر އާއިގެން އެއުރެންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ لشكر އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ.فرعون އޭނާގެ قوم ގެމީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެއުރެންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ.]
ފިރުޢައުނު ކަނޑަށް ޣަރަޤު ކުރެވުނު ހިނދު އޭނާ އަރަހުށި މާތްﷲ ގެ ޙަޟްރަތަށް އީމާންވިއެވެ. ނަމަވެސް އެވަގުތު އޭނާ ވި އެއްވެސް އީމާނަކުން މަންފާއެއް އޭނާއަކަށް ނުކުރިއެވެ. މި ވާހަކަ ކީރިތި ޤުރްއާނުގެ ޔޫނުސް ސޫރަތުގެ 90 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 92 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا ۖ حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَـٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ ﴿٩٠﴾ آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ ﴿٩١﴾ فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ ﴿٩٢﴾
މާނައީ: [ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލުގެ ދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. އިސްރާއީލުގެ ދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ.(އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ.ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، عبرة އެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ آية ތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ހެކިތަކާމެދު) غافل ވެގެންކަން ކަށަވަރެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ފިރުޢައުނު ކަނޑުގައި ޣަރަޤު ކުރެއްވި ކަމާމެދު ބަނީ އިސްރާއީލުންގެ ބައެއް މީހުންގެ ހިތުގައި ޝައްކު އުފެދިގެން ދިޔައެވެ. އެހެންކަމުން، މާތްﷲ ކަނޑަށް އޭނާގެ ހަށިގަނޑު އޭނާ ލައިގެން ހުރި ދަހަނާއާއެކު ބިމުގެ ހިކިފަސްތަނަކަށް އެއްލައިލުމަށް އަމުރު ކުރެއްވިއެވެ. އެއީ، ފިރުޢައުނު ކަނޑުގައި ޣަރަޤު ކުރައްވައި އޭނާ ނެތި ކުރެއްވިކަން އެބައިމީހުންނަށް އެންގެވުމަށްޓަކައެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 654}
އަދިވެސް ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [ނަބިއްޔާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެކަލޭގެފާނަށް ޢާޝޫރާ ދުވަހުގައި، ޔަހޫދީން ރޯދަ ހިފައި އުޅޭކަން އެނގިވަޑައިގެންނެވިއެވެ. އެނގިވަޑައިގެން އެކަމާ ގުޅޭ ގޮތުން ޔަހޫދީންނާ ސުވާލު ކުރެއްވުމުން އެބައިމީހުން ދެންނެވިއެވެ.
[މި ދުވަހަކީ، ފިރުޢައުނުގެ މައްޗަށް ސަލާމްލެއްވި މޫސާގެފާނަށް ނަޞްރު ލިބިވަޑައިގެންނެވި ދުވަހެވެ.]
މި އަޑު އައްސަވައި ނަބިއްޔާ صلّى اللّـه عليه وسلّم މުސްލިމުންނާ ދިމާއަށް ޙަދީޘް ކުރެއްވިއެވެ. [ އެބައިމީހުންނަށްވުރެ މޫސާގެފާނާ އެންމެ ގާތްކަން ބޮޑުވެގެންވަނީ އަހަރެމެންނެވެ. އެހެންކަމުން މިދުވަހުގައި ރޯދައަށް ތިބޭހުށި ކަމެވެ.] {އިމާމު ބުޚާރީ، ޞަޙީޙު ބުޚާރީ، ކިތާބުއް ތަފްސީރު، ހަދީޘް ނަންބަރު، 4737}