ﷲ ގެ ޙުކުމްފުޅު ނޫން ގޮތަކަށް ޙުކުމްކުރާނަމަ އަބަދުވެސް ދާނީ އިތުރު މައްސަލަތައް ކުރިމަތިވަމުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ﷲ ގެ ޙުކުމްފުޅު ނޫން ގޮތަކަށް ޙުކުމްކުރާނަމަ އަބަދުވެސް ދާނީ އިތުރު މައްސަލަތައް ކުރިމަތިވަމުން: މުފްތީ މެންކް

އަޅުގަނޑަށް ވިސްނޭގޮތުން ﷲ ގެ ޙުކުމްފުޅުތައް ދޫކޮށްލައި އަމިއްލައަށް ޙުކުމްތައް އުފައްދައިގެން އަދަބުދިނުމަކީ ރައްޔިތުންނަށް ކުރާ އަނިޔާއެކެވެ. އެހެނީ އެމީހާއަށް ޙައްޤުވެގެންވާ ޙުކުމަކީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙުކުމްފުޅުތަކެވެ. ޤުރްއާނާއި ސުންނަތުން ފެންނަހުރި ޙުކުމްފުޅުތަކެވެ. އެމީހަކު އިޞްލާޙްކުރަން ދެވޭ އަދަބުތައް ފިޔަވައި އެނޫން ކޮންމެ އަދަބަކީ ދެވޭ އަނިޔާއެކެވެ.

ވައްކަންކުރުމުންނާ ބަނގުރާ ބުއިމުން ރާއްޖޭގައި މިކުރާ ޖުރުމަނާއަކީ ކޮންގޮތަކުން ނެރެގެން ކުރާ ކަމެއްތޯ؟

ކިޔުނތެރިޔާގެ ސުވާލަށް މުފްތީ މެންކް ރާއްޖޭގައި ދެއްވި ދަރުސެއްގައި ދެއްކެވި މިވާހަކަފުޅު ފުދޭކަމަށް ހީކުރަމެވެ.

މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އަމިއްލައަށް ޙުކުމްތައް ނުނެރޭށެވެ. ޙުކުމް ނެރެން ޖެހޭނީ އެކަމުގެ ޢިލްމު ލިބިގެން ތިބި ބައެއްކެވެ. އެކަމަށް ޚާޢްޞަކުރެވިފައިވާ މުއައްސަސާއަކުންނެވެ. އަމިއްލައަށް ޙުކުމް ނެރޭނަމަ އެކަމުގައި ނެރެންޖެހޭ އެންމެ ފުރިހަމަ ޙުކުމް ނުނެރެވިދާނެއެވެ. ވީމާ އެއްވެސް ކަމެއްގައި އަމިއްލައަށް ޙުކުމް ނެރުމެއް ނެތެވެ.

އެއްވެސް މީހަކު ކުރާ ކަށަކަށް އަދަބު ދިނުމަކީ ޢާންމު ރައްޔިތުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ އެކަމުގެ ބާރުތައް ލިބިގެންވާ މުއައްސަސާތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ މީސްތަކުން އަމިއްލައަށް ޙުކުމްތައް ނެރެގެން މީހުންނަށް އަނިޔާވެރިވާނަމަ އެކަމުގެ ބަދުލުގައި އެހެން ބައަކު އެމީހާއަށް އަނިޔާވެރިވާނެ އެވެ. ވީމާ އަނިޔާވެރިކަމެއް ދުވަހަކުވެސް ނުނިމޭނެއެވެ.

އިސްލާމް ދީނުގައި ޚިޔާލުތަފާތު ކަންކަން ހުންނާނެއެވެ. އެއީ މައްސަލައަކަށް ހަދައިގެން ނުވާނެ އެވެ. ރަސޫލް (ﷺ) ވެސް ވަނީ ތަފާތު ވިސްނުމަށް ފުރުޞަތު ދެއްވަވާފައެވެ.

މިސާލަކަށް:

ޚިޔާލު ތަފާތު ނުވެވޭނީ ދީނުގެ އަސާސްތަކާއިމެދުގައެވެ. އަދި އެއްވެސް މުސްލިމަކު ދީނުގެ އެއްވެސް އަސާސަކާއިމެދު ޚިޔާލުތަފާތުވެގެން ނުވާނެ އެވެ. މިސާލަކަށް ނަމާދުކުރަން ޖެހޭ ކަމާއި ކުރަން ޖެހޭނީ ދުވާލަކު 5 ނަމާދު ކަމާއިމެދު އެއްވެސް މީހަކު ދެބަސްވެގެން ނުވާނެ އެވެ. ފަރުޟު ރޯދަ ހިފަން ޖެހޭނީ ރަމަޟާންމަހު ކަމާއި ޙައްޖުވާން ޖެހޭ ދުވަސްތަކާއިމެދު އެއްވެސް މީހަކު ދެބަސްވެގެން ނުވާނެ އެވެ!

ބަނގުރަލުގެ އަދަބު ދިނުމުގައި އަބޫބަކުރުގެފާނު ދެއްވި އަދަބަށްވުރެ ބޮޑު އަދަބު ޢުމަރުގެފާނު ދެއްވެވި އެވެ. ޢުޘްމާންގެފާނަށް ޚަލީފާކަން ލިބިވަޑައިގަތުމުން ދެއްވެވީ އަބޫބަކުރުގެފާނު ދެއްވެވި އަދަބެވެ. ޢަލީގެފާނަށް ޚަލީފާކަން ލިބިވަޑައިގަތުމުން ދެއްވެވީ ޢުމަރުގެފާނު ދެއްވެވި އަދަބެވެ.

އެހެންކަމާއިއެކުވެސް އެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކު ކުށްވެރިކުރައްވަވާފައެއް ނުވެއެވެ. 4 ބޭކަލުންވެސް ޢަމަލުކުރެއްވެވީ ރަސޫލް (ﷺ) ޢަމަލުކުރެއްވެވެވި އިމުގެ ތެރެއިންނެވެ. ވީމާ ދެކޮޅުވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނުވެއެވެ. އަހަރެމެންވެސް އަމަލުކުރަންވީ މިއުޞޫލުންނެވެ. ރަސޫލް (ﷺ) ޢަމަލުކުރެއްވެވި އިންތަކުގެ ތެރެއިންނެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން