ފާފަކުރެވުނަސް ސުވަރުގެ ބޭނުންވެގެން މަސައްކަތްކޮށްފިނަމަ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ފާފަކުރެވުނަސް ސުވަރުގެ ބޭނުންވެގެން މަސައްކަތްކޮށްފިނަމަ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

ފާފަކުރާ މީހުން އެކަމުން ސަލާމަތްކުރެވޭތޯ ހެޔޮ ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކުރެވުނު ފާފަތަކާއިއެކު ނަރަކައަށް ވަންނަންޖެހުން ނޫން އެއްވެސް ގޮތެއް އޭނާއަށް ނެތްކަމަށެވެ. އަދި ފާފަކުރުންމަތީގައި ހުރިނަމަވެސް ސުވަރުގެ ވައްދަވާނެކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ.  

ނަމަވެސް އެއީ ވަރަށް ކުށް ވިސްނުމެކެވެ. ވޭން ގަދަ، ގަދަފަދަ ޢަޛާބުން ފުރިގެންވާ ނަރަކަ ވެސް އަދި މަތިވެރިވެގެންވާ ނިޢްމަތްތަކުން ފުރިފައިވާ ސުވަރުގެ ވެސް ﷲ ތަޢާލާ އުފައްދަވާފައިވަނީ ހަމަ ފާފަކުރާ މީހުންނަށެވެ! 

މިހެން ބުނުމުން އެއީ ކިހިނަކުން ވާނެ ކަމެއްތޯ ބައެއް މީހުން ސުވާލުކުރެއެވެ. އެކަން އެވާ ގޮތަކީ ނަރަކަ އުފައްދަވާފައިވަނީ ފާފަކޮށް އެކަމަށް ތައުބާ ނުވާ މީހުންނަށެވެ. ފާފަކުރެވުނު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެނަމަ ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ. އެކަމަކު މިބުނި ބަސް ހަނދާނުގައި ބަހައްޓާށެވެ! ތައުބާނުވެ ފާފަކުރުންމަތީގައި ހުރެއްޖެނަމަ އެމީހަކީ ސުވަރުގެ ހޯދަން މަސައްކަތްކުރި މީހަކަށް ނުވާނެއެވެ. ވީމާ އެއީ ސުވަރުގެ ޙައްޤު މީހަކު ކަމަށް ބުނެވޭކަށް ނެތެވެ. 

ދެން މިއޮތީ ސުވަރުގޭގެ ވާހަކައެވެ. ސުވަރުގެ އުފައްދަވާފައިވަނީ ފާފަކުރެވުމުން އެކަމަށް ތައުބާ ވާ މީހުންނަށެވެ. ފާފަކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެނަމަ ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އެމީހަކަށް ހުރި ތަނަކީ ސުވަރުގެއެވެ. އިން ޝާ ﷲ

ވީމާ ﷲ ތަޢާލާ ނަރަކަ އާއި ސުވަރުގެވެސް އުފައްދަވާފައި މިހުރީ ހަމަ އެއް ބައަކަށެވެ. ފާފަކުރެވޭ މީހުންނަށެވެ. ހުރި ތަފާތަކީ ތައުބާވުމާއި ނުވުމުގެ ތަފާތެވެ. ތައުބާވާ މީހުންނަށް ސުވަރުގެއެވެ. ތައުބާނުވި މީހުންނަށް ނަރަކައެވެ. 

މީސްތަކުންނޭވެ! މި ބުނެދިން ކުޑަ ބަސްކޮޅުން އެކަނިވެސް ފާފަ ކުރެވޭނެ ކަމާއި މުހިންމީ ތައުބާވުންކަން އެބަ އެނގިގެންދޭ ނޫން ހެއްޔެވެ؟ ދެން ނިކަން އިތުރަށް ވިސްނައިލަބަލާށެވެ! 

"ފާފަކުރެވުމުގެ އިތުރުން ތިމާއަކީ ފާފަކޮށް އަދި ކިބުރުވެރިވެ ބޮޑާވާ މީހަކަށް ނުވާށެވެ! މާނައަކީ ފާފައެއް ކުރެވިއްޖެކަން އިޙްޞާޞްކުރެވުމާއިއެކު ވަގުތުން ތައުބާވުމެވެ. ތައުބާވުން ފަސްކުރާނަމަ އެއީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ޢަލާމާތެވެ.؟" 

ބޮޑާކަމާއި ކިބުރުވެރިކަން ފަދަ ސިފަތަކަކީ މުނާފިޤުންގެ ސިފަތަކެވެ. ނަރަކައިގައި އެންމެ ގަދަފަ ޢަޛާބު ލިބޭނީ މުނާފިޤުންނެވެ. އެހެންވެ އެމީހުން ތިބޭނީވެސް ނަރަކައިގެ އެންމެ އަޑީގައެވެ. އެންމެ ގަދަފަދަ ޢަޛާބުގައެވެ. އެކަންކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.  

ފާފަކުރެވުމުން ތައުބާވުން ލަސްކުރާ މީހާ ވެއްޓިގެން އެދަނީ އިބިލީހުގެ ދަރަޖައަށެވެ. އިބިލީސް އަމަލުނުކުރީ އާދަމްގެފާނަށް ސަޖިދަ ކުރަން ﷲ ތަޢާލާ ކުރެއްވެވި އަމުރުފުޅަށެވެ. ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގaތުމަކީވެސް ހަމަ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. 

އިބިލީސްވެސް ސަޖިދަ ނުކުރީ ހަމަ ކިބުރުވެރިކަމާއި ބޮޑާކަމުންނެވެ. މީސްތަކުންވެސް ފާފަކުރެވުމުން ތައުބާނުވެ ލަސްކުރަނީ ހަމަ ބޮޑާކަމާއި ކިބުރުވެރިކަން ބޮޑުކަމުންނެވެ. އެހެންވެ ގިނަގިނައިން ތައުބާވުމަށް މީސްތަކުންނަށް ހިތްވަރު ދެއްވަވައި ވަޙީ ކުރައްވަވާފައިވެވއެވެ.

"ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ." (ބަޤަރާ: 222) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން