ކޮންމެ ބޭނުމަކު ބޭރު ޤައުމުތަކަށްދިއަނަމަވެސް ކޮންމެހެންވެސް ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކޮންމެ ބޭނުމަކު ބޭރު ޤައުމުތަކަށްދިއަނަމަވެސް ކޮންމެހެންވެސް ސަމާލުކަން ދޭން ޖެހޭ އެންމެ މުހިންމު ބައެއް ކަންކަން-

ސްކޫލްތަކުގެ ބޮޑުބަންދު ނުވަތަ ބޮޑު ޗުއްޓީގައި ބޭސްފަރުވާ ކުރުމަށާއި ޢާއިލާ އެކުގައި ޗުއްޓީ ހޭދަކޮށްލަން ޤައުމުން ބޭރަށްދާ މީހުން ގިނަ ނަމަވެސް ކިތަންމެ ކުޑަ ޗުއްޓީއެއް ލިބުނަސް ބޭރު ޤައުމުތަކަށް ގޮސްއުޅޭ މީހުންވެސް މަދެއް ނޫނެވެ. އަދި އެއްވެސް ޗުއްޓީއަކާއި ދިމާނުވިނަމަވެސް ތަފާތު ބޭނުންތަކަށް ދަތުރުކުރާ މީހުންވެސް ވަރަށް ގިނައެވެ. 

އަހުރެމެންނަކީ މުސްލިމުންނެވެ. ބޭރު ޤައުމުތަކަށްދާ މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއް ކަމަކީ އެހެން ދީން ތަކުގެ މީހުން ކުރާ ދީނީ ކަންކަމުގައި ބައިވެރިނުވުމެވެ. އެހެން ދީންތަކުގެ މީހުންނާ ބައްދަލުވެ އުޅޭއިރުވެސް ތިމާއަކީ މުސްލިމެއްގެ ގޮތުގައި ބައްދަލުކޮށް އުޅުމެވެ. 

އަންހެނުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްކަމަކީ އަޢުރަ ނިވާކޮށްގެން އުޅުމެވެ. ބޭރު ޤއުމަކަށް ދެވުމަކީ އަޢުރަ ކަޝްފުކުރުން ހުއްދަވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް މައިން އިތުރަށް ސަމާލުކަން ދޭށެވެ! އެހެނީ ދަރިން ކަންކަން ދަސްކުރާނީ މައިންގެގާތުންނެވެ. ވީމާ މައިންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކަން ޖެހޭނެ ބައެކެވެ. 

ނަމާދުކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ދަތުރުގައި އުޅޭއިރު ނަމާދުކުރުމަށް އިސްލާމް ދީނުގައި ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފާށެވެ! ދަރިން ލައްވައިވެސް ނަމާދުކުރުވާށެވެ! ދަރިން ބޮޑުވެ އެކަނި ދަތުރުކުރަން ފެށުމުން ވެސް އެކަމަށް އާދަވާނީ އެގޮތުގައި ތަރުބިއްޔަތުކުރުމުންނެވެ. 

ކައިބޮއި ހެދުމުގައިވެސް ބޭނުން ކުރެވެނީ ޙަލާލުތަކެތިކަން ކަށަވަރުކުރާށެވެ. ޝައްކުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ! އެތަނެއްގައި ކައްކަނީ ޙަލާލްތަކެތިކަން ޔަޤީން ނުކުރެވޭ ތަންތަނުން ކައިބޮއިނުހަދާށެވެ! 

އެހެން ދީންތަކުގެ މީހުންނާ ބައްދަލުވުމުން ރިވެތިގޮތުގައި މުޢާމަލާތުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެމީހުންގެ ހިތްތައް މުސްލިމުންގެ ފަރތަށް ލެނބުން ވަނީ އެގޮތުގައެވެ. އެހެން ދީންތަކުގެ މީހުންނާއި އެއްވެސް ވަރަކަށް ޖަދަލު ނުކުރާށެވެ! އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްއިރު ލިބޭނީ ގެއްލުމެވެ. މުސްލިމުންގެ އެންމެ ޚާއްޞަ ސިފައަކީ ރިވެތި އަޚްލާޤްކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެއެވެ. 

މުސްލިމުން ޢަމަލުކުރަންވީ ޢަރަބިން ނުވަތަ ވަކި ބައަކު ދަތުރު ގޮސް އުޅޭ ގޮތަކަށް ނޫނެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ﷲ ތަޢާލާއަށް ބިރުވެތިނުވެ ހިތަށް އެރިހައި ގޮތަކަށް އުޅޭ ބައަކުވެސް އުޅޭނެތީއެވެ. ޢަމަލުކުރަން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ސަލާމަތްކަން އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން