މިކަންކަމަށް ވިސްނައިގެން ކައިވެނިކުރާނަމަ މައްސަލަޖެހުމާ ކައިވެނި ރޫޅުން ބޮޑުތަނުން މަދުވާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިކަންކަމަށް ވިސްނައިގެން ކައިވެނިކުރާނަމަ މައްސަލަޖެހުމާ ކައިވެނި ރޫޅުން ބޮޑުތަނުން މަދުވާނެ!: އިން ޝާ ﷲ

ޒަވާޖީޙަޔާތުގައި މައްސަލަތައްޖެހި ކައިވެނި ރޫޅެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ނުވަތަ އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ ކައިވެންޏާއިމެދު ވިސްނާ ނުލައި ކައިވެނިކުރާ ކަމެވެ. މާނައަކީ ކައިވެނިކުރުމަކީ ކިހައި ބޮޑު ކަމެއްކަމާއިމެދު ވިސްނާނުލައި ކައިވެނިކުރާ ކަމެވެ.  

މިޘާލަކަށް އެއް ޢުމުރުވެފައި އަނެކާގެ ކިބައިގައި ތިބާ ރުހޭ ސިފަތަކެއް ހުރެއްޖެނަމަ އިތުރަށް ވިސްނާނުލައި އެބަ ކައިވެނިކުރެއެވެ. އެއިރު މިބެލެނީ ބޭރުފުށުގެ ސިފަތަކަށެވެ. އެތެރެފުށުގެ ސިފަތަކާއިމެދު ވިސްނައިވެސް ނުލައެވެ.  

މިޘާލަކަށް ތިބާ ރުހޭ ސިފަތަކެއް ފެންނަން ހުރި ޒުވާނާއަކީ ވަޒީފާއަދާކޮށް ރަނގަޅު މުސާރައެއް ލިބޭ މީހަކުނަމަ އޭޕްލަސް ވެސް ދީފާނެއެވެ. އޭނާ ވަޒީފާއަދާކުރާތާ ވީދުވަހާއި އެމުއްދަތުގައި ލިބުނު މުސާރައިން ޢޭނާއަށް ރައްކާކުރެވިފައިހުރީ ކިހާވަރެއްކަން ބަލައިވެސް ނުލައެވެ. އެހެންކަމަށްވެއްޖެނަމަ އެއޮތީ އެންމެ މުހިންމު ބައި ނުބެލިފައެވެ.  

އަހުރެން ބުނާނީ އޭނާގެ ބޭންކް ބެލެންސް ބަލަންޖެހޭނެ ކަމަށެވެ. ލިބުނު މުސާރައިން އެކަށީގެންވާ ޢަދަދަކަށް ރައްކާކުރެވިފައި ނެތްނަމަ އެފައިސާ ޚަރަދުކުރި ގޮތް ބަލަންޖެހޭނެ ކަމަށެވެ. އެކަމަށް ޖަވާބުދާރީ ނުވެވިއްޖެނަމަ އޭނާއަކީ ހަރުދަނާ މީހަކަށް ނުވާނެއެވެ.  

މިބުނެލީ ވަރަށް އާދައިގެ ކަމެއްގެ ވާހަކައެވެ. ބުނަން ބޭނުންވަނީ ބޭރުފުށުގެ ސިފަތަކަށް ދޭމާކްސް މަދުކުރާށެވެ! އޭނާގެ ހަރުދަނާކަމާއި ރިވެތި އަޚްލާޤަށް އަދި ދިރިއުޅުމުގައި ހަރުދަނާކަންހުރި މިންވަރަށް ގިނަމާކްސްދޭށެވެ.  

އަނބިމިހާވެސް ފިރިމީހާވެސް އަދި ދެމީހުންވެސް ވަރަށް ރީތިވެދާނެއެވެ. ހިނިތުންވެ ތިބެ ހެއްވާ މަޖާ ވާހަކަދައްކައި ސަމާސަކުރާ ދެމީހުންނަށްވެސް ވެދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ހަމައެކަނި އެކަންހުރެގެން އުފަލުގައި ދިރިއުޅެވޭނެ ސަބަބެއް ނޫނެވެ. އުފަލުގައި ދިރިއުޅެވޭނީ ހަރުދަނާކަންހުރެގެންނެވެ. ޚުލްޤް ރަނގަޅުވެގެންނެވެ. ތެދުވެރިކަމާއި ހިތްވަރުހުރެގެންނެވެ.  

މިބުނި ސިފަތައް ހުރެއްޖެނަމަ އެމީހަކަށް އުފާވެރި ޒަވާޖީ ޙަޔާތެއް ހޯދޭނެއެވެ. އުފާވެރިކަމާއިއެކު ދިރިއުޅެވޭނެއެވެ. އިން ޝާ ﷲ

 

- ޝަމްވީލާ / މިއަދުނޫހަށް

މިއަދު އޮންލައިން