ތިމާ ރުޅިގަދަވަނީ ޠަބީޢަތުގަ އެކަންހުރުމުން ކަމަށްބުނެ އަނބިދަރިންނަށް ނުވަތަ އެއްވެސް މީހަކަށް އަނިޔާކުރުމަކީ ހެދޭ ދޮގެކެވެ! އެކަންވާނީ ކުރެވޭ އިތުރު ފާފައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ތިމާ ރުޅިގަދަވަނީ ޠަބީޢަތުގަ އެކަންހުރުމުން ކަމަށްބުނެ އަނބިދަރިންނަށް ނުވަތަ އެއްވެސް މީހަކަށް އަނިޔާކުރުމަކީ ހެދޭ ދޮގެކެވެ! އެކަންވާނީ ކުރެވޭ އިތުރު ފާފައަކަށް!

އެއްވެސް މީހަކީ ފުރިހަަމ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިސިފަތަކެއް ހުންނާނެއެވެ. އެއްވެސް މީހެއްގެ ޠަބީޢަތުގައި ހުންނަ އެއްވެސް ސިފައަކީ ބަދަލު ނުކުރެވޭނެ ސިފައެއް ކަމަށް ހީނުކުރާށެވެ. ބަދަލުކުރެވޭނެއެވެ. އޮތީ އެކަމަށް ނިޔަތްގަނެގެން ޢަޒުމާއިއެކު މަސައްކަތް ކުރުމެވެ. 

މިޘާލެއް ބުނެލާނަމެވެ. ބައެއް މީހުންނަކީ ތަންކޮޅެއް ފަސޭހައިން ހަނދާން ނެތޭ ބައެކެވެ. ވީމާ އެކަން ޢުޛުރަކަށް ހަދައި ޢާއިލީ ޒިންމާތަކުން ރެކެވޭނެ ގޮތެއް ނުއޮންނާނެއެވެ. ހަނދާން ނެތޭނަމަ ނޯޓުކުރާށެވެ! މިއަދު ފޮތެއް ނުގެންގުޅުނަސް އެކަން ކުރެވޭނެއެވެ. ގެންގުޅޭ ފޯނުގައިވެސް ނޯޓުކުރެވޭތީއެވެ. ދަރިފުޅު ނިމޭ ގަޑިއަށް ބަލައިދާން ހަނދާން ނެތޭނަމަ ފޯނު ސޯނާކުރެވިދާނެއެވެ. 

ވިސްނައިލާށެވެ! މީހާއަށް ނުބައި އަމަލުތައް ކުރެވެނީ ޠަބީޢަތުގައި ހުންނަ އެމީހާއަށް އެއްވެސް ބާރެއް ނުފޯރާ ސަބަބަކުން ކަމުގައިވާނަމަ އެކަމުގެ ޒިންމާ ނަގަން އެއްވެސް މީހަކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ނަމަވެސް ޒައްރެއްގެ މިންވަރުގެ ނަމަވެސް ނުބައި އަމަލެއް ކުރެވުނު ނަމަވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭކަން އެއީ މި ބުނި ބަހުގެ ތެދުކަން އެނގިގެންދާ ކަމެކެވެ. 

ވިސްނާށެވެ! ތިމާއަކީ ރުޅި ގަދަ މީހެއް ވީމާ ރުޅި އަންނަނީ ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ. ރުޅިއައުމުން ނުބައި އަމަލުތައް ކުރެވެނީ ކަމަށް ބުނެވެސް ނިންމައެއް ނުލެވޭނެއެވެ! ރުޅި ގަދަވަނީވެސް ނުބައި އަމަލުތައް ކުރެވެނީވެސް ހަމަ ޝައިޠާނާގެ ސަބަބުންނެވެ. ވީމާ ޖެހޭނީ ހަމަ ޒިންމާ ނަގާށެވެ! ވީމާ ރުޅި އައިސް އަނބިދަރިންނަށް ނުވަތަ އެއްވެސް މީހަކަށް އަނިޔާކުރުމަށްފަހު ޠަބީޢަތާއި ނުގުޅުވާށެވެ! އެއީ ގުޅުވެން އޮތް ކަމެއް ނޫނެވެ! 

މީހުންގެ ކިބައިގައި ހުންނަ ބައެއް އުނި ސިފަތައް ފާހަގަކޮށް އިޞްލާޙްކުރަން ނަޞޭޙަތްދިނުމުން އެއީ ތިމަންނާ އުފެދިފައި ހުރި ގޮތުގެ ސަބަބުން ހުންނަ ސިފައެއް ކަމުގައި އެބަ ބުނެއެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ދޮގެކެވެ. 

އިންސާނާގެ ޠަބީޢަތާއި މިޒާޖުގައި ހިމެނޭ ކޮންމެ ކަމަކީވެސް ކޮންމެވެސް ގޮތަކުން އެމީހަކަށް ވާރުތަވެފައި ހުންނަ ކަންކަމެވެ. ކޮންމެވެސް މީހެއް ނުވަތަ ބައެއްގެ ފަރާތުން ދަސްވެފައި ހުންނަ ކަންކަމެވެ. އެއީ މީހާ އުފެދުމާއި ގުޅިފައިވާ މައްސަލަތަކެއް ނޫނެވެ. މީހާ އުފެދުމާއި ގުޅިފައިވާނީ އެމީހެއްގެ ހަށިގަނޑުގައި ހުންނަ ސިފަތަކެވެ. ޠަބީޢަތުގައި ހުންނަ ސިފަތަކެއް ނޫނެވެ. 

ވީމާ ތިމާ ރުޅިގަދަވަނީ ޠަބީޢަތުގަ އެކަންހުރުމުން ކަމަށްބުނެ އަނބިދަރިންނަށް ނުވަތަ އެއްވެސް މީހަކަށް އަނިޔާކުރުމަކީ ހެދޭ ބޮޑު ދޮގެކެވެ! އެކަންވާނީ ކުރެވޭ އިތުރު ފާފައަކަށެވެ!   

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން