މޫސާގެފާނު ވާހަކަ- 12: ތައުރާތު ބާވައިލެއްވުން

ކިޔުމަށް ހޭދަވާނީ 24މ 9ސ
މޫސާގެފާނު ވާހަކަ- 12: ތައުރާތު ބާވައިލެއްވުން

ޢަލީ އިޙްޞާން ފިރާޤް

 

ތައުރާތު ބާވައިލެއްވުން: 

ފިރުޢައުނުގެ އަނިޔާވެރިކަމާއި، ޖައްބާރަކަމުން ބަނީ އިސްރާއީލުންގެ މީސްތަކުން ސަލާމަތްކުރެއްވުމަށްފަހު، އަރަހުށި މާތް މޫސާގެފާނަށް ތައުރާތު ބާވައިލެއްވިއެވެ. އެ ތައުރާތުގައި ދީނުގެ ޙުކުމްތަކާއި ޝަރުޢީ ޤާނޫނުތައް އެކުލެވިގެންވެއެވެ. ތައުރާތު ބާވައިލެއްވުމަށާއި، ބަސް ވަޙީ ކުރެއްވުމަށް މޫސާގެފާނަށް ތިރީސް ރޭގެ މުއްދަތެއް ކަނޑައަޅުއްވައި ދެއްވިއެވެ. ސޫރަތުލް އަޢުރާފުގެ 142 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَوَاعَدْنَا مُوسَىٰ ثَلَاثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَارُونَ اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ ﴿١٤٢

މާނައީ: [(ބަސް وحى ކުރެއްވުމަށާއި، توراة ބާވައިލެއްވުމަށް) ތިރީސް ރޭގެ މުއްދަތެއް ތިމަންރަސްކަލާނގެ موسى ގެފާނަށް ކަނޑައަޅުއްވައި ދެއްވީމެވެ. އަދި އެއަށް ދިހަޔެއް އިތުރުކުރައްވައި، ފުރިހަމަ ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތު ސާޅީސް ރޭ ފުރިހަމަވިއެވެ. އަދި موسى ގެފާނު އެކަލޭގެފާނުގެ أخ، هارون ގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ قوم ގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި إصلاح ކުރައްވާށެވެ! އަދި فساد ކުރާ މީހުންގެ މަގަށް تبع ވެވަޑައިނުގަންނަވާށެވެ!]

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [މޫސާގެފާނު އެކަލޭގެފާނަށް ކަނޑައަޅުއްވައި ދެއްވި ތިރީސްރޭގެ މުއްދަތުގައި އެކަލޭގެފާނު ހުންނެވީ ރޯދަފުޅަށެވެ. ތިރީސް ދުވަހު ރޯދަފުޅަށް ހުންނެވުމަށްފަހު، އެކަލޭގެފާނު ދަތްޕުޅު އުނގުޅުއްވައި ސާފު ކުރެއްވިއެވެ. ދެން އަރަހުށި މާތްއެކަލޭގެފާނަށް އެންގެވީ އިތުރަށް އެ މުއްދަތުގެ ތެރެއަށް ދިހަ ދުވަސްލައި، ސާޅީސް ދުވަސް ހަމަ ކުރެއްވުމަށެވެ. އިސްވެ ދެންނެވި އާޔަތުގައިވާ ފަދައިން މޫސާގެފާނު އެކަލޭގެފާނުގެ ޤައުމު ދޫކުރައްވައި ތޫރުފަރުބަދައަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ އަޚު ހާރޫނުގެފާނަށް، ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ކަންތައްތައް ޙަވާލު ކުރައްވައިފައެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 155}

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ބުނެވޭ ގޮތުގައި މޫސާގެފާނަށްޓަކައި ކަނޑައެޅުއްވުނު ދުވަސްތަކަކީ، ذو القعدة މަހާއި،  ذي الحجة މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިކަންތައް ހިނގީ ފިރުޢައުނުގެ ކިބައިން ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ސަލާމަތްވުމަށް ފަހުގައެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 228}

ތޫރުފަރުބަދައަށް ވަޑައިގެންނެވި ހިނދު މޫސާގެފާނާމެދު ކަންތައް ހިނގައިދިޔަ ގޮތް ބަޔާން ކުރައްވައި، ސޫރަތުލް އަޢުރާފުގެ 143 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ ۚ قَالَ لَن تَرَانِي وَلَـٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي ۚ فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ ﴿١٤٣

މާނައީ: [ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް موسى ގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް وحى ކުރެއްވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ.]

ތޫރުފަރުބަދައިގެ މައިދާނުގައި މޫސާގެފާނާ އެއްވެސް މެދުވެރުއެއްނެތި މާތް ބަސްފުޅު ވަޙީކުރެއްވުމަށްފަހު، އެކަލޭގެފާނަށް ތައުރާތުގެ ފިލާތައް ދެއްވިއެވެ. އަދި ތައުރާތުގެ އަޙްކާމުތަކަށް ފުރިހަމައަށް ޢަމަލުކުރައްވައި، އޭގައިވާ ކަންތައްތައް ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް އެންގެވިއެވެ. ސޫރަތުލް އަޢުރާފުގެ 144 ވަނަ އާޔަތުން ފެށިގެން 147 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ.

قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ ﴿١٤٤﴾ وَكَتَبْنَا لَهُ فِي الْأَلْوَاحِ مِن كُلِّ شَيْءٍ مَّوْعِظَةً وَتَفْصِيلًا لِّكُلِّ شَيْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا بِأَحْسَنِهَا ۚ سَأُرِيكُمْ دَارَ الْفَاسِقِينَ ﴿١٤٥﴾ سَأَصْرِفُ عَنْ آيَاتِيَ الَّذِينَ يَتَكَبَّرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَإِن يَرَوْا كُلَّ آيَةٍ لَّا يُؤْمِنُوا بِهَا وَإِن يَرَوْا سَبِيلَ الرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِن يَرَوْا سَبِيلَ الْغَيِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا بِآيَاتِنَا وَكَانُوا عَنْهَا غَافِلِينَ ﴿١٤٦﴾ وَالَّذِينَ كَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ حَبِطَتْ أَعْمَالُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ ﴿١٤٧

މާނައީ: [އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ތިމަންރަސްކަލާނގެ رسول ކަމާއި، އަދި ބަސް وحى ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!(دين އާބެހޭ) ކޮންމެކަމެއް (توراة ގެ) ފިލާތަކުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލިޔެދެއްވީމެވެ. وعظ އެއްގެ ގޮތުގައެވެ. އަދި އެންމެހާ ކަންތައް ބަޔާންކޮށްދެއްވުމެއްގެ ގޮތުގައި މެއެވެ. ފަހެ، ބާރާއެކު ކަލޭގެފާނު އޭގައި ހިއްޕަވާށެވެ! އަދި އޭގައިވާ އެންމެ މޮޅުގޮތުގައި ހިފުމަށް، ކަލޭގެފާނުގެ قوم ގެމީހުންނަށް އަމުރުކުރައްވާށެވެ! فاسق ވިމީހުންގެ ގޯތިގެދޮރު (عبرة އެއްގެ ގޮތުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ.حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ.އަދި ތިމަންރަސްކަލާނގެ آية ތަކާއި، އަދި آخرة އާ ބައްދަލުވާނެކަން ދޮގުކުޅަ މީހުންގެ عمل ތައް، باطل ވެގެން ހިނގައްޖެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟]

މި ދަންނަވައިލަނީ ކީރިތި ޤުރްއާނުގެ އަލީގައި، ތައުރާތުގައި ބާޔާންވެގެންވާ ބައެއް ކަންތައްތަކެވެ. ތައުރާތުގައި ބަޔާންވެގެންވާ ކަންތައްތަކުގެ ތެރޭގައި އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  ގެ ސިފަފުޅުތައްވެއެވެ. ސޫރަތުލް އަޢުރާފުގެ 157 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٥٧

މާނައީ: [އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި (رسول އާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް إيمان ވެ، އެކަލޭގެފާނަށް ވާގިވެރިވެ، نصر ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި نور އަށް تبع ވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.]

އަރަހުށި މާތްގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް ސުވަރުގެ ހުރިކަމުގެ ޚަބަރަކީވެސް ތައުރާތުގައި ޞަރީޙަ ޢިބާރާތުން ބަޔާންވެގެންވާ ކަމެކެވެ. ހަމައެހެންމެ މި ވާހަކަތައް ޤުރްއާނާއި އިންޖީލުގައިވެސް ބަޔާންވެގެންވެއެވެ. ތައުބާ ސޫރަތުގެ 111 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ލަފްޒުތަކުންނެވެ.

إِنَّ اللَّـهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّـهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّـهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُم بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿١١١

މާނައީ: [ހަމަކަށަވަރުން، اللَّه، مؤمن ންގެ ކިބައިން އެއުރެންގެ نفس ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (دشمن ން) قتل ކޮށް، އަދި އެއުރެން قتل ވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) توراة އާއި، إنجيل އާއި، قرآن ގައި، އެކަލާނގެ ذات ފުޅުގެ މައްޗަށް حق ގޮތުގައި ކުރައްވާފައިވާ وعد އެކެވެ. އަދި عهد ފުއްދުމުގައި، اللَّه އަށްވުރެ ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާމެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ.]

މުޙައްމަދު ރަސޫލާ صلّى اللّـه عليه وسلّم  ގެ މިތުރު ޞަޙާބީންގެ ވާހަކަވެސް ތައުރާތުގައި ބަޔާންވެގެން އައިސްފައިވެއެވެ. ފަތުޙު ސޫރަތުގެ 29 ވަނަ އާޔަތުގައި ޞަޙާބީންގެ ވާހަކަ ތައުރާތުގައި ވާގޮތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

مُّحَمَّدٌ رَّسُولُ اللَّـهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٢٩

މާނައީ[ محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ.]

މިދެންނެވި ކަންތައްތަކުގެ އިތުރަށްވެސް ތައުރާތުގައިވާ ބައެއް ޙުކުމްތަކާއި، ވާހަކަތައް ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ.

 

މިއަދު އޮންލައިން