ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި އެންމެ މުހިންމީ ތަނަވަސްކަމުގައި ދެމިހުރުމެއް ނޫނެވެ! ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރެވުމެއްވެސް ނޫނެވެ. އެންމެ މުހިންމީ ދީނުގައި އީމާންކަންމަތީގައި ސާބިތުވެހުރެވުމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެހުރުމެވެ.
މިއަދު އިސްލާމް ދީނުގެމަތީގައި ސާބިތުވެ ހުރެވެން އޮތީ ހަނގުރާމައިގެ މައިދާނުގައި ސާބިތުވެހުންނަ ފަދައިން ހިތްވަރާއިއެކު ށާބިތުވެހުރެވިގެންނެވެ. ފައިތިލަ ގުޑުވާނުލައި ސާބިތުވެ ހުރެވިގެންނެވެ.
ހެނދުނު މުސްލިމުންގެ ގޮތުގައި ތިބޭ މީހުން ހަވީރުވާއިރު ދީނުން ބޭރުވުމާއި އިރުއޮއްސޭއިރު މުސްލިމުންގެ ގޮތުގައި ތިބޭ މީހުން އިރުއަރާއިރު ދީނުން ބޭރުވެދާނެ ކަމަށް އޮތް ބަސްފުޅުގެ ތެދުކަން މިއަދު މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ.
އަދި ޚީއްހެއްޔެވެ؟ ލިބިދާނެ ކުޑަކުޑަ މުސާރައަކަށް ނުވަތަ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ދީން ދޫކުރާ މީހުންވެސް މިދަނީ ފެންނަމުންނެވެ. މިފަދަ އެއްވެސް މީހެއްގެ ކުރިމަތީގައި ދީނަކީ އޮތް އެއްޗަކަށްވެސް ނުވެއެވެ. ބައެއް މަސްމަސް ކުލަ ބަދަލުކޮށްލާ އުޞޫލުން، ލާ ހެދުން ބަދަލުކޮށްލާ އުޞޫލުން އެގެންދަނީ ދީން ބަދަލުކުރަމުންނެވެ.
އާޚިރަތް ދުވަސް އަންނާނެކަން އެނގޭއިރުވެސް އެކަމަށް އެއްވެސް ބިރުވެތިކަމެއް ނެތިއެވެ. އެކަމަށް ފަރުވާލެއް ނެތިއެވެ. މިއީ އަންނާނެކަން އެނގެން އޮތް ޒަމާނެކެވެ. ވީމާ ކަންބޮޑުވާންވީ ޒަމާން އައިސްގެނެއް ނޫނެވެ. ކަންބޮޑުވާންވީ ތިމާގެ ސާބިތުކަމާއިމެދުގައެވެ. ތިމާގެ ސާބިތުކަން ގެއްލިދާނެ ކަމާއިމެދުގައެވެ.
ވީމާ ގިނަގިނައިން ކުރަންވީ މިފަދަ ދުޢާތަކެވެ.
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވަވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވަވާނދޭވެ!" (ބަޤަރާ: 250)
މުސްލިމުން ދީނުން ބޭރުކުރަން މިއަދު މަސައްކަތް އެކުރަނީ ފަރުދީ ފެންވަރުގައެއް ނޫނެވެ. ބޮޑެތި ޤައުމުތަކުންނެވެ. ބޮޑެތި ޖަމާޢަތްތަކުންނެވެ. ވީމާ މުސްލިމުންނަށް އޮތީ ސާބިތުކަން ދެއްވެވުން އެދިގެންނާއި ކާފިރުންގެ މައްޗަށް ނަޞްރު ދެއްވެވުން އެދި މިފަދަ ދުޢާތައް ކުރުން ގިނަކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން