އޭނާއަކީ އެތައް އަހަރެއްވަންދެން ބޮޑެތި ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ. އޭނާ ނިޔާވީ 5 އަހަރެއްހައި ދުވަހު ބަލިވެ އުޅެފައެވެ. ކެންސަރަށްވެސް ފަރުވާކުރަމުން ދަނިކޮށެވެ. ފަހު ދެއަހަރު އެނދުމަތިވެފައި އޮވެފައެވެ. އެންމެ ފަހު އަހަރު ވަރަށް ބަލިޙާލުގައި އުޅެފައެވެ.
އޭނާގެ ހަށިގަނޑު ހިކި އަނަރޫފަވިނަމަވެސް މޫނުމައްޗަކުން އެކަމެއް ނުފެނެއެވެ. ފެނުނީ ވަރަށް ތާޒާކަމެވެ. އަދި މަރުވުމުން ހިނަވައި މޫނު ދައްކަން ބާއްވާފައި އޮތްއިރުވެސް މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އަހުރެން މިވަނީ މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުގައި ކަމަށް ބުނާފަދައެވެ.
އޭނާއަކީ އަބަދުވެސް ނަމާދުކުރަން ސަމާލުކަންދީ ޖަމާޢަތުގައި ނަމާދުކުރަމުން އައި މީހެކެވެ. ރޭއަޅުކަންވެސް ކުރި މީހެކެވެ. ނަޞީބުދިމާކުރި ގޮތުން އެތައް ފަހަރަކު ޙައްޖާއި ޢުމުރާވުމުގެ ނަޞީބުވެސް ލިބުނު މީހެކެވެ.
އޭނާއަކީ މުވައްޒިފެއްގެ ކިބައިން ހަމަނުޖެހޭ ކަމެއް ފެނުނަސް ދުވަހަކުވެސް ބާރަށް ބަސްބުނި މީހެއް ނޫނެވެ. ސުވާލުކޮށް ވާހަކަދައްކާނީވެސް ކައިރިއަށް ގެނެސް އިޙްތިރާމްކުރުމާއިއެކުގައެވެ. އެހެންވެ ހުރިހާ މުވައްޒިފުންވެސް އޭނާދެކެ ވަރަށް ލޯބިވިއެވެ.
އަދިވެސް އޭނާ ކުރި ވަރަށް ރަނގަޅު ކަމެއް ފާހަގަކޮށްލާނަމެވެ. ބަލިވެ އޮންނަންޖެހުމުން އިތުބާރުކުރެވޭ ގާތް އެކުވެރިއަކު މެދުވެރިކޮށް އޭނާގެ ހުރިހާ ދަރަނިތައް އަދާކުރިއެވެ. އެކަންކުރީ ވަރަށް ދަތިޙާލުގައެވެ. ބޭސްފަރުވާ ކުރަންވެސް އުނދަގޫތައް އުފުލަމުންނެވެ. ވީމާ އޭނާގެ ބޭސްފަރުވާއަށްވުރެވެސް އޭނާ އިސްކަންދިނީ ދަރަނިތައް އަދާކުރުމަށެވެ.
ކޮންމެ މީހަކަށް ގިނަގިނައިން ޙައްޖާއި ޢުމުރާވުމުގެ ނަޞީބު ނުލިބިދާނެއެވެ. ނަމަވެސް ނަމާދުކޮށް ދަމުނަމާދުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެމީހަކަށް ކެރިކުޅަދާނަކަން ލިބިގެންވާ މިންވަރު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އެމީހަކަށް ކުރެވެންހުރި ކަންކަން ކުރުމުން އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އިން ޝާ ﷲ
އޭނާ ނިޔާވިތާ 40 ފުރުނީ ދާދިފަހުންނެވެ. މާތް ﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެމަތީ ދަރަޖަ މިންވަރުކުރައްވަވާށިއެވެ. އާމީން.