ކައިވެނިކޮށް ދަރިން ލިބުމަށްފަހު ބައިވެރިޔާގެ ނިޞްބަތް ބަދަލުވެގެންދެއެވެ. ނުވަތަ ބައިވެރިޔާގެ ދަރަޖަ އިތުރު ހަރުފަތަކަށް މައްޗަށް އުފުލިގެންދެއެވެ. އަނބިމީހާއަކީ ދަރިންގެ މަންމްއަށް ބަދަލުވެގެންދާތީއެވެ. އަދި ފިރިމީހާއަކީ ދަރިންގެ ބައްޕަކަމަށް ބަދަލުވެގެންދާތީއެވެ. އެއީ އަނބިމީހާ ނުވަތަ ފިރިމީހާގެ ދަރަޖައަށްވުރެ މާމަތީ ދަރަޖައެކެވެ. އަދި އެންމެ މުހިންމު ދަރަޖަވެސްމެއެވެ.
މިކަން ހިތަށް ގެނެވޭނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. އަދި މައްސަލައެއް ޖެހުނަސް އެކަން މާބޮޑުކަމަކަށް ނުހަދައި ޙައްލުކުރަން އަވަސްވެގަންނާނެއެވެ. ނަމަވެސް އެކަން އެގޮތަށް ޙާޞިލުކުރެވޭނީ ދަރިން ލިބުމުން އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ތިމާގެ އެންމެ އިސްވާޖިބުކަމަށް ޤަބޫލުކުރެވޭ މީހުންނަށެވެ.
މުފްތީ މެންކުގެ މިބަސްފުޅުން ޢިބްރަތް ޙާޞިލުކުރައްވާށެވެ!
"ސްޕަމާކެޓަކަށް ގޮސް އުޅުމުގައި އަހަރެންގެ އަނބިމީހާ އާއި ލޯތްބާއިއެކު މުޢާމަލާތުކުރި ގޮތުގެ ރިވެތިކަމުން ބައަކު ކަންބޮޑުވެ ސުވާލުކުރިއެވެ. އެމީހުންނަށް ޖަވާބެއް ދޭން ވަރަށް އުނދަގޫވިއެވެ.
އަހަރެން އަހަރެންގެ އަނބިމީހާއަށް ލޯބިދީ އިޙްތިރާމް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ އަހަރެންގެ އަނބިމީހާގެ އިތުރުން އަހަރެން ލޯބިވާ ދަރިންގެ މަންމައެވެ."
ކައިވެނި ރޫޅާލައި ވަރިކުރުމަކީ އެންމެފަހުން ކުރަން އޮތް ކަންތަކެވެ. ނަމަވެސް ވަރި މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެން އެކަން މެދުވެރިވަމުން މިދަނީ ކައިވެނީގެ މަޤްޞަދު އޮޅުވައިލާތީއެވެ. ނުވަތަ ކައިވެނީގެ ޝަރުޠުތަކަށް އިޙްތިރާމް ނުކުރާތީއެވެ. އެކަކު އަނެކަކަށް އިޙްތިރާމް ކުރުން ނެތެމުންދާތީއެވެ.
--މުފްތީ މެންކްގެ ދަރުސަކުން