ޣީބަ ބުނުން ގިނަވެ މީސްތަކުންނަށް ނުބައި ބަސްތައް ބުނެ މީހުންގެ ކިބައިގައި ހުންނަ އުނިކަންކަން ފާހަގަކޮށް ވާހަކަދެއްކުން މިވަނީ ޢާންމުކަމަކަށްވެފައެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެހެންވެ މިއާޔަތް ހަނދުމަކޮށްލައިދެމެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. "
(އަލްޙުޖްރާތު: 11)
ވިސްނާށެވެ! އަނެކުންގެ ޢައިބު ހޯދަން އުޅުމުގެ ބަދަލުގައި ތިމާގެ ހުރި ޢައިބުތައް އިޞްލާޙުކުރުން ބުއްދިވެރިއެވެ. އަނެކާ ކުރާ ކުށްތަކާއި ފާތަކުގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ. އެއިން ކަމަކުން މުޖުތަމަޢުއަށް ގެންލުން ނުލިބޭނަމަ އެކަމަކާއި ކަންބޮޑުވާކަށް ނުޖެހެއެވެ. ނަމަވެސް މީހަކު ނުބައި ކަންކަން އެނގޭނަމަ އެކަމުގެ ވާހަކަތައް ދައްކަމުން ނުހިނގައި އެމީހަކަށް ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. އަދި އެއީ ޘަވާބު ދެއްވަވާނެ އަޅުކަމެއްވެސްމެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން