"ނަމާދުނުކުރާ ބައެއް މީހުން މަރުވުމުން ވަޤުތުން މޫނު ކަޅުވާކަމަށްވެސް ބުނެފައި އެބަހުރި، އެނޫންވެސް ބިރުވެރި ޢަލާމާތްތައް ފެންނަ ކަމަށްވެސް ބުނެފައި އެބަހުރި. މިފަދަ އެއްވެސް ކަމެއްގެ ހެކި ފެނިފައި އެބްހުރިތޯ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ނަމާނުކުރާ ކޮންމެ މީހަކު މއރުވުމުން އޭނާގެ ހަށިގަނޑުން ހެކިތައް ފައުޅުނުވި ނަމަވެސް ވަގުތުން ހެކިތައް ފައުޅުވެފައިވާ ބައެއް ޙާދިސާތައްވެސް އެބަހުއްޓެވެ. އެއިގެ ތެރެއިން ބައެއް ޙާދިސާތަކުގެ ވާހަކަ މިއަދުނޫހުގައި ވާނީ އެކިފަހަރުމަތިން ޝާއިޢުކުރެވިފައެވެ ތިރީގައި އެވަނީވެސް އެފަދަ ޙާދިސާއެއްގެ ވާހަކައެވެ.
ކޮންމެ މީހަކުވެސް އެންމެ ވަންނަން ބޭނުންނުވާނެ ކޮޓަރިއަކީ މަރުވުމުން ހިނެވުމުގެ ކުރިން ބާއްވާ ކޮޓަރިއެވެ. ނަމަވެސް އެކޮޓަރިއަށް ނުވަދެ ސަލާމަތްވެވޭ މީހަކު ނުހުރެއެވެ. ނުވެސް ހުންނާނެއެވެ.
އެއް ދުވަހެކެވެ. މަރުވެފައި ތިބި މީހުން ހިނެވުމުގެ މަސައްކަތުގައި އުޅެމުން ހިނަވަން ޖެހުނު މީހެކެވެ. ފުރަތަމަ ކަމަކަށް ދިމާވީ އޭނާގެ ހަށިގަނޑުން ދުވި އާދައާއި ޚިލާފް ނުބައިވަހެވެ. ހިނެވުމުގެ މަސައްކަތުގައި އުޅުނު 4 މީހުންނަށްވެސް ކެތް ކުރެވުނީ ހަމަ ކިރިޔާއެވެ.
ދެވަނަ ކަމަށް ދިމާވީ އޭނާގެ ބަރުކަމެވެ. އޭނާއަކީ އެހައި ފަލަ މީހެއްވެސް ނޫނެވެ. ހަމަ އާދައިގެ ހަށިގަނޑެކެވެ. ނަމަވެސް މާފަލަ މީހުން އުފުލައި އުޅޭ އަހަރެމެން 4 މީހުންނަށް އުފުލޭނެ ގޮތެއް ނުވެގެން ޖެހުނީ އިތުރުމީހުންގެ އެހީތެރިކަން ހޯދާށެވެ.
3 ވަނަ ކަމަކީ ހަށިގަނޑު ހަމަ ދޮން މީހެކެވެ. ނަމަވެސް މޫނު އޮތީ ވަރަށް ބޮޑަށް ކަޅުވެފައެވެ. މިއީ ޢާންމުކޮށް އިންސާނުންގެ ހުންނަ ގޮތެއް ނޫނެވެ. މިހުރިހާ ކަންބޮޑުވުންތަކެއް ކުރިމަތިވުމުން ހިނެވުމުގެ ކަންކަން ނިންމާފައި ނުކުމެ އޭނާގެ ޢާއިލާ އާއި ބައްދަލުކުރީމެވެ. އެމީހުންބުނި އެންމެ ވާހަކައަކުން އަހަރެންނަށް ހުރިހާ ޖަވާބެއް ލިބިގެންދިއައެވެ. "އޭނާއަކީ ދުވަހަކުވެސް ނަމާދެއް ކުރި މީހެއް ނޫނެވެ."
މީސްތަކުންނޭވެ! ނަމާދު ނުކުރާ ކޮންމެ މީހަކު މަރުވުމުން މިފަދަ ޢަލާމާތްތައް ނުފެދިދާނެއެވެ. ނަމަވެސް ނަމާދުނުކުރާނަމަ މަރުވުމުން އެކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެކަމުން ސަލާމަތްވެވޭނެ މީހަކު ނުވެއެވެ.
މީސްތަކުންނޭވެ! އޭނާ ނަމާދު ނުކުރަން ވާގިވެރިވި މީހުން މިއަދު ކޮބައި ހެއްޔެވެ؟ ނަމާދުކުރަން ހުރަސް އަޅައި ދުނިޔަވީ ކަންކަމުގައި މަސްއޫލުކުރުވި މީހުން މިއަދު ކޮބައިހެއްޔެވެ؟ އެންމެ ކުޑަމިނުން ޖަނާޒާގައި ބައިވެރިވިހެއްޔެވެ؟ ވީމާ އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތް ކުރުމަކީ އެމީހެއްގެ ކަމެކެވެ. އެހެން މީހުންނަށް ބަރޯސާވެ އެހެން މީހުންގެ އަވާގައި އެމީހާގެ އާޚިރަތް ނަގައި ނުލާށެވެ!
"އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއަކު ތިމަންމެން ނުވަމުއެވެ.
އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ.
އަދި ބާޠިލު ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލު ވާހަކަ ދައްކައި އުޅުނީމުއެވެ
. އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ.
ޔަޤީންކަން (އެބަހީ: މަރު) ތިމަންމެންނާ ހަމައަށް އަތުވެއްޖައުމަށް ދާނދެނެވެ.
ފަހެ، ޝަފާޢަތްތެރިވާ މީހުންގެ ޝަފާޢަތް، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ.
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: ޤުރްއާނުން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟" (އަލްމުއްދަޘިރު: 43-49)
--ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް "އަލިފާނުގެ ބިރު" އެފްބީ ޕޭޖްގައި ހާމަކޮށްފައިވާ ވާހަކައެއް