ނަރަކައިގަ ލިބޭ ބުއިމުގެ ހޫނުގަދަކަމުން ތުންފަތް ފޮޅި ތިރީ ތުންފަތް ފޫޅާއި ހަމައަށް ފައިބައި މަތީ ތުންފަތް ބޮލާއި ހަމައަށް އަރައިގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ނަރަކައިގަ ލިބޭ ބުއިމުގެ ހޫނުގަދަކަމުން ތުންފަތް ފޮޅި ތިރީ ތުންފަތް ފޫޅާއި ހަމައަށް ފައިބައި މަތީ ތުންފަތް ބޮލާއި ހަމައަށް އަރައިގެންދާނެ!

ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެތި ކައި ބޮއި އަދި ޙަރާމްކުރެއްވެވި ގޮތްތަކުން ޙަލާލް ކުރެއްވެވި ތަކެތި ހޯދައިގެން ކައި ބޮއި، އަނބިދަރިންނަށް ދީ ހަދަމުން ގެންދާއިރު އަދި އެނޫންވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަމުން ގެންދާއިރު ނަރަކައަށް ބިރުވެތިނުވެވޭކަން ހާދަދެރައެވެ.

އެކަންކަމުން މިއަދު ލިބޭ ކުޑަކުޑަ އުފާކޮޅުގެ ބަދަލުގައި ނަރަކައަށް ވަންނަން ޖެހުމުން ކައިބޮއި ހަދަން ޖެހޭނެ ތަކެއްޗާއިމެދު ވިސްނައިލާށެވެ! ނަރަކައިގެ ބުއިން މޫނާ ކައިރިކޮށްލުމުން ހޫނުގަދަކަމުން ތުންފަތް ފޮޅި ތިރީ ތުންފަތް ބަނޑުގެ ފޫޅާއި ހަމައަށް ފައިބައި މަތީ ތުންފަތް ބޮލާއި ހަމައަށް އަރައިގެންދާނެއެވެ.

މީސްތަކުންނޭވެ! ނަރަކައަކީ ގަދަފަދަ އެތައްބައިވަރު ޢަޛާބުތަކުން ފުރިގެންވާ ތަނެކެވެ! ހޫނުގަދަ އަލިފާނުން މީހާ އަނދަމުންދާ ތަނެކެވެ. ލިބެމުންދާ ގަދަފަދަ ޢަޛާބުތަކާއިއެކުވެސް އޮންނަން ޖެހޭނެ މުއަދަތެއް ނުއެނގި ޗޭނު ޖެހިގެން ބަންޑުން އޮންނަން ޖެހޭ ތަނެކެވެ. ނަރަކައިގެ އަލިފާނުގެ ހޫނު ގަދަކަމުން އަލިފާނުގެ ކުލައަކީ ކަޅު ކުލައެވެ.

ވީމާ ހިތުގައިވާ އީމާންތެރިކަން ފުރިހަމަ ނަމަ ނަރަކައިގެ ވާހަކައިގެ އަޑު އިވުމުން ބިރުން ގައިން ހީބި ނަގައިގަންނާނެއެވެ! ބިރުގަނެ އަސަރު ނުކުރަނީ އެވަރުގެ އީމާންތެރިކަމެއް ނެތުމުންނެވެ.

މީސްތަކުންނޭވެ! މިއަދަކީ ހުކުރު ދުވަހެވެ. ހަފްތާގެ ދުވަސްތަކުން އެންމެ މާތް ދުވަހެވެ. ގިނަގިނައިން ދުޢާކުރަން އޮތް ދުވަހެވެ. ތައުބާވެ ހެޔޮ އަމަލުތައްކުރުން ގިނަކުރަންވީ ދުވަހެވެ. ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުން ގިނަކުރަންވީ ދުވަހެވެ.

ހުކުރު ދުވަހަކީ ހަމައެކަނި މުނިފޫހި ފިލުވުމުގެ ދުވަހަކަށް ނުހަދާށެވެ! އަމިއްލަ އުފަލަށާއި ޢާއިލާގެ އުފަލަށް ވަގުތުކޮޅެއް ހޭދަކުރި ނަމަވެސް ހެޔޮ އަމަލުތައް ކުރުމުގައި ވީހައި ގިނަ ވަގުތު ހޭދަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން