ތިބާ ރުހޭ ކޮންމެ މީހަކު ތިބާއާއި ނުރުހުމަކީ މައްސަލައެއް ނޫނެވެ. އެއީ ކޮންމެ މީހަކަށްވެސް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. ނަމަވެސް ތިބާ ޢާއި ރުހޭކަމަށްބުނެ ގުޅިގެން އެކުގައި އުޅުމަށްފަހު ތިބާގެ އަގު ވަޒަން ނުކުރުމުން އެމީހަކާއި ދުރުވާން ޖެހުނު މީހަކު ފަހުން އާދޭސްކުރިޔަސް ފަސްއެނބުރި ނުބަލާށެވެ!
ރިވެތި އަޚްލާޤްގެ މަތީގައި ޘާބިތުވެހުރެ، ތެދުވެރިކަމާއި ވަފާތެރިކަން ކުރިއަށް ނެރެގެން ކުރިއަށްދާން މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކުރާނެ އެތައް ބައިވަރު ބައަކު ތިބޭނެއެވެ. ވީމާ ފަސްއެނބުރި ބަލައިފިނަމަ އެނަގައިލެވެނީ ތިބާއާއި ބައްދަލުވާން ބޭނުންވާ، ތިބާގެ އަގު ވަޒަންކުރާނެ މީހާއާއި ބައްދަލުވުމުގެ ފުރުޞަތެވެ.
ތެދެކެވެ. ދީނުގައި ދެމީހުން ދުރުވާން އޮތީ 3 ފަށްވުމުންނެވެ. އެކަމަކަށް އިންކާރުކުރާކަށް ނެތީމެވެ. ނަމަވެސް އަހުރެންގެ ވިސްނުމުން 2 ވަނަ ފުރުޞަތު ދޭންޖެހޭނީ ބޮޑެތި މައްސަލަތައް ނުޖެހި ދިމާވާ އާދައިގެ ކަންކަމުގައި ދުރުވެއްޖެނަމައެވެ. މިޘާލަކަށް ޤަޞްދަކާއި ނުލައި ބުނެވޭ ބަހަކުން ނުވަތަ ދިމާވާ ގޮތަކުން ރުޅި ކޮންޓްރޯލް ނުކުރެވިގެން ފަދަ ސަބަބެއް މެދުވެރިވެގެން ދުރުވާންޖެހިއްޖެނަމައެވެ.
މިފަދަ ކަންކަމަކީ ޙަޤީޤަތް ވިސްނި އިޞްލާޙްވާން މަސައްކަތްކޮށްފިނަމަ އިޞްލާޙްކުރެވިދާނެ ކަންކަމެވެ. އެއާއި ޚިލާފަށް އަނެކާގެ ވަޒަން ނުކުރުމާއި ބޭވަފާތެރިވުމުގެ މައްސަލަތައް ތަކުރާރުވުމާއި އަދި އަނިޔާވެރިވުން ފަދަ ބޮޑެތި މައްސަލަތައް ޖެހިގެން ދުރުވާންޖެހިއްޖެނަމަ ބުއްދިވެރި ގޮތަކީ ދެވަނަ ފުރުޞަތެއް ނުދިނުމެވެ.
މާފުކުރުމާއި ދެވަނަ ފުރުޞަތު ދިނުމަކީ އޮތްކަމެކެވެ. ފައިދާކުރާނެވެސް ކަމެކެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ދެމީހުންގެ މެދުގައި ހުރި މައްސަލަތައް ކިރަންވާނެއެވެ. އެއީ ޙައްލު ކުރެވިދާނެ ކަންކަމުގައި ޔަޤީންކުރެވޭނަމަ ދެވަނަ ފުރުޞަތުދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެކަމަށް ޔަޤީންކަން ނުލިބޭނަމަ ރަނގަޅު ގޮތަކީ ދެވަަނ ފުރުޞަތު ދިނުމެއް ނޫނެވެ. ދެވަނަ މަގެއް އިޚްތިޔާރުކުރުމެވެ.
- ޝަމްވީލާ / މިއަދުނޫހަށް