ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ހުކުރު ދުވަހު މީހަކު ހިނައިން ޠާހިރުވެގެން ހުކުރުގެ ފުރަތަމަ ވަގުތާއި ދިމާވާގޮތަށް ވީހާވެސް އަވަހަކަށް ފައިމަގުގައި ހުކުރު ނަމާދަށް ގޮސް، އިމާމުމީހާއާއި ވީހާވެސް ކައިރިއެއްގައި އިށިއިނދެ އިމާމުމީހާ ޚުތުބާ ކިޔާ ހިނދު ބޭކާރު ވާހަކަ ނުދައްކާ ކަނުލާ ޚުތުބާ އަޑުއަހައިފިނަމަ، އެމިހަކަށް އެމީހަކު އެޅި ކޮންމެ ފިޔަވަޅަކަށް 1 އަހަރު ދުވަހުގެ ރޯދައާއި ރޭއަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ލިބޭހުށިކަމެވެ."
މީ އިމާމް އަޙްމަދު ރިވާ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއް. އަދި އިމާމު އަލްބާނި ރަޙިމަހުﷲ މި ޙަދީޘް ބަސްފުޅުވަނީ ޞައްޚަ ކުރައްވާފަ.
ޢިލްމުވެރިން ބަޔާން ކުރައްވާގޮތުގައި މިފަދަ ކުޑަކުޑަ ޢަމަލަކަށް މިހާ ބޮޑު ޘަވާބާއި ދަރުމަ އެއްވެސް އެހެން ޢަމަލަކަށް ނެތް ލައްވަވާފައެއް. މި ކުޑަކުޑަ ޢަމަލަކަށް މިހާބޮޑު ދަރުމައާއި ޘަވާބެއް ލައްވާފައިވާ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ.
އެގޮތުން އިމާމު އިބްނުލް މުލައްޤިން ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "މިފަދަ މަތިވެރި ދަރުމައެއް ބަޔާން ވެފައިވާ އެހެން ޞައްޚަ ޙަދީޘްބަސްފުޅެއް އައިސްފައި ނުވެއެވެ. އެބަހީ ލުއިފަސޭހަ ޢަމަލަކަށް ޝަރުޢުގައި އެންމެ ބޮޑު ޘަވާބެއް ބަޔާން ކުރައްވާ އައިސްފައިވާ ޙަދީޘް ބަސްފުޅަކީ މިއީއެވެ."
ދެން މި ޙަދީޘް ބަސްފުޅުގައި މި އައިސްފައި މިވާ ކޮންމެ ފިޔަވަޅަކަށް 1 އަހަރު ދުވަހުގެ ރޯދައާއި ރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ލިބުމަށްޓަކައި މި ޙަދީޘް ބަސްފުޅުގައި އައިސްފަ މިވާ ހުރިހާ ކަމެއް ކުރުން ޝަރުތު ވެގެންވެއެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ ހުކުރު ނަމާދަށް ދިއުމުގެ ކުރިން ހުކުރު ނަމާދަށް ހިނައިގަތުން. ދެން ހުކުރު ނަމާދުގެ 6 ސާއަތުގެ ތެރެއިން ފުރަތަމަ ސާއަތުގެ ހުކުރު ނަމާދަށް ދިއުން. ދެން ދުއްވާ އެއްޗެއް ބޭނުން ނުކޮށް ހިނގާފަ ހުކުރަށް ދިއުން. އަދި މިސްކިތުގެ އިމާމުމީހާއާއި ވީހާވެސް ކައިރިއެއްގައި އިށިއިނުން. އަދި ޚުތުބާ ފެށިގެން ނިމެންދެން ހަނު ހުރުމާއި ސިކުނޑި މަޝްއޫލު ކުރުވާފަދަ އެއްވެސް ކަމެއް ނުކޮށް ޚުތުބާ ކަނުލާ އަޑުއެހުން.
އެހެންމަ މީ ކިތައް ކަންތައް ތޯ؟ ކިތައް ކަންތައް ތޯ މި ބުނެވުނީ؟ ފަހެއް. 1 ފުރަތަމަ ކަމަކީ ހިނައިގަތުން، އެހެން ނޫންތޯ. 2 ދެވަނަ ކަމަކީ އޭނާ ހިނގާފައި ދިއުން، ހުކުރަށް ހިނގާދައު ދިއުން. 3 ތިންވަނަ ކަމަކީ އިމާމު މީހާއާއި ކައިރީގައި އިށިއިނުން. ދެން 4 ހަތަރުވަނަ ކަމަކީ ކަނުލާ އަޑުއެހުން. އަދި 5 އަވަހަށް ދިއުން. (ހުކުރު ދުވަހުގެ ހުކުރުކުރި ބެހިގެން މިވަނީ 6 ސާއަތެއްގެ މައްޗަށް. މާނައަކީ އިރުއަރައި 6 ގަޑިއިރުފަހުން ނުވަތަ އެއިގެ ކުޑައިރުިކޮޅެއްގެ ތެރޭގަ މެންދުރުނަމާދުވަޤުތުޖެހި ހުކުވަޤުތު ޖެހުން)
އެހެން ޙަދީޘް ބަސްފުޅެއްގަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވޭ. މީ ވަރަށް މައްޝޫރު ޙަދީޘް ބަސްފުޅެއް އެއީ. ވަރަށް ގިނަ ބޭފުޅުންނަށް އިނގިލައްވާނެ. ހުކުރު ވަގުތުގެ އެންމެ ފުރަތަމަ ވަގުތުގައި ހިނގައްޖެ މީހާ ޖަމަލެއް ޤުރުބާން ކުރި ފަދައެވެ. ދެން އަންނާނީ ގެރިއެއް ޤުރުބާން ކުރި ފަދައެވެ. ބަކަރިއެއް ޤުރުބާން ކުރި ފަދައެވެ. އެހެން ދަމުން ދަމުން ގޮސް އެންމެ ފަހު މީހަކަށް މި އިންނަނީ ކުކުޅު ބިހެއް ޤުރުބާން ކުރި ފަދައެވެ. އެހެންމަ މިޙަދީޘް ބަސްފުޅަށް ބައްލަވާފަ ޢިލްމިވެރިން ހުކުރު ނަމާދާއި، ފަތިސްނަމާދުން ފެށީގެން ގޮއްސަ ހުކުރު ނަމާދު މި ބައްސަވަނީ 6 ބަޔަށް.
އޭގެތެރެއިން ފުރަތަނަ ބައިގައި މި ދާ މީހުންނަށް މި ދަރުމައާއި ޘަވާބު މި ލިބިގެން ދަނީ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެންވީމަ މިވަނީ އަޅުގަޑުމެންނަށް ދަރުމައާއި ޝަވާބުގެ ހޯދުމަށް ވަރަށް ގިނަ ދޮރުތައް ހުޅުއްވާ ދެއްވާފަ. ވަރަށް ގިނަ މޫސުންތައް ލައްވަވާފަ. ދުވަސްތައް ލައްވަވާފަ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން. އިންސާނުންނަކީ ވަރަށް ގިނައިން ފާފަ ކުރެވޭ ބައެއް، ނަމަވެސް، ވަރަށް ގިނަ ފާފަ ކުރެވޭ. އެހެންވީމަވީމާ، މިކަހަލަ ކުދިކުދި ޙަދީޘް ބަސްފުޅުތަކަށް، މިކަހަލަ ފުރުޞަތުތަކަށް އަޅުގަޑުމެން އެބަޖެހޭ ރައްކާތެރިވާން.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ސުވަރުގެވަންތަ ވެރިން ކަމުގައި ލެއްވުން
- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ދަރުސަކުން