ކިތަންމެ ލޯބިވިޔަސް، ޖިސްމާނީ އަނިޔާކުރާ ފިރިއަކާއެކު އުޅެން މަސައްކަތް ނުކުރޭ! ހަށިގަނޑު ގިރުވާލާފަ ވަރިކުރީމާ ކައިރިވާނެ މީހުން މަދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ކިތަންމެ ލޯބިވިޔަސް، ޖިސްމާނީ އަނިޔާކުރާ ފިރިއަކާއެކު އުޅެން މަސައްކަތް ނުކުރޭ! ހަށިގަނޑު ގިރުވާލާފަ ވަރިކުރީމާ ކައިރިވާނެ މީހުން މަދުވާނެ!

ރުޅިއަންނައިރަށް ޖިސްމާނީ އަނިޔާކުރުމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. ޚާއްޞަކޮށް އަނބިންނަށް އަނިޔާކޮށްގެންނުވާނެއެވެ. އެގޮތަށް ކަންކަން ކުރާ ފިރިންނަށް ރަސޫލް ޞައްލަﷲ ޢލައިހިވަސައްލަމަ ވަނީ ލަޢްނަތް ލައްވަވައިފައެވެ.  

ހިތާމައަކީ ބިރެއް ނެތި އެފަދަ ޢަމަލުތައްކުރެވޭ ކަމެވެ. ތިރީގައިވާ ވާހަކައިން އެފަދަ އަނިޔާވެރިންނަށާއި އަދި އަނިޔާލިބޭ މީހުންނަށްވެސް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުމެންވެސް ކައިވެނިކުރީ ވަރަށް ލޯބިން އެކުގައި އުޅެފައެވެ. އެއިރު އޭނާގެ ކިބައިން ލިބެމުން އައީ ލޯތްބާއި އަޅައިލުމެވެ. އޯގާތެރިކަމެވެ. ނަމަވެސް ކައިވެނިކުރެވުމަށްފަހު އޭނާ ބަދަލުވީ މުޅިން އެހެން މީހަކަށެވެ. ހިތްނުރުހޭ ކަމެއް ކިރިޔާ ފެންނައިރަށް ތަޅާ އަނިޔާކުކުރާ ފިރިއަކަށެވެ.  

އޭނާއަކީ ކާއިރު ކަޅުސައިބޯން ބޭނުންވާ މީހެކެވެ. ކާންހަދާފައި ކާން ބުނުމުން ކާން ނައިސް ފޯނެއްގައި އެތައް އިރެއްވަންދެން ހުރެފައި އަންނައިރު ސައިތަށި ހިހޫވެފައި ހުރެއްޖެނަމަ ހޫނުކޮށްލަން ބުނުގެ ބަދަލުގައި ތަޅައިގަނެއެވެ. ސައިތަށި މޫނަށް ޖަހައެވެ. ކައްކާއެއްޗެއްގެ ރަހަ އޭނާ އެފަހަރަކު ބޭނުންވާ ގޮތަކަށް ނެތިއްޖެނަމަ ތަޅައިގަނެއެވެ. ނިދަން އޮށޯންނަން އުޅޭއިރު އޭނާގެ ގައިން ދާހިއްލާފައި ހުރިނަމަ ގައިދޮވެލަން ބުނިނަމަވެސް ވަނީ އޭނާއަށް އަމުރުކުރާ ކަމަށެވެ. ތަޅައި އަނިޔާކުރަންވީއެވެ.  

އަޅުގަނޑަށް ކެތްކުރެވުނީ ހަމަ މަހެއްހައި ދުވަހުއެވެ. މަރާލިނަމަވެސް ހެޔޮކަމަށް އެއްރޭ ވަރަށް ބާރަށް ޖެހީމެވެ. ކަންދިމާވިގޮތުން ވެއްޓުނުގޮތަށް އޮތީއެވެ. އެހެން އޮއްވައި ފޮށްޓަށް އެއްޗެތި އަޅައިގެން ނުކުންނަން އުޅެނިކޮށް ތެދުވެ މާފަށް އެދުނެވެ. އޭނާއަށް މާފުކުރާނެ ހިތްވަރެއް ނުލިބުނެވެ. ނުކުމެގެންދާން އުޅެން ފެށުމުން ބުނީ އަނިޔާކުރެވެނީ ލޯބިނުވާތީ ނޫންކަމަށާއި ރުޅި ކޮންޓްރޯލް ނުކުރެވެނީ ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ އަޅުގަނޑު މިދަނީވެސް ލޯބިނުވާތީ ނޫންކަމަށާއި ބޮޑު ފުރޭތައަކާއިއެކު ދިރިއުޅެވޭނެ ގޮތެއް ނެތުމުން ކަމަށެވެ. ތަޅައި އަނިޔާކުރަމުން ގޮސް އަޅުގަނޑުގެ ދުވަސް ދުއްވާލުމުގެ ކުރިން ހަށިގަނޑު ސަލާމަތްކުރަން ކަމަށެވެ.  

ނުކުމެގެން ދިއުމުން ވަރިނުކުރަންވެސް ވަރަށް ހިފެހެއްޓިއެވެ. ނަމަވެސް ކޯޓުގައި އޭނާއަކީ ތަޅާ އަނިޔާކުރާ މީހެއްކަން ސާބިތުކޮށްދިނުމުން އެއްފަހަރުން ވަރިނަގައިދީފިއެވެ.  

އަންހެނުންނާއި ފިރިހެނުންނަކީ ދިރިއުޅުމުގައި ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ބައެއް ނަމަވެސް ޖިސްމާނީ ގޮތުން ބަލައިފިނަމަ އަންހެނުންނަކީ ނިކަމެތި ބައެކެވެ. އަންހެނުންނަކީ ހަށިގަނޑުގެ ގޮތުން ބަލިކަށިބައަކަށްވުމަކީ އަނބިންގެ ގައިގައި ތަޅާ އަނިޔާކުރަންލިބޭ ހުއްދައެއް ނޫނެވެ. ނުވަތަ ތަޅާއަނިޔާކުރުން ހުއްދަވާ ސަބަބެއް ނޫނެވެ.  

ދީނީ ގޮތުން ކަންކަން އޮތްގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއީ އިސްލާމް ދީނުގެ ޙުކުމްތަކަށް އެއްވެސް ވަރަކަށް އިޙްތިރާމްކުރާ މީހަކު އޭނާގެ އަނބިމީހާގެ ގައިގައި ތަޅައި އަނިޔާ ނުކުރާނެތީއެވެ. އެކަން އެކުރަނީ ﷲ އަށް ބިރުވެތިނުވާ މީހުންނެވެ.  

ތަޅާއަނިޔާކުރާފިރިއަކާއިއެކު ދިރިއުޅެން މަސައްކަތް ނުކުރާށެވެ! ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އަވަހަށް ވަކިވާށެވެ! ތަޅަމުން ގޮސް ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ލިބުމުން އެތަދު ފިލުވައިލުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ގިނަ ފަހަރަށް އޮންނަނީ އުމުރަށްވެސް އެވޭނުގައި އުޅެންޖެހިފައެވެ. 

ދެވަނަ ފިރިއަކަށް ކިތަންމެ ރަނގަޅު މީހަކު ލިބުނަސް އޮންނަނީ އޭނާއަށް ކޮށްދޭންޖެހޭ ޚިދުމަތްތައް ކުރާނެ ބާރުވެސް ގައިގައި ނެތިފައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ތަޖުރިބާ އާއި އެތަޖުރިބާގެ ސަބަބުން އަޅުގަނޑަށް ޤަބޫލުކުރެވުނު ކަންކަމެވެ. އެބޭކަނބަލަކު ބޭނުންވެލައްވާ ގޮތަކަށް އެބޭކަނބަލަކު ޢަމަލުކުރައްވާށެވެ! 

- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން