ފަޤީރު ޙާލުގައި ދުނިޔޭގައި އުޅެންޖެހުމަކީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫންކަން ބަޔާންކޮށް ވަރަށް ގިނައިން އެބަ ވާހަކަދެކެވެއެވެ. މިވާހަކަ ދައްކަން ޖެހޭ ސަބަބުތައް ބައިވަރެވެ. އެހެންވެ މިރޭވެސް ކޮންމެވެސް މިންވަރަކަށް މިވާހަކަ ދައްކައިލަން ޤަޞްދުކުރަމެވެ.
ސަބަބަކީ ބުރިބުރިއަށް ގެ ނޭޅޭނަމަ، އެކައުންޓުގައި ފައިސާތަކެއް ނެތްނަމަ ތިމާއަކީ އެއްވެސް މީހެއްކަމަށް ޤަބޫލުނުކުރެވުމާއި ތިމާގެ ޖީބު ފަޤީރުވެއްޖެ ނަމަ ތިމާއަކީ ނިކަމެތި މީހެއް ކަމަށް ބަލައި ކަންބޮޑުވެ ހިތާމައިގައި މުޅި ޙަޔާތް ވޭތިކޮށްލާ މީހުން ދަނީ ގިނަވަމުންއަންނާތީއެވެ. އެހެން އެވަނީ ބޭނުންވާ ކަންކަން ކުރެވޭ ވަރަށް އަތުގައި ފައިސާ ނެތުމުންނެވެ.
މިފަދަ މީހުން ވިސްނައިލަންވީ އަހަރެމެން އެންމެންވެސް އެބޭކަލުންގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް ނަމޫނާއަކަށް ބަލަން ޖެހޭ ރަސޫލްބޭކަލުންނާއި ނަބީ ބޭކަލުންނާއި ޞަޙާބީ ބޭކަލުންގެ ޙަޔާތްޕުޅަށެވެ.
ރަސޫލް (ﷺ)ގެ ޒަމާން ފަދަ ދަތިކަން ބޮޑު ޒަމާނުގައި ވެސް އެއްވެސް ޞަޙާބީއަކު ފަޤީރު ޙާލުކޮޅެއް މެދުވެރިވެވަޑައިގެންފާނެ ކަމަށް ޖެހިލުންވެވަޑައިގެންފައެއް ނުވެއެވެ. ތަނަވަސްކަމުގައި ދިރިއުޅުއްވަމުން ގެންދެވި އެތައް ބޭކަލުން ވަނީ އެ ނިޢްމަތް ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެއްވެސް ވަރަކަށް ފަސްޖެހިވަޑައި ނުގެން ދޫކޮށްލައްވައި އިސްލާމް ދީނުގައި ސާބިތުވެވަޑައިގެންފައެވެ.
مصعب بن عميرއަށް ބަލައިލަމާ ހިނގާށެވެ! މައްކާގައި ނުހަނު ތަނަވަސް ޢާއިލާއެއްގެ ބޭކަލެކެވެ. އެންމެ ރީތިކޮށް ހެދުން އަޅުއްވަވައި އުޅުއްވެވީ އެކަލޭގެފާނެވެ. ނަމަވެސް ބަދުރު ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ލިބާސްކޮޅުން ހަށިކޮޅު ހަށިކޮޅު ވެސް ފޮރުވޭވަރު ނުވިއެވެ.
ނަމަވެސް އިސްލާމް ދީނަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ މަތިވެރިކަން ބޮޑުކަން ނިކަން ދެކިބަލާށެވެ! މަދީނާގެ ބައަކު އިސްލާމްވެވަޑައިގެންނެވީ مصعب بن عميرގެ މަސައްކަތްޕުޅުންނެވެ. ބަދުރު ހަނގުރާމައިގައި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ދިދަކޮޅު އުފުއްލެވީ އެކަލޭގެފާނެވެ. ހަނގުރާމައިގައި މުޝްރިކުން އެއް އަތްޕުޅު ކަނޑައިލުމުން ދެވަނަ އަތްޕުޅުން އުފުއްލެވިއެވެ. ދެވަނަ އަތްޕުޅު ކަނޑައިލުމުން މޭފުޅުގައި ވިއްދަވައިގެން ދިދަކޮޅު އުފުއްލެވިއެވެ. އެވަރުންވެސް ދިދަކޮޅަށް ޙައްޤު އިހްތިރާމް އަދާކުރެއްވެވިއެވެ.
ރަސޫލް (ﷺ) ވަނީ مصعب بن عميرއަވަހާރަވެވަޑައިގެންފައި އޮއްވައި ފެނިވަޑައިގަތުމުން "ދެން ބައްދަލުވާނީ ސުވަރުގެއިން" ކަމަށް ހަދީޘްފުޅުކުރައްވަވައިފައެވެ.
އިސްލާމްވެވަޑައިގެންނެވި ކަމަށްޓަކައި، އަވަހާރަވެވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ފޭރާންކޮޅުން ހަށިކޮޅު ނިވާ ނުކުރެއްވެވުނު ނަމަވެސް ސުވަރުގޭގައި ރަސޫލް (ﷺ) އަރިއަހުގައި ވާނީ ކޮންފަދަ ރިވެތި، އަގުހުރި ފޭރާންކޮޅެއްގައިހެއްޔެވެ؟
އަހަރެމެން މުސްލިމުން މިއަދު ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ކަންކަމުންނެވެ. މިފަދަ ޙާދިސާތަކުންނެވެ. މަސައްކަތްކުރަންވީ ޖީބު މުއްސަނދިކުރާކަށް ނޫނެވެ. ހިތުގެ މުއްސަނދިކަން އިތުރުކޮށް ސުވަރުގެ ޙާޞިލުކުރުމަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން