ގިނަގިނައިން މަރުހަނދާންކޮށް ކައްވަޅުގައި ހޭދަކުރަންޖެހޭނެ ދުވަސްތަކާއިމެދު ވިސްނުމުގެ ބޭނުމުގައި ބައެއް މީހުން ދިރިތިބެ ވަޅުލެވި ކައްވަޅުގެ އަނދިރިކަން ތަޖުރިބާކުރަން މަސައްކަތްކޮށްފައިވެސް އެބަހުއްޓެވެ. އެއީ ކައްވަޅުގައި އެމީހުންނަށް ކުރިމަތިވެދާނެ ކަންކަމަށް ބިރުގަތުމުގެ ބޭނުމުގައެވެ.
ވިސްނާށެވެ! މަރުވުމުން އެމީހެއްގެ ހުރިހާ ބާރުތަކެއް ކެނޑިގެންދިއައީއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެންކަމަށްވާއިރު ކައްވަޅާއިމެދު ޣާފިލުވެގެން ތިބެން ހެޔޮވާނީ ކޮންގޮތަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވުމުން ގެދޮރުވެސް އަޅާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަކީ އާޚިރަތް ދުވަހާއި ޖެހެންދެން އެމީހެއްގެ ގޯއްޗަކީ ކައްވަޅުކަމާއި އެކައްވަޅުގެ އަނދިރިކަމެވެ. ހިތާމައަކީ އެކަން ހަނދާންނެތިގެންދާކަމެވެ.
އަހަރެމެން ގެ ހުރިހާ ސަމާލުކަމެއް ދެވިފައި މިވަނީ ދުނިޔޭގެ ބާޒާރުން ލިބެންހުރި އެންމެ ރީތި ލަންޓަންތަކާއި ބޮކިތައް ގޭގައިލައި ގޭތެރޭގެ އަލިކަން ގަދަކުރުމަށެވެ. ގޯތިތެރެއާއި ބަގީޗާތަކުގައި ރީތި އަލިގަދަ ބޮކިތައް ދިއްލުމަށެވެ.
އަހުރެންގެ ސުވާލަކީ ގެއާއި ގޯތިތެރެ ނުވަތަ މަގުމަތި ކިތަންމެ އަލިގަދަ، އަލިރީތި ބޮކިތަކުން ޒީނަތްތެރިކޮށް ދިއްލިއްޔާ އެއަލިން އެއްވެސް މިންވަރެއް ތިބާގެ ދާއިމީ ގޯއްޗަށް ފޯރާނެ ހެއްޔެވެ؟ ކައްވަޅު އަލިކުރެވޭނެ ހެއްޔެވެ؟ ކައްވަޅު އަލިކުރެވޭނެނަމަ އެކަމުގެ ފައިދާކުރާނެއެވެ. ނުކުރެވޭނެނަމަ އެބޮކިތަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟
ކައްވަޅުގައި އަލިކަންލިބުންވަނީ، އަދި ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް ރަޙްމަތް ލެއްވެވުންވަނީ އެމީހާ ދުނިޔޭގައި ހުރެ ކުޅަ ހެޔޮ ޢަމަލެއްގެ ސަބަބުންނެވެ. ހަމައެފަދައިން ކައްވަޅުގެ އަނދިރިކަމާއި އަބާޖަބވެރިކަން ލިބުންވަނީވެސް އެމީހަކު ކުޅަ ފާފަތަކުގެ ސަބަބުންނެވެ.
ވީމާ މިރެއިން ފެށިގެންވެސް ޢަޒުމް ކަނޑައަޅަންވީ ކައްވަޅުގައި އަލިކަން ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މީހަކަށްވުމަށެވެ. މޫނު ކަޅުވެ އަނދިރިވެގެންވާ ޙާލު ދުނިޔެއާއި ވަކިވެގެންދާ މީހަކު ކަމުގައި ނުވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން