ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލާމް ގެ ސުންނަތަށް ޢަމަލުކުރާނަމަ އަނބިންނަށް މަކަރުހަދައި ކަންކަން ސިއްރުކުރުކުރުމެއް ނެތެވެ. ކުރާ ކައިވެނި ސިއްރުކުރުމެއްވެސް ނެތެވެ. އޮތީ ވަލީމާދީ ވީހާ ގިނަބައަކަށް އެކަން އެންގުމެވެ. ހަމައެފަދައިން އަނބިން ފިރިންނަށް އޮޅުވާލައި މަކަރުހެދުމެއް ނެތެވެ. ދެމަފޮިރިންނަށްވެސް އޮތީ ތެދުވެރިވުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިނުވާށެވެ! އެއީ ކުރެވޭ ވަރަށް ބޮޑުފާފައެކެވެ. އެކަމުގެ ސަބަބުން މެދުވެރިވެދާނެ ގޮތް އެއޮތީ ޙަދީޘްފުޅުން ވަރަށް ސާފުކޮށް ފެންނާށެވެ!
ޚިޔާނާތްތެރިން އެކަމުގެ ރަހަ ދެކޭނެތެވެ. ފަހަރެއްގައި މިދުނިޔޭގައި މޮޅެއް ލިބިވެސް ދާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނާނީ މިދުނިޔޭގައިވެސް އެއްވެސް މޮޅެއް ނުލިބިފައެވެ. ވީމާ އެކުގައި ނުއުޅެން ނިންމައިފިނަމަ ޚިޔާނާތްތެރި ނުވެ ރިވެތި ގޮތުގައި ވަކިވާށެވެ! އިތުރު ފާފަތައް ކޮށް ހަލާކުގެ ތެރެއަށް ވެއްޓިނުގަންނާށެވެ! އާޚިރަތް ނަގައިނުލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ދެދުނިޔޭގައި ކާމިޔާބާއި ފަލާޙް ލިބުން އޮތީ އެއިރުންނެވެ.
މިނަޞޭޙަތުގެ ބަސްކޮޅާއިއެކު މިރޭ މިފަށަނީ އިމާމް އަޙްމަދުގެ ޙަދީޘްފުޅަކުންނެވެ. ޙަދީފުޅުގެ މާނައަކީ "އެމީހެއްގެ އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނުވެއެވެ. އަހުދުތަކަށް ފަރުވާތެރި ނުވާ މީހާގެ ދީނެއް ނުވެއެވެ."
މިޙަދީޘްފުޅުގެ މާނައިން ނަގަންވީ ހަމައެކަނި ފައިސާއަށް ޚިޔާނާތްތެރިވުން އެކަނި ކަމަކަށް އަހަރެން ނުދެކެމެވެ. ކައިވެނީގައި އަނބިމީހާ ބަލައިގަންނަ ހިސާބުން އެވަނީ އަނބިމީހާ އާއި ހަވާލުވެވިފައެވެ. އަދި ކައިވެނީގެ ރަނާއިއެކު އެވަނީ ވާން އުޅޭ ފިރިމީހާވެސް ބަލައިގަންނަން ރުހެވިފައެވެ. ކައިވެންޏާއިއެކު އެވަނީ ފިރިމީހާ އެވަނީ ބަލައިގަނެވިފައެވެ.
ކައިވެނީގެ ޚުޠުބާގައި އެންމެ ބޮޑަށް ބާރު އަޅަނީ އެކަކު އަނެކަކަށް ތެދުވެރިވެ އިޚްލާޞްތެރިވުމަށެވެ. ޚިޔާނާތްތެރިކަމަކީ އަމާނާތްތެރިކަމުގެ އިދިކޮޅެވެ. ވީމާ މި ޙަދީޘްފުޅަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ކައިވެންޏާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޙަދީޘްފުޅެކެވެ.
އަހުދުތަކަށް ފަރުވާތެރިވުމުގެ ވާހަކައޮތް އިރު ކައިވެނީގެ އެއްބަސްވުމަކީ އަހުދުނާމާއެކެވެ. ކައިވެނީގެ އިޤްރާރުގައި ކުރާ ސޮޔަކީ އެއްބަސްވެ ކުރާ ސޮޔެވެ. މިސަބަބަށްޓަކައިވެސް ޙަދީޘްފުޅާއި ކައިވެންޏާއި ވަރަށް ބޮޑަށް ގުޅިގެންދާކަމަސް އަހަރެން ޤަބޫލުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން