ނިކަން ބުނެބަލާށެވެ! އެންމެ އުސް އިމާރާތް އެޅުމުގައި އެންމެ ވާދަކުރަނީ ޔޫއޭއީ އާއި ސައުދިޢަރަބިޔާ ކަމަށްވާއިރު މިއިން އެއްވެސް ރަސްކަލެއް ނުވަތަ ޕްރިންސެއް އަވަހާރަވުމުން ފަސްދާނު ލެވޭނީ ބިނާކުރެއްވި އެ އުސް ޓަވަރުގެ އެންމެ މަތީގައި ބަހައްޓާ ޤުއްބެއްގައި ހެއްޔެވެ؟
ރަނާއި ޖަވާހިރުން އަތްކަންކޮށްގެން ހަދާފައިވާ ޤުއްބެއްގައި ފަސްދާނު ލެވުނު ނަމަވެސް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ހަމައެހެން މީހުން ފަދައިން ކައްވަޅުގެ ސުވާލުތަކާއި ކުރިމަތިނުލައި ނިންމައިލެވޭނެ ހެއްޔެވެ. ކައްވަޅުގެ ޢަޛާބް ޙައްޤުވާނަ ނުލިބޭނެ ގޮތެއް ހެދޭނެ ހެއްޔެވެ؟
ތަނަވަސްކަމާއި ބާރު ލިބުމުން މީހުންގެ ބިންތައް ހޯދުނު ގޮތަކަށް ހޯދައިގެން ނަމަވެސް، ޖަހައިގަނެގެން ނަމަވެސް ބޮޑެތި ގެތައް އެޅޭތޯ މީހުން ހަމަ ތެޅިފޮޅެނީއެވެ. ފައިސާ ހޯދުނު ގޮތަކަށް ހޯދައިގެން ނަމަވެސް ބަލަމުން ގެންދަނީ އެކަކަށްވުރެ އަނެކެއްގެ ގެ އުސްކުރެވޭތޯއެވެ! ފުރިހަމަކުރެވޭތޯއެވެ!
މިކަމުގައި މަސްއޫލްވެ ޣާފިލުވެގެން އުޅޭ މީހުންނަށް ވެސް އެމީހުން މަރުވާނެކަން ޔަޤީންވާނެއެވެ. ނުއެނގޭނީ މަރުވާނެ ދުވަހާއި ވަގުތެވެ. ދެން އެމީހުންނަށް ނުވިސްނޭ ކަމަކީ މަރުވުމުން ލިބޭނެ ކައްވަޅުގެ ސައިޒަކަށްވާނީ ހަމަ ގެދޮރު ނެތިގެން މަގުމަތީގައި ނިދާ މީހުންނާއި އެއްބޮޑުމިނެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެ ނުބައި ނުލަފާ ޖައްބާރު ފިރުއަޢުނު އޮތީ މިޞުރުގެ ދާރުލްއާޘާރެއްގައެވެ. ހަށިގަނޑު ވަޅެއް ނުލެވެއެވެ. އެކަމަކު އޭނާގެ ހަށިގަނޑަށް ކައްވަޅުގެ ޢަޛާބު ދެއްވަވަމުން ގެންދަވާކަން ކީރިތި ޤިރްއާނުން މިއޮތީ އެނގޭށެވެ!
"ފަހެ، އެއުރެންގެ ނުބައި މަކަރުވެރި ރޭވުންތަކުން ﷲ އޭނާ ސަލާމަތްކުރެއްވިއެވެ. އަދި އެންމެނުބައި ޢަޛާބު، ފިރްޢައުނުގެ މީހުން ވަށައިލިއެވެ"(ޣާފިރު: 45)
"އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދޤިޔާމަތުގެ ވަގުތު އަންނަދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރުއަޢުނުގެ މީހުން އެންމެގަދަފަދަވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!" (ޣާފިރު: 46)
މިހިރަ މިހިރަ ކަންކަން އަރެމެންގެ ލޯތަކަށް ދައްކަވައި އަދި ޤުރްއާނުގައި ވަޙީ ބަސްފުޅުތައް ހުރިއިރުވެސް ބިމާއިގެން މީހުންތެޅިފޮޅޭވަރު ނިކަން ދެކިބަލާށެވެ! ބުރިބުރިތަކަށް ގެދޮރު ނުއުފުއްލިގެން އެއުޅޭ ގޮތް ނިކަން ދެކިބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން