ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (يُغْفَرُ لِلشَّهِيْدِ كُلُّ ذَنْبٍ إلَّا الدَّيْنَ)[1] މާނައީ: "މާތް اللهُ، ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާހުއްޓެވެ."
ވީމާ މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެއެވެ. ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެކެވެ. ކީރިތި ރަސޫލާ zގެ އަޞްޙާބު ބޭކަލަކު އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ އަޚާއަށް ކީރިތި ރަސޫލާ z ޙަދީޘްކުރެއްވިއެވެ. (إِنَّ أَخَاكَ مـُحْتَبَسٌ بِدَيْنِهِ فَاقْضِ عَنْهُ، فَقَالَ: يَا رَسُوْلَ اللهِ قَدْ أَدَّيْتُ عَنْهُ إلَّا دِيْنَارَيْنِ، اِدَّعَتْهُمَا اِمْرَأَةٌ وَلَيْسَ لَـهَا بَيِّنَةٌ، قَالَ: فَأَعْطِهَا فَإِنَّـهَا مُـحِقَّةٌ)[2] މާނައީ: "ތިބާގެ އަޚާ ވަނީ އޭނާގެ ދަރަނީގެ ސަބަބުން ބަނދެވިފައެވެ. ފަހެ ތިބާ އޭނާގެ ދަރަނި އަދާކުރާށެވެ!" ދެން އެ ބޭކަލަކު ދެންނެވިއެވެ: "އޭ اللهُ ގެ ރަސޫލާއެވެ! އެންމެ ދެ ދީނާރު ފިޔަވައި ދެން ހުރި ދަރަނި އަހުރެން އަދާކޮށްދީފީމެވެ. އެއީ އަންހެނަކު ދަޢުވާކުރާ ދެ ދީނާރެވެ. އެކަމަކު އެ ކަނބުލޭގެ އަތުގައި އެކަމުގެ ހެއްކެއް ނެތެވެ." އެހިނދު ކީރިތި ރަސޫލާ z ޙަދީޘްކުރެއްވިއެވެ. "ތިބާ އެކަނބުލޭގެއަށް އެ (ދެ ދީނާރު) ދޭށެވެ! އެ ކަނބުލޭގެއަކީ އޭގެ ހައްޤުވެރިޔާއެވެ." ދަރަނީގެ ސަބަބުން ބައެއް މީހުން ދޮގުހަދައި، ވެފައިވާ ވަޢުދާ ޚިލާފުވެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الرَّجُلَ إِذَا غَرِمَ حَدَّثَ فَكَذَبَ وَوَعَدَ فَأَخْلَفَ)[3] މާނައީ: "ހަމަކަށަވަރުން މީހާ ދަރަނިވެރިވާ ހިނދު ދައްކާ ވާހަކައިގައި ދޮގުހަދައި، އޭނާވާ ވަޢުދާ ޚިލާފުވެއެވެ."