މަރުމަތީގައި ޝަހާދަތް ކިޔުމަކީ ހެޔޮލަފާ މަރެއްގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
مَنْ كَانَ آخِرُ كَلامِهِ لا إِلَهَ إِلا اللَّهُ دَخَلَ الْجَنَّةَ ) .رواه أبو داود ( 3116 ) وحسَّنه الألباني في " إرواء الغليل " ( 3 / 149 ) .
މާނައީ: "އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ."
الشيخ محمد شافع
ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މަރުމަތީގައި ޝަހާދަތް ކިޔުމުގެ ނަޞީބު ލިބޭނީ ދުނިޔޭގައި އުޅުނުއިރު ޝަހާދަތަށް ލޯބިކޮށް ޢަމަލުކުރި މީހަކަށެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އޮތީ ހެޔޮލަފާ މީހެއްގެ ގޮތުގައި މަރުގެންދެވުން އެދި އާއި އާޚިރަތް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.
ޕާކިސްތާނުގެ ބައެއް ޑޮކްޓަރުންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި މަރުމަތީގައި ޝަހާދަތް ކިޔެނީ ވަރަށް މަދުމީހަކަށެވެ. ގިނަ މީހުންނަކަށް އެފުރުޞަތެއް ނުލިބެއެވެ.
އެކަމުންވެސް އެނގެނީ ދުލުކުރިން ޝަހާދަތް ކިޔާލައި އުޅުނަސް ޝަހާދަތުގެ ދެކަލިމައަށް ޢަމަލުނުކުރާނަމަ މަރުމަތީގައި ޝަހާދަތްކިޔަން ހުރަސްއެޅޭކަމެވެ.
އަދި ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މިޙަދީޘްފުޅުގެ މާނައަކީ އިޚްލާޞްތެރިކަމާއިއެކު ޝަހާދަތްކިޔައިފިމީހަކު އެގޮތުގައި ހުރެ މަރުވެއްޖެނަމަ ސުވަރުގެ ވައްދަވާނެ ކަމެވެ. ނަމަވެސް އޭނާ ކުޅަ ފާފަތައް ގިންވެ ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ނަރަކައިގައި ޢަޛާބް ލިބުމަށްފަހުގައެވެ.
މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!.