ޢަލީ އިޙްޞާން ފިރާޤް
ގެރިއަށް އަޅުކަން ކުރަންފެށުން:
ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނާއެކު ކަނޑު ހުރަސްކުރައްވައި، މޫސާގެފާނު ވަޑައިގެންނެވި މަގުމަތީން ބުދުތަކަކަށް އަޅުކަން ކުރަންތިބި ބަޔަކާ ދިމާވިއެވެ. އެތަންފެނިގެން ބަނީ އިސްރާއީލުގެ މީހުން މޫސާގެފާނަށް ދެންނެވިއެވެ. [ އޭ މޫސާގެފާނެވެ! އެއުރެންނަށް އިލާހުންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް އިލާހެއް ލައްވައި ދެއްވާށެވެ! މޫސާގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނީ ޙައްޤު ނޭނގޭ ބަޔެކެވެ.] މި ވާހަކަ ސޫރަތުލް އަޢުރާފުގެ 138 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتَوْا عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰ أَصْنَامٍ لَّهُمْ ۚ قَالُوا يَا مُوسَى اجْعَل لَّنَا إِلَـٰهًا كَمَا لَهُمْ آلِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ ﴿١٣٨﴾
މާނައީ: [އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިން ގެންދެވީމެވެ. ދެން އެއުރެން قوم އެއްގެ މީހުންނާހަމަޔަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން (އެބަހީ: އިސްރާއީލުގެދަރިން) ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެންނަށް إله ންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް إله އެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (حق ގޮތް) ނޭނގޭ ބަޔެކެވެ.]
އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ބައެއް މުފައްސިރުން ވިދާޅުވެފައިވާ ގޮތުގައި މި ދެންނެވި އާޔަތުގައި ބަޔާން ކުރައްވައިފައިވާ ބުދަށް އަޅުކަން ކުރަން އުޅުނު ބަޔަކީ، ކަންޢާނުގެ މީސްތަކުންނެވެ. އަދި އެއީ لخم ގެ މީސްތަކުން ކަމަށްވެސް ބުނެވެއެވެ. އިބްނު ޖަރީރު ވިދާޅުވެފައިވެއެވެ. [އެ ޤައުމުގެ މީސްތަކުން އަޅުކަން ކުރަމުން ގެންދިޔައީ، ގެރީގެ ސޫރައިގައި ހަދައިފައިވާ ބުދުތަކަކަށެވެ. ފަހުން ބަނީ އިސްރާއީލުންގެ މީސްތަކުން ގެރިއަށް އަޅުކަން ކުރުމަށް ހިތް ލެނބުނު ކަމަކަށް މި ކަންވެގެން ދިޔައެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 153}
އަބޫ ވާޤިދުއް ލައިޘީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޙުނައިނު ހަނގުރާމައަށް ވަޑައިގެންނެވި މަގުމަތީގައި، ގަހެއްގެ ކައިރިން ލައްވައިފައި ވަޑައިގެންނެވިއެވެ. އެ ގަހަކީ، މުޝްރިކުން މާ މާތްކޮށް ހިތާ އުޅޭ ގަހެކެވެ. އެ ގަހަށް އެބައިމީހުން ދީ އުޅުނު ނަމަކީ [ޛާތު އަންވާޠު] އެވެ. އެ ގަހުގައި އެބައިމީހުންގެ ހަތިހާރުތައް އެލުވައިފައި ބަހައްޓައެވެ.
އެ މަންޒަރު ފެނިވަޑައިގެން ޞަޙާބީންގެ ބަޔަކު ނަބިއްޔާ އަށް ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އެބައިމީހުންނަށް ޛާތު އަންވާޠު ވާފަދައިން ތިމަންބޭކަލުންނަށްވެސް ޛާތު އަންވާޠެއް ހައްދަވައި ދެއްވާށެވެ.] މި އަޑު އައްސަވައި މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
" سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى : [ اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ] وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ " {جامع الترمذي،باب مَا جَاءَ لَتَرْكَبُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، ޙަދީޘް ނަމްބަރު 2180}
މާނައީ: سُبْحَانَ اللَّهِ އެވެ. މާތްﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ. ތިޔައީ މޫސާގެފާނުގެ ޤައުމުގެ މީސްތަކުން ބުނި ބުނުންފަދަ ބުނުމެކެވެ. އެބައިމީހުން ބުނެފައިވެއެވެ. އެއުރެންނަށް އިލާހުންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް އިލާހެއް ލައްވައި ދެއްވާށެވެ! ތިމަންކަލޭގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުފުޅު ދަށުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން އުޅުނު ގޮތްތަކަށް ތިޔަބައިމީހުން ތަބާވާނެއެވެ.]
އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
[ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީން އުޅުނު އުއްމަތްތަކުގެ މީސްތަކުންގެ ގޮތްތަކަށް ތަބާވަމުން ގެންދާނެއެވެ. ކައިވަތަކުން ކައިވަތަކުންނެވެ. ދެން މުށަކުން މުށަކުންނެވެ. މިހެން ތަބާވަމުންގޮސް އެބައިމީހުން ޟައްބުއޭ ކިޔުނު ޖަނަވާރުގެ ހޮރަކަށް ވަތްކަމުގައި ވިޔަސް ތިޔަބައިމީހުން އެބައިމީހުންގެ ފަހަތުން ގޮސް ވަންނާނެއެވެ. އެބައިމީހުންނަށް ތަބާވާނެއެވެ.] މާތް ރަސޫލާއަށް ދެންނެވުނެވެ. [އިހުއުޅުނު އުއްމަތްތަކޭ ތިޔަ ޙަދީޘް ކުރެއްވީ ޔަހޫދީންނާއި ނަޞާރާއިންނަށްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ދެން އިތުރު ކޮން ބައެއް ހެއްޔެވެ؟] {އިމާމު ބުޚާރީ، ޞަޙީޙުލް ބުޚާރީ، كتاب الاعتصام بالكتاب والسنة، باب قَوْلِ النَّبِيِّ صلى الله عليه وسلم " لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ "، ޙަދީޘް ނަމްބަރު، 7320}
މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ދޫކުރަށްވައި، ތޫރުފަރުބަދައިގެ މައިދާނަށް ވަޑައިގެންނެވުމާއެކު އެބައިމީހުން ގެރި އަށް އަޅުކަން ކުރަންފެށިއެވެ. ބަޤަރާ ސޫރަތުގެ 51 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ وَاعَدْنَا مُوسَىٰ أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ ﴿٥١﴾
މާނައީ: [އަދި موسى ގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ.]
ހަމަ މިވާހަކަ އެހެން ޢިބާރާތަކުން ސޫރަތުލް އަޢުރާފުގެ 148 ވަނަ އާޔަތާއި، 149 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَاتَّخَذَ قَوْمُ مُوسَىٰ مِن بَعْدِهِ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُ خُوَارٌ ۚ أَلَمْ يَرَوْا أَنَّهُ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ اتَّخَذُوهُ وَكَانُوا ظَالِمِينَ ﴿١٤٨﴾ وَلَمَّا سُقِطَ فِي أَيْدِيهِمْ وَرَأَوْا أَنَّهُمْ قَدْ ضَلُّوا قَالُوا لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿١٤٩﴾
މާނައީ: [ موسى ގެފާނުގެ قوم ގެމީހުން، އެކަލޭގެފާނު ވަކިވެވަޑައިގަތުމަށްފަހު، ޅަގެރިޔެއްގެ ސިފާގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް އެއުރެންގެ ގަހަނާތަކުން ހެދޫއެވެ. އެ ގެރި، އެއުރެންނާ ވާހަކަނުދައްކާކަމާއި، އަދި އެއްވެސް މަގަކަށް އެއުރެންނަށް މަގުނުދައްކާކަން އެއުރެން ނުދެކެނީހެއްޔެވެ؟ އެއުރެން އެގެރި (إله އެއްކަމުގައި) ހިފައިފޫއެވެ. އަދި އަނިޔާވެރިންކަމުގައި އެއުރެންވޫއެވެ.موسى ގެފާނުގެ قوم ގެމީހުން، އެކަލޭގެފާނު ވަކިވެވަޑައިގަތުމަށްފަހު، ޅަގެރިޔެއްގެ ސިފާގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް އެއުރެންގެ ގަހަނާތަކުން ހެދޫއެވެ. އެ ގެރި، އެއުރެންނާ ވާހަކަނުދައްކާކަމާއި، އަދި އެއްވެސް މަގަކަށް އެއުރެންނަށް މަގުނުދައްކާކަން އެއުރެން ނުދެކެނީހެއްޔެވެ؟ އެއުރެން އެގެރި (إله އެއްކަމުގައި) ހިފައިފޫއެވެ. އަދި އަނިޔާވެރިންކަމުގައި އެއުރެންވޫއެވެ.]
އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ގެރި ހަދައިދިނީ ސާމިރީ އޭ ކިޔުނު މީހެކެވެ. އޭނާ އެބައިމީހުންނަށް އެ ގެރި ހަދައިދިނީ، މިޞްރުން އެބައިމީހުން ގެނައި ގަހަނާތައް ބޭނުންކޮށް ގެންނެވެ. އެ ގެރި ހެދުމަށްފަހު، އޭގެ ތެރެއަށް އޭނާ ވެލި މުށްވަރެއް އުކައިލިއެވެ. އެއީ ޖިބުރީލުގެފާނުގެ އަސްކޮޅުގެ މޮށްގަނޑު ޖެހުނުތަކުން އޭނާ ނެގި ވެލިމުށްވަރެކެވެ. އޭގެ ސަބަބުން އެ ގެރީގެ ތެރެއިން ގެރި ލައްވާ ކަހަލަ އަޑެއް ނިކުމެގެން ދިޔައެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 4 ވަނަ ޖިލްދު، ޞަފްޙާ 163}
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން އަޅުކަން ކުރުމަށްޓަކައި، ގެރި ނުވަތަ ޅަގެރިއެއް ހެދި ގޮތުގެ ތަފްޞީލު ޠާހާ ސޫރަތުގެ 87 ވަނަ އާޔަތުން ފެށިގެން 89 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
قَالُوا مَا أَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلَـٰكِنَّا حُمِّلْنَا أَوْزَارًا مِّن زِينَةِ الْقَوْمِ فَقَذَفْنَاهَا فَكَذَٰلِكَ أَلْقَى السَّامِرِيُّ ﴿٨٧﴾فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُ خُوَارٌ فَقَالُوا هَـٰذَا إِلَـٰهُكُمْ وَإِلَـٰهُ مُوسَىٰ فَنَسِيَ ﴿٨٨﴾ أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا ﴿٨٩﴾
މާނައީ: [އެއުރެން ދެންނެވޫއެވެ. ތިމަންމެން އަމިއްލަ اختيار އަކުން ކަލޭގެފާނަށް ކުޅަ وعد އަކާ خلاف އެއް ނުވަމުއެވެ. އެހެެނެއްކަމަކު، قوم ގެމީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ، ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމައެފަދައިން السّامرىّ ވެސް އުކިއެވެ.ފަހެ، އޭނާ އެއުރެންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުނޫއެވެ. މިއީ ތިޔަބައިމީހުންގެ إله އެވެ. އަދި موسى ގެފާނުގެވެސް إله އެވެ. (އެކަން އެންގެވުމަށް) موسى ގެފާނު ހަނދުމަފުޅު ނެތުނީއެވެ.ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް، އަދި މަންފާއެއް ދިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟]
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ގެރިއަށް އަޅުކަން ކުރަން ފެށުމާއެކު ސަލާމްލެއްވި ހާރޫނުގެފާނު އެބައިމީހުންނަށް އެކަން މަނާ ކުރެއްވިއެވެ. އެބައިމީހުން ސާމިރީގެ ބަސްއަހައި ގެރިއަށް އަޅުކަން ކުރުން ދޫކޮށް އެކަލޭގެފާނަށް ތަބާވުމަށް އެންގެވިއެވެ. އެކަލޭގެފާނު އެބައިމީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
[އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން امتحان ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبع ވާށެވެ! އަދި ތިމަންކަލޭގެފާނުގެ أمر އަށް ކިޔަމަންވާށެވެ]! {ޠާހާ 90}
ނަމަވެސް ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ހާރޫނުގެފާނުގެ ބަސްފުޅެއް އަޑެއް ނޭހިއެވެ. އެބައިމީހުންގެ އެކަލޭގެފާނަށް ދެންނެވިއެވެ.
[ موسى ގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ.] {ޠާހާ 91}
މޫސާގެފާނު ވަޑައިގެންނެވުމުން، އެކަލޭގެފާނަށް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ކުރަމުން ގެންދިޔަ ނުބައި ކަންތައްތައް ހާމަވެގެން ދިޔައެވެ. އެކަލޭގެފާނު އެކަމާ ވަރަށް ކޯފާ އިސްކުރެއްވިއެވެ. ހިތާމަފުޅު ކުރެއްވިއެވެ. އެކަލޭގެފާނު ކޯފާއިސްކުރައްވައިފައި ހުންނެވިވަރު ތައުރާތު ލިޔެވުގެންވާ ފިލާތައްވެސް އުކަވައިލެއްވިއެވެ. އަދި އެބައިމީހުންނަށް އެކަން މަނާނުކުރައްވަނީ ކަމަށް ހީފުޅު ކުރައްވައި ހާރޫނުގެފާނުގެ އިސްތަށިފުޅުގައި ހިއްޕަވައި ދަންމަވައިގަންނަވައި ސުވާލު ވެސް ކުރައްވަން ފެއްޓެވިއެވެ. ސޫރަތުލް އަޢުރާފުގެ 150 ވަނަ އާޔަތާއި 151 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
وَلَمَّا رَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِي مِن بَعْدِي ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى الْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ ۚ قَالَ ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ ﴿١٥٠﴾ قَالَ رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿١٥١﴾
މާނައީ: [އަދި موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (توراة ގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފޫއެވެ. ފަހެ، ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ!އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ އާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.]
ޠާހާ ސޫރަތުގެ 91 ވަނަ އާޔަތުން ފެށިގެން 94 ވަނަ އާޔަތުގައި އިސްވެދެންނެވި ވާހަކަ ބަޔާން ކުރައްވައިފައިވަނީ، މި ދަންނަވާ ޢިބާރާތުންނެވެ.
قَالَ يَا هَارُونُ مَا مَنَعَكَ إِذْ رَأَيْتَهُمْ ضَلُّوا ﴿٩٢﴾ أَلَّا تَتَّبِعَنِ ۖ أَفَعَصَيْتَ أَمْرِي ﴿٩٣﴾ قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي ۖ إِنِّي خَشِيتُ أَن تَقُولَ فَرَّقْتَ بَيْنَ بَنِي إِسْرَائِيلَ وَلَمْ تَرْقُبْ قَوْلِي ﴿٩٤﴾
މާނައީ: [އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އޭ هارون ގެފާނެވެ! އެއުރެން މަގުފުރެދިގެން ދިޔަތަން ކަލޭގެފާނަށް ފެނިވަޑައިގަތްހިނދު، ތިމަންކަލޭގެފާނަށް تبع ވެ، ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތުން ކަލޭގެފާނަށް މަނާކުރީ ކޮންކަމެއްތޯއެވެ؟ ފަހެ، ތިމަންކަލޭގެފާނުގެ أمر އަށް ކަލޭގެފާނު އުރެދިވަޑައިގަތީތޯއެވެ؟އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ! ހަމަކަށަވަރުން، އިސްރާއީލުގެދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ. އަދި ތިމަންގެ ބަހަކަށް ކަލޭގެފާނު انتظار އެއް ނުކުރައްވަމުއެވެ.]
ދެން މޫސާގެފާނު ސާމިރީއާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ އޭ سامرى އެވެ! ފަހެ، ކަލޭ އެގޮތަށް ކަންތައްކުރަންޖެހުނީ ކީއްވެގެންހެއްޔެވެ؟]
ސާމިރީ ދެންނެވިއެވެ. [އެއުރެން ނުދެކޭ އެއްޗެއް ތިމަންނާ ދުށީމެވެ. ފަހެ، ފޮނުއްވާފައިވާ ملائكة އާގެ (އެބަހީ: جبريل ގެފާނުގެ އަސްކޮޅުގެ) ފިޔަވަޅު ޖެހުނުތަނުން ފަސްމުށެއް ނެގީމެވެ. އަދި އެ ފަސްމުށް (އެ ގެރީގެ މައްޗަށް) އެއްލީމެވެ. ތިމަންގެ نفس ތިމަންނައަށް ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ.] {ޠާހާ 96}
މޫސާގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. [ފަހެ، ދާންއުޅޭށެވެ! ފަހެ، ހަމަކަށަވަރުން، (ދުނިޔޭގެ) حياة ގައި ކަލެޔަށްއޮތީ (އެއްވެސް މީހެއްގައި) ބީހުމެއްނެތޭ ބުނުމެވެ. އަދި ހަމަކަށަވަރުން (آخرة ގައި) خلاف ނުވެވޭނެ موعد އެއް ކަލެޔަށް ވެއެވެ. އަދި ކަލޭ، އެއަށް އަޅުކަންކުރުންމަތީ ދެމިހުރި، ކަލޭގެ إله އަށް ބަލާށެވެ! ހަމަށަވަރުން، ތިމަންކަލޭގެފާނު އޭތި އަންދައިލައްވާހުށީމެވެ. އަދި ހަމަކަށަވަރުން، ކަނޑުތެރެޔަށް އޭގެ އަޅިތައް ބުރުއްސައިލައްވާހުށީމެވެ.]{ޠާހާ 97}
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. [ސާމިރީއަކީ، باجرما ގެ އަހުލުވެރިއެކެވެ. އެ ރަށުގެ އަހުލުވެރިންނަކީ، ގެރިއަށް އަޅުކަންކޮށް އުޅުނު ބަޔެކެވެ. އޭނާވަނީ ބަނީ އިސްރާއީލުބާގައިގެ މީހުންނާއެކު ބޭރުފުށުން އިސްލާމްވެގެންނެވެ. އޭރުވެސް، އޭނާގެ ހިތުގައި ގެރިއަށް އަޅުކަންކޮށް އުޅުމުގެ ލޯބި އަށެގެންފައިވެއެވެ. އޭނާގެ އަސްލުނަމަކީ،موسى بن ظفر އެވެ.] ނަމަވެސް ޤަތާދާ ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ، ސާމިރީގެ އަސްލު ވަޒަނަކީ، سامرا ކަމަށެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 6 ވަނަ ޖިލްދު، ޞަފްޙާ 382}
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ގެރިއަށް އަޅުކަން ކުރުމުގެ ކުށުގެ އުޤޫބާތެއްގެ ގޮތުގައި މާތްﷲ އެބައިމީހުންނަށް އެންގެވީ އެބައިމީހުންގެ އަމިއްލަ ނަފްސުތައް ޤަތުލުކުރުމަށެވެ. ބަޤަރާ ސޫރަތުގެ 54 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِاتِّخَاذِكُمُ الْعِجْلَ فَتُوبُوا إِلَىٰ بَارِئِكُمْ فَاقْتُلُوا أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ ﴿٥٤﴾
މާނައީ: [އަދި موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް توبة ވާށެވެ! އަދި ތިޔަބައިމީހުންގެ نفس ތައް قتل ކުރާށެވެ! ތިޔަބައިމީހުން އުފެއްދެވި ކަލާނގެ حضرة ގައި، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ކަމަށް އިބްނު ޖަރީރު ރިވާ ކުރައްވައިފައިވެއެވެ. [މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އެއްބަޔަކު އަނެއްބަޔަކު ޤަތުލުކުރުމަށް އެންގެވިއެވެ. އެގޮތުން، ގެރިއަށް އަޅުކަން ނުކުރާ މީސްތަކުން ކަނޑިހިފައިގެން ކޮޅަށްތިބެ ގެރިއަށް އަޅުކަން ކުރި މީސްތަކުން ޤަތުލުކުރުމަށް އެންގެވިއެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކު ޤަތުލު ކުރަން ފެށުމާއެކު، އެތަނަށް ވަރަށް ބޮޑު އަނދިރިކަމެއް އަރަހުށި މާތްﷲ ފޮނުއްވިއެވެ. އަނދިރިކަން ދިޔައިރު، އެބައިމީހުންގެ ތެރެއިން ހަތްދިހަ ހާސް މީހުން ޤަތުލުވެފައިވެއެވެ. އަރަހުށި މާތްﷲ އެބައިމީހުންގެ ތެރެއިން ޤަތުލުކުރެއްވުނު މީހުންނާއި، ދިރިތިބީންގެ ފާފަތައް ފުއްސަވައިދެއްވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 230}
އެބައިމީހުންގެ މައްޗަށް ތައުބާ ލައްވައި ފާފަ ފުއްސެވިކަން ބަޤަރާ ސޫރަތުގެ 52 ވަނަ އާޔަތުންވެސް ޞަރީޙުކޮށް ދޭހަވެއެވެ. އެ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
ثُمَّ عَفَوْنَا عَنكُم مِّن بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ ﴿٥٢﴾
މާނައީ: [ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ.]
ކުށައް ޢުޤޫބާތް ދިނުމަށްފަހު، މާފުކުރެއްވިދާނެކަން މިދެންނެވި ޙާދިސާއިން ދޭހަވާ ކަމަށް މުފައްސިރު ލިޔުއްވައެވެ.