ޚުޠުބާ: "އަތްމަތި ދަތި މީހަކަށް ދަރަނި ފަސްކޮށްދީފި މީހާއަށް، ނުވަތަ ޢަފޫކޮށްދީފި މީހާއަށް، ޤިޔާމަތް ދުވަހު، ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 50ސ
ޚުޠުބާ: "އަތްމަތި ދަތި މީހަކަށް ދަރަނި ފަސްކޮށްދީފި މީހާއަށް، ނުވަތަ ޢަފޫކޮށްދީފި މީހާއަށް، ޤިޔާމަތް ދުވަހު، ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ!

ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެކެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تـَحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إلَّا ظِلُّهُ)[1] މާނައީ: "އަތްމަތި ދަތި މީހަކަށް ދަރަނި ފަސްކޮށްދީފި މީހާއަށް، ނުވަތަ ޢަފޫކޮށްދީފި މީހާއަށް، اللهُގެ ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ޤިޔާމަތް ދުވަހު، އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ."

ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންނެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ.)[2] މާނައީ: "މުއުމިނާގެ ފުރާނަވަނީ، އޭނާގެ ދަރަނީގެ ސަބަބުން އެލުވިގެންނެވެ. (އެބަހީ: އެ ފުރާނަ އާމެދު ވަކި ގޮތަކަށް ނުނިންމަވައި ފަސްކުރެއްވިގެންނެވެ.) އެއީ، އޭނާގެ ދަރަނި އަދާކޮށްދެވިއްޖައުމަށް ދާންދެނެވެ." ހަމަ އެ ފަދައިން އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ فَارَقَ الرُّوْحُ الْـجَسَدَ وَهُوَ بَرِيْءٌ مِنْ ثَلَاثٍ، دَخَلَ الْـجَنَّةَ: مِنَ الْكِبْرِ، وَالْغُلُوْلِ، وَالدَّيْنِ.)[3] މާނައީ: "މީހާގެ ހަށިގަނޑާއި ފުރާނަ ވަކިވާހިނދު، ތިންކަމަކުން އޭނާ ބަރީއަވެގެންވާ ނަމަ ސުވަރުގެ ވަދެވޭ ހުއްޓެވެ. އޭނާ ސުވަރުގެ ވަނުމަށް ހުރަސްއަޅާ ތިން ކަމަކީ، އޭނާގެ ކިބުރުވެރިކަމާއި، ޚިޔާނާތްތެރިކަމާއި އަދި އޭނާގެ ދަރަންޏެވެ." 

ދަރަނިވެރިވެ، އެ ދަރަނީން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ދުޢާކުރާށެވެ! ކީރިތި ރަސޫލާ z އަންނަނިވި ޢިބާރާތުން ދުޢާކުރައްވައި އުޅުއްވިކަމަށް عَبْدُ اللهِ بْنُ عَمْرٍو رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. (اَللّٰهُمَّ إِنِّي أَعُوْذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَشَـمَاتَةِ الأَعْدَاءِ)[4] މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ދަރަނިވެރިވުމުގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މި އަޅާ ދުޢާދަންނަވަމެވެ. އަދި ޢަދާވާތްތެރިން އުފާވާނޭ ކަންކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މި އަޅާ ދުޢާދަންނަވަމެވެ."

މިއަދު އޮންލައިން