ހިތުގެ ފަރުވާއަށް ކުރެވިދާނެ ކަންތައްތައް-

ކިޔުމަށް ހޭދަވާނީ 3މ 25ސ
ހިތުގެ ފަރުވާއަށް ކުރެވިދާނެ ކަންތައްތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ހިތައް ހަމަޖެހުން ހޯދުމަށާއި، އުފާވެރިކަން ހޯދުމަށް އެންމެން ވެސް މަސައްކަތް ކުރެއެވެ. ރަނގަޅު ގޮތުގައި އުފާވެރިކަން ހޯދުމަށް އިސްލާމްދީނުގައިވެސް އަންގަވާފައިވެއެވެ. އަދި ހަމަ އެހެންމެ ހިތަށްހަމަޖެހުން ލިއްބައިދިނުމަށްޓަކައި ކުރެވިދާނެ ކަންކަން ބަޔާންކޮށްދެއްވާފައި އެބަހުއްޓެވެ. 

ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)" 

މިއާޔަތުންވެސް އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ ހަނދުމަކުރުން ގިނަކޮށްފި ކަމުގައިވާނަމަ ހިތްހަމަޖެހުން ލިބިގެންދާނެއެވެ. 

ހިތަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކީރިތި ޤުރްއާންގެ މާނައަށް ވިސްނައިގެން ކިޔެވުން ހިމެނެއެވެ. ކީރިތި ޤުރްއާނަކީ ޝިފާއެކެވެ. އަދި އެފޮތް ގިނަގިނައިން ކިޔަވާ މީހަކަށް އުފާވެރިކަން ލިބިގެންދާނެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅުތަކުންނާއި ކީރިތި ޤުރްއާންގެ އާޔަތްތަކުން އަޅުގަނޑުމެންނަށް އެކަން އެނގިގެންދެއެވެ. 

ދުނިޔޭގައި އުޅޭއިރު އަޅުގަނޑުމެންނަށް އެނގިގެންވެސް އަދި ނޭނގިވެސް ބައިވަރު ފާފަތައް ކުރެވެއެވެ. ނަމަވެސް ފާފަތަކަށް ތައުބާވެ ހެޔޮ ޢަމަލުިކުރުމަކީ އަޅުގަނޑުމެންގެ އަތްމަތީގައިވާ ކަމެކެވެ. އެހެންކަމުން ރަނގަޅު މަގު އިޚްތިޔާރު ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ. 

މީގެ އިތުރުން އަންފާލް ސޫރަތުގެ 2 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٢﴾‏

މާނައީ: "مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ. (2)" 

ކީރިތި ޤުރްއާނުގެ އާޔަތްތައް ގިނަގިނައިން ކިޔަވާ އަދި ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ވަގުތު ހޭދަކުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ.

މިއަދު އޮންލައިން