ޢަލީ އިޙްޞާން ފިރާޤް
ބައިތުލް މަޤުދިސް ފަތަޙަ ކުރުމަށް އެންގެވުން:
މޫސާގެފާނު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނާގެން ކަނޑު ހުރަސްކުރައްވައި ވަޑައިގެންނެވުމުން އަރަހުށި މާތްﷲ އެންގެވީ އެބައިމީހުންނާއެކު ވަޑައިގެން ބައިތުލް މަޤުދިސް ފަތަޙަ ކުރުމަށެވެ. އެހެންކަމުން ޖިހާދުކޮށް ބައިތުލް މަޤުދިސްގެ މީސްތަކުން ބަލިކުރުމަށް މޫސާގެފާނު އެބައިމީހުންނަށް އެންގެވިއެވެ. މައިދާ ސޫރަތުގެ 21 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّـهُ لَكُمْ وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنقَلِبُوا خَاسِرِينَ ﴿٢١﴾
މާނައީ: [އޭ އަހުރެންގެ قوم ގެމީހުންނޭވެ! مقدّس ވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ.]
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ބައިތުލް މަޤުދިސަކީ، ކުރިން ބަނީ އިސްރާއީލުންގެ ބާރުގެ ދަށުގައި އޮތް ރަށެކެވެ. އެހެނީ ބަނީ އިސްރާއީލުންގެ އަސްލުކަމުގައި ހިމެނިވަޑައިގެންނެވި ސަލާމްލެއްވި ޔަޢުޤޫބުގެފާނު އުޅުއްވީ އެ ބިމުގައެވެ. ނަމަވެސް ޔޫސުފުގެފާނުގެ ޒަމާނުގައި ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިދަރިކަލުންގެ މުޅި ޚާންދާނު މިޞްރަށް ހިޖުރަކުރެއްވިއެވެ. މޫސާގެފާނުގެ ޒަމާނާ ހަމައަށް ބަނީ އިސްރާއީލުން އާބާދުވެގެން އުޅުނީ މިޞްރުގައެވެ.
ކޮންމެއަކަސް މާތްﷲ ގެ އަމުރުފުޅުގެ މަތިން، މޫސާގެފާނު، އެކަލޭގެފާނާއެކު ތިއްބެވި މީސްތަކުންނަށް ބައިތުލް މަޤުދިސް ފަތަޙަ ކުރެއްވުމަށް ބާރުއެޅުއްވިއެވެ. އޭރު ބައިތުލް މަޤުދިސްގައި ތިބީ ވަރަށް ޖައްބާރު ބާރުގަދަ ބަޔެކެވެ. އެބައިމީހުންނާ ހަނގުރާމަކޮށް ބަލިކުރުމަށްފަހު ބައިތުލް މަޤުދިސަށް ވަނުމަށް އެންގެވިއެވެ. އެކަމުގައި ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ނަޞްރު ލިބޭނެކަމުގެ ފުރިހަމަ އުއްމީދުވެސް، މޫސާގެފާނު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ދެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަމާ އިންކާރުކުރިއެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 3 ވަނަ ޖިލްދު، ޞަފްޙާ 143}
ބަޤަރާ ސޫރަތުގެ 58 ވަނަ އާޔަތުގެ ތަފްސީރުގައި، އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [އޭރު ބައިތުލް މަޤުދިސުގައި ވަޒަންވެރިވެގެންތިބީ، ޢަމާލިޤުންގެ މީސްތަކުންނެވެ.] ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި އެބައިމީހުން ފަތަޙަ ކުރަން އެންގެވި މުޤައްދަސް ރަށަކީ އަރީޙާ (أريحا) އެވެ. މިފަދައިން ވިދާޅުވާ ބޭކަލުންގެ ތެރޭގައި، ޢަބްދުއް ރަޙްމާން ބިން ޒައިދާއި، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ހިމެނިވަޑައިގަންނަވައެވެ. އަރީޙާގެ ނަން އިނގިރޭސި ބަހުން ލިޔެވިފައި އޮންނަނީ [Jericho] މި ފަދައިންނެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 237 އަދި 238}
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން މޫސާގެފާނަށް ދެންނެވިއެވެ. [ އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ގަދަފަދަ جبّار ބަޔަކު އެތާނގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން، އެއުރެން އެތަނުން ނުކުމެއްޖައުމަށްދާނދެން، ތިމަންމެން އެތަނަކަށް ނުވަންނާނޫއެވެ. ފަހެ، އެއުރެން އެތަނުން ނުކުންނަނީނަމަ، ހަމަކަށަވަރުން، ތިމަންމެންނީ އެތަނަށް ވަންނާނޭ ބަޔަކީމުއެވެ.] {މާއިދާ 22}
ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ މިދެންނެވި ބޭއަދަބީ ޖަވާބު އަޑުއިވިވަޑައިގެން އެބައިމީހުންގެ ތެރޭގައި ތިއްބެވި ދެ ޞާލިޙު ބޭކަލަކު އެކަމާ ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެދެބޭކަލުން ވިދާޅުވި ވާހަކަ މާއިދާ ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّـهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ ﴿٢٣﴾
މާނައީ: [(اللَّه ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން اللَّه، نعمة ދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެއުރެންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ، (އެއުރެންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ، إيمان ވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި اللَّه އަށް ތިޔަބައިމީހުން وكيل ކުރާށެވެ!]
އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [މިދެންނެވި އާޔަތުގައި ބަޔާންވެގެންވާ ދެބޭކަލުންނަކީ،يوشع بن نون އާއި،كالب بن يوفنا އެވެ. ] މިފަދައިން، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، މުޖާހިދާއި، އިކްރިމާ އާއި، އައްސުއްދީ އާއި، ރަބީޢު ބިން އަނަސް ވިދާޅުވެފައިވެއެވެ. އަދި ސަލަފުންގެ ތެރެއިން ވަރަށް ގިނަ ބޭކަލުންނާއި ފަހުގެ ގިނަ ޢިލްމުވެރިންގެ ބަހަކީވެސް މިއީއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 3 ވަނަ ޖިލްދު، ޞަފްޙާ 144}
މީގެ ދެކަލުން ދެއްވި ނަޞޭހަތެއްވެސް ބަނީ އިސްރާއީލުންގެ މީސްތަކުން ޤަބޫލެއް ނުކުރިއެވެ. އެބައިމީހުން މޫސާގެފާނަށް ދެންނެވީ އެކަލޭގެފާނާ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޑައިގެން އެރަށުގެ މީސްތަކުންނާ ހަނގުރާމަ ކުރެއްވުމަށެވެ. މާއިދާ ސޫރަތުގެ 24 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
قَالُوا يَا مُوسَىٰ إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُوا فِيهَا ۖ فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ ﴿٢٤﴾
މާނައީ: [އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެން އެރަށުގައި ދެމިތިބިހައިހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ.]
ބަނީ އިސްރާއީލުން ޖިހާދުކުރުމާ ދެކޮޅު ހެދައި، އެކަމާމެދު މޫސާގެފާނާ ޖަދަލުކުރުތައް ގިނަ ކުރަންފެށުމުން، އެކަލޭގެފާނު ވަރަށް ކޯފާ އިސްކުރެއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނާ ދެކޮޅަށް ދުޢާފުޅު ކުރެއްވިއެވެ. މާއިދާ ސޫރަތުގެ 25 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي ۖ فَافْرُقْ بَيْنَنَا وَبَيْنَ الْقَوْمِ الْفَاسِقِينَ ﴿٢٥﴾
މާނައީ: [އެކަލޭގެފާނު ވިދާޅުވިއެވެ. މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ أخ އާއި، މިއަޅާގެ އަމިއްލަ نفس މެނުވީ މިއަޅާޔަށް މިލްކުވެގެނެއް ނުވެއެވެ. ފަހެ، فاسق ވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާއެއް ކުރައްވައިފާނދޭވެ!]
މޫސާގެފާނު ކުރެއްވި ދުޢާފުޅު އަރަހުށި މާތްﷲ އިޖާބަކުރެއްވިއެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ސާޅީސް އަހަރުވަންދެން އެރައް ފަތަޙަކޮށް އެ ރަށައް ނުވަދެވޭނެ ގޮތް މެދުވެރި ކުރެއްވިއެވެ. އެބައިމީހުންނަށް ޖެހުނީ ދެވޭނުދެވޭތަނެއް ނޭނގި ސާޅީސް އަހަރުވަންދެން އެއްވެސް ހަމަޖެހުމެއްނުލިބި ތިބޭށެވެ. މާއިދާ ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِي الْأَرْضِ ۚ فَلَا تَأْسَ عَلَى الْقَوْمِ الْفَاسِقِينَ ﴿٢٦﴾
މާނައީ: [އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަން (އެބަހީ: مقدّس ވެގެންވާ ރަށުގެ ބިމަށް ވަނުން) އެއުރެންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. ސާޅީސް އަހަރުވާންދެނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން އެއުރެން އުޅުމަށެވެ. ފަހެ، فاسق ވި قوم ގެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!]
އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ބަނީ އިސްރާއީލުން ޖިހާދުކުރުމާ ދެކޮޅު ހެދުމުގެ ސަބަބުން މޫސާގެފާނުގެ އެބައިމީހުންގެ މައްޗަށް ދުޢާފުޅު ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަރަހުށި މާތްﷲ އެބައިމީހުން އެރަށަށްވަމުން ސާޅީސް އަހަރުގެ މުއްދަތުގެ މައްޗަށް ޙަރާމް ކުރެއްވިއެވެ. އެބައިމީހުންނަށް ދެވޭނުދެވޭ ތަނެއް ނޭނގި ތީހުގައި ތިބެން ޖެހުނެވެ. ތީހުގެ މުއްދަތުގެ ތެރޭގައި އެބައިމީހުންނަށް ވަރަށް ގިނަ މުޢުޖިޒާތްތައް ދެއްކެވިއެވެ. އޭގެ ތެރޭގައި، ވިލާގަނޑަކުން ހިޔާ އެޅުއްވުމާއި، މަންނާއި، ސަލްވާ ބާވައިލެއްވުމާއި، ހިލަގަނޑެއްގެ ތެރެއިން ފެންއާރުތައް ހިނގުން ހިމެނެއެވެ. ތައުރާތު ބާވައިލެއްވުނީވެސް ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ތީހުގައި ތިބި ދުވަސްވަރުގައެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 3 ވަނަ ޖިލްދު، ޞަފްޙާ 147}
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ތީހުގެ ސާޅީސް އަހަރު ނިމުމަށްފަހު، ޔޫޝަޢުގެފާނު ބަނީ އިސްރާއީލުންނާގެން ވަޑައިގެން ބައިތުލް މަޤުދިސް ޙިޞާރުކުރެއްވިއެވެ. އެބައިމީހުންނަށް އެތަން ފަތަޙަ ކުރެއްވުނީ ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުގެ އިރު އޮއްސޭން ފެށުމުން ޔޫޝަޢުގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެހެނީ ހޮނިހިރު ދުވަހަކީ އެބައިމީހުން އަޅުކަން ކުރުމަށް ޢައްޔަންކޮށްފައިވާ ދުވަހެވެ. އެހެންކަމުން އެ ދުވަހުގެ އިރު އޮއްސިގެން ދާންފެށުމުން، ޔޫޝަޢުގެފާނު އިރާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.
[ކަލެއަކީވެސް އަމުރުވެވިގެންވާ އެއްޗެކެވެ. ހަމަ އެފަދައިން އަހަރެންނަކީވެސް އަމުރުވެވިގެންވާ ފަރާތަކީމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިރުގެ ހިނގު ހުއްޓޭނެ ގޮތް މެދުވެރި ކުރައްވާންދޭވެ.]
ދެންފަހެ، އަރަހުށި މާތްﷲ އެކަލޭގެފާނަށްޓަކައި، އިރުގެ ހިނގުން ހުއްޓުވައި ދެއްވިއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީސްތަކުން ބައިތުލް މަޤުދިސް ފަތަޙަކޮށްފުމަށް ދާންދެނެވެ. ދެން މާތްﷲ ޔޫޝަޢުގެފާނަށް އަމުރުކުރެއްވީ، ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ސަޖިދަކުރާ ޙާލު އެ ރަށުގެ ދޮރޯށިން އެތެރެއަށް ވަދެގެން ދިޔުމަށެވެ. އެރަށުގެ ދޮރޯށިން ވަދެގެން ދަމުން حِطَّةٌ އޭ ކިޔަމުން ވަނުމަށެވެ. މި ލަފްޒުގެ މާނައަކީ އަޅަމެން އެދެނީ އަޅަމެންގެ ފާފަތައް ފުއްސެވުމަށެވެ. މިއެވެ. ނަމަވެސް އެބައިމީހުން ކަންތައް ކުރީ އެއާ ދިމާ އިދިކޮޅަށެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 3 ވަނަ ޖިލްދު، ޞަފްޙާ- 148 147}
މި ދެންނެވި ވާހަކަތައް ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 58 ވަނަ އާޔަތާއި، 59 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ قُلْنَا ادْخُلُوا هَـٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ ﴿٥٨﴾ فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ ﴿٥٩﴾
މާނައީ: [އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ وحى ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން سجدة ކުރާ حال (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ حال އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ.ދެން (އޭގެތެރެއިން) އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް، އެއުރެން فاسق ވި ކަމުގެ ސަބަބުން، އުޑުން عذاب އެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.]
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން، އެބައިމީހުންނަށް ޢަމަލުކުރުމަށް މާތްﷲ އެންގެވި ގޮތާމެދު ބަހާއި ޢަމަލުންވެސް ފާޅުކުރީ ނުކިޔަމަން ތެރިކަމެވެ. އެބައިމީހުން ސަޖިދަ ކުރާ ޙާލު އެރަށުގެ ދޮރާށިން ވަނުމަށް އެންގެވުމުން އެބައިމީހުންވަނީ ސަޖިދަނުކޮށް ފަހަތަށް ފަހަތަށް ފޫކޮޅުކާތަމުންނެވެ. حِطَّةٌ އޭ ކިޔުމުގެ ބަދަލުގައި އެބައިމީހުން ކިޔަމުން ގެންދިޔައީ، [حبة في شعرة] އެވެ. މިއީ އެބައިމީހުންގެ ނޭއްގާނީކަމާއި، ނުކިޔަމަންތެރިކަމުގެ ކޮޅުނެތްކޮޅު ހާމަކޮށްދޭ ދަލީލެކެވެ. އެހެންކަމުން އަރަހުށި މާތްﷲ އެބައިމީހުންގެ މައްޗަށް އުޑުން ޢަޛާބެއް ބާވައިލެއްވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 240}
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
" قِيلَ لِبَنِي إِسْرَائِيلَ {ادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَغْفِرْ لَكُمْ خَطَايَاكُمْ} فَبَدَّلُوا فَدَخَلُوا يَزْحَفُونَ عَلَى أَسْتَاهِهِمْ وَقَالُوا حَبَّةٌ فِي شَعَرَةٍ ". {صحيح البخاري، كتاب التفسير، ޙަދީޘް ނަންބަރު 4641}
މާނައީ: ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް އެންގެވުނެވެ. އަދި ތިޔަބައިމީހުން سجدة ކުރާ حال (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ حال އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. ނަމަވެސް އެބައިމީހުން އެކަލިމަތައް ބަދަލުކުރިއެވެ. އެބައިމީހުން އެރަށުގެ ދޮރާށިންވަނީ ބިމުގައި ފޫކޮޅުކާތަމުންނެވެ. އެބައިމީހުން ދޮރާށިންވަންނަމުން ކިޔަމުން ގެންދިޔައީ، حَبَّةٌ فِي شَعَرَةٍ ތިމަންމެންނަށް ގޮދަނުގެ އޮއްޓަރު ދެއްވާންދޭވެ. މިފަދައިންނެވެ.]
އެބައިމީހުންގެ މި ނުކިޔަމަންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން އުޑުން ޢަޛާބެއް ބާވައިލެއްވި ވާހަކަ ކުރިން ދެންނެވިފައިވާނެއެވެ. އެ ޢަޛާބަކީ ޠާޢޫނުގެ ވަބާކަމަށް މުފައްސިރުން ލިޔުއްވައިފައިވާ ކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.
އަލް އިމާމުލް އާލޫސީ، ރޫހުލްމަޢާނީގައި ލިޔުއްވައިފައިވެއެވެ. [އެ ވަބާގެ ސަބަބުން އެބައިމީހުންގެ ތެރެއިން ސައުވީސް ހާސް މީހުން އަނެއް ރިވާޔަތެއްގައި ވާގޮތުން، ހަތްދިހަ ހާސް މީހުން މަރުވެގެން ދިޔައެވެ.] {އިމާމު އާލޫސީ، ރޫހުލްމަޢާނީ، ފުރަތަމަ ޖިލްދު، ޞަފްޙާ 422}