އުޑުގަ އޮތް ވިލާގަނޑަކުން މީހެއްގެ ނަމުގެ އަޑުއިވުނުކަމާ އެކަން އެގޮތަށްވުމަށް މެދުވެރިވި ސަބަބު ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 37ސ
އުޑުގަ އޮތް ވިލާގަނޑަކުން މީހެއްގެ ނަމުގެ އަޑުއިވުނުކަމާ އެކަން އެގޮތަށްވުމަށް މެދުވެރިވި ސަބަބު ޙަދީޘުން-

މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ.  

އެއްފަހަރަކު އިސްވެދިޔަ އުއްމަތެއްގެ މީހަކު ބިމުގައިވާ ތަނަވަސް މައިދާނެއްގައި ވަނިކޮށް މަތީގައިވާ ވިލާގަނޑަކުން އަޑެއް އިވުނެވެ. "އެވެނި މިވެނި މީހެއްގެ ބަގީޗާއަށް ގޮސް ފެން ވެއްސާށެވެ."  

އެ ވިލާގަނޑުން މިއަޑު އިވިފައި އެ ވިލާގަނޑު އެއްފަރާތަކަށް ގޮސް ކަޅު ހިލަ ބިމަކަށް އެ ވިލާގަނޑުގައިވާ ފެންތައް އޮއްސާލިއެވެ. ފެން ދެމޭގޮތަށް ބިންގަނޑު އަޑިވެފައިވާތަނަކުންލާފައި އެފެންތައް ގޮސް އެ ހުރިހާ ފެނެއް ގޮސް ޖަމާވީ ތިރީގައި އެއްވަރުކޮށް އޮތް ބިމަކަށެވެ.   

ދެން އެފެން ދިޔަ ދިމާލަށް މިމީހާ ދިއައެވެ. "މި މީހާ އެކަމާމެދު ވަރަށް އަޖައިބުވެއްޖެ. އެހެންވެ އެމީހާ މި ދިޔައީ މި ފެންގަނޑު ދިޔަ ދިމާލަށް. ދިޔައިރުގައި އެތާންގަ ބަގީޗާގައި ފިރިހެނަކު ހުރި. އޭނާ އުދަލިން ބިން ކޮނެ އެ ފެންތައް އެކި ދިމާތަކަށް ފޮނުވުމުގެ މަސައްކަތުގަ އޭނާ އެވަގުތުގަ އުޅޭ."  

ދެން އެތަނަށް އައިމީހާ ސުވާލުކުރިއެވެ. "އޭ ﷲ ގެ އަޅާއެވެ. ތިބާގެ ނަމަކީ ކޮބާހެއްޔެވެ؟ ޖަވާބުގައި ބަގީޗާގެ ވެރިޔާ ބުނި ނަމަކީ އެ ވިލާގަނޑުންވެސް ހަމަ އިވުނު ނަމެވެ.  

ދެން ބަގީޗާގެ ވެރިޔާ ބުންޏެވެ. "އޭ ﷲ ގެ އަޅާއެވެ! ތިބާ އަހަރެންގެ ނަމާއި ބެހޭގޮތުން ސުވާލު ތިކުރަނީ ކިއްވެގެންހެއްޔެވެ؟"  

ދެން އެތަނަށް އައި މީހާ ބުންޏެވެ. "ހަމަ ކަށަވަރުން މިތަނަށް އެ ފެން ވެހުނު ވިލާގަނޑުން އަހަރެން އަޑެއް އެހީމެވެ. އެ އަޑު ބުންޏެވެ. އެވެނި މީހެއްގެ ބަގީޗާއަށް ފެން ވެއްސާށެވެ. ވިލާގަނޑުން އިވުނީ ތިބާގެ ނަމެވެ. ފަހެ ތިބާ މި ބަގީޗާގައި ތިއަކުރަނީ ކޮން ކަމެއްހެއްޔެވެ." 

ދެން ބަގީޗާގެ ވެރިޔާ ބުންޏެވެ. "ތިބާ ތިކަން އޮޅުންފިލުވާތީވެ އަހަރެން ބުނެފާނަމެވެ. ފަހެ ހަމަކަށަވަރުން މި ބަގީޗާއިން ލިބޭ އެއްޗެއް އަހަރެން ހިސާބުކޮށް ބަލަހައްޓަމެވެ. ދެން އޭގެ ތިންބައިކޮށްފަ އެއްބައި އަހަރެން ޞަދަގާތް ކުރަމެވެ. އަދި ތިންބައިން އެއްބައި އަހަރެންގެ އަނބިދަރީން ކެއުމަށް ބޭނުންކުރަމެވެ. އަދި ދެން އޮތްބައި އަނެއްކާ ބަގީޗާ ހެއްދުމަށް އަހަރެން ބޭނުންކުރަމެވެ." 

މި ވާހަކައިން، މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އިނގޭގޮތުގައި މި މީހާ ކޮންކަމެއްތޯ މި ކުރި؟ ކޮން ކަމެއްތޯ މި މިހާ، މި މިހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދެއްވި ނިޢުމަތާމެދުގަ އޭނަ ކިހިނެއްތޯ މި ކަންތައް ކުރީ؟ އެ ނިޢުމަތަށް އޭނަ ޝުކުރުވެރިވީ. އެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން އޭނާ އެ ނިޢުމަތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވިގޮތުގަ އޭނަ މި ހޭދަކުރީ. އެ ނިއުމަތް ﷲ އެންގެވިގޮތަށް އޭނަ މި ބޭނުންކުރި. އެހެންވީމަ އޭގެ ނަތީޖާއެއްގެގޮތުން، އޭގެ ޘަވާބެއްގެ ގޮތުން އޭނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ނިޢުމަތް އިތުރު ކޮށްދެއްވަނީ. 

މިކަމަށް އިޝާރާތް ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަނީ –

"ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރު ކޯށްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރު ނުކޮށް ކާފިރުވެއްޖެނަމަ ދަންނާށެވެ، ހަމަކަށަވަރުން ތިމަންރަސްކަލާންގެ ޢަޒާބު ގަދަފަދަ ވެގެން ވާކަން ކަށަވަރެވެ." 

އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ، އެމިހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކާމެދު ވިސނާލެވެނީ. އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދެއްވާފައިވާ ކޮންމެ ކުޑަކުޑަ ކަމަކީވެސް އެއީ ނިޢުމަތެއް. ލޮލުގެ ފެނުން، އަޅުގަނޑުމެންގެ ދެ އަތް، ދެ ފައި، އަޅުގަނޑުމެންނަށް މި ވާހަކަދެއްކޭ ވާހަކަ ދެއްކުން، އަޅުގަނޑުމެންގެ ވަސް ދުވުން. ހަމައެކަނި ހަށިގަނޑަށް ބަލައިލި ނަމަވެސް ވަރަށް ބައިވަރު ގުނާ އަދަދު ނުކުރެވޭ އެތައް ބައިވަރު ނިޢުމަތްތަކެއް. މީގެން އެންމެ ނިޢުމަތެއް ގެއްލިއްޖެ މީހާވެސް އަޅުގަނޑުމެންނަށް ފެންނާނެ ވަރަށް ހާލުގަ އުޅޭތަން. އެތައް ޚަރަދެއްކޮށް ބޭސްފަރުވާ ކުރާތަން.

ދެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބަލައިލިކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް ބޯހިޔާވަހިކަމެއް އެބައޮތް ލިބިފަ. އަޅުގަނޑުމެންނަށް ފައިސާ އެބަ ލިބޭ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ﷲ ތަޢާލާ ފައިސާގެ ނިޢުމަތް ވަނީ ދެއްވާފަ. ދަރިންގެ ނިޢުމަތް ވަނީ ދެއްވާފަ. ހިތްހަމަޖެހުމުގެ ނިޢުމަތް ވަނީދެއްވާފަ. މި ހުރިހާ ނިޢުމަތްތަކަކީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަމާނާތްތަކެއް. މި ނިޢުމަތްތަކުގެ ބޭނުން އަޅުގަނޑުމެން ހެޔޮ ގޮތުގައި ހިފައިފިކަމުގައި ވާނަމަ، އަދި މި ނިޢުމަތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވެއްޖެ ކަމަށް ވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ނިޢުމަތްތައް އިތުރު ކޮށްދެއްވާނެ. އަދި އެ ނިޢުމަތަށް ކާފިރު ވެއްޖެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ނިއުމަތް ނަންގަވާނެ.  

މިސާލަކަށް ބަލާނަމަ ޤާރޫނު. ޤާރޫނު  ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ކިހިނެއްތޯ ހެއްދެވީ. އޭނަގެ އެ ހުރިހާ މުދާތައް އެ ނިޢުމަތްތައް ނެންގެވީ. އަޅުގަނޑުމެންނަށްވެސް ހަމަ އެހެން ވެދާނެ. އަޅުގަނޑުމެން ޖެހޭ އެ ނިޢުމަތެއް ލިބުނީމަ، އެ ނިޢުމަތް ދެއްވި ފަރާތް ހަނދުމަކޮށް މީ އަހަރެންގެ މޮޅުކަމަކުން އަހަންނަށް ލިބުނު އެއްޗެއް ނޫންކަން ޤަބޫލުކުރަން. އެގޮތަށް ޖެހޭ އަބަދުވެސް ޤަބޫލުކުރަން. މީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަންނަށް ދެއްވި އެއްޗެއްކަން ޤަބޫލުކުރަން! 

ކޮންމެ ހެވެއް ދިރިއުޅުމަށް އައިކަމުގައި ވިޔަސް، ކިތަންމެ ކުޑަކުޑަ ހެޔޮކަމެއް ދިރިއުޅުމަށް އައިކަމުގައިވީ ނަމަވެސް އެގޮތަށް ޤަބޫލު ކުރަންޖެހޭނެ! އަދި އެ ނިޢުމަތެއް ހެޔޮގޮތުގައި ބޭނުން ކުރަންޖެހޭނެ. 

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ޝުކުރުވެރީން ކަމުގައި ލެއްވުން. ހުރިހާ ބޭފުޅުންވެސް ދަރުސް އަޑުއަހާލުމަށް މަޑުކޮށްލެއްވީތީ ޝުކުރު އަދާކުރަން.  

- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ދަރުސަކުން

މިއަދު އޮންލައިން