ސުވަރުގެ ޙާޞިލްކުރަން ބޭނުންވާ މީހުން ވިސްނާލުން އެންމެ މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ސުވަރުގެ ޙާޞިލްކުރަން ބޭނުންވާ މީހުން ވިސްނާލުން އެންމެ މުހިންމު ބައެއް ކަންކަން-

ދުނިޔޭގެ އުފާވެރިކަން ހޯދަން ނުވަތަ ދުނިޔޭގައި އުފާވެރި ދިރިއުޅުމެއް އުޅެން ވިސްނައި އެކަންކަމަށް އިސްކަންދީގެން އުޅޭ މީހަކަށް އާޚިރަތް ކާމިޔާބުވުން އޮންނާނީ ވަރަށް ދުރުކަމެއްގެ ގޮތުގައެވެ. ވީމާ ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ

ދުނިޔޭގެ އެދުންތައް ބޮޑުވެ މިއަދު އަހަރެމެންގެ ލޭނާރުތަކުގައިވެސް ހިނގަމުން މިދަނީ ދުނިޔޭގެ އެދުންތަކެވެ. ލޭނާރުތަކުގެ ތެރެއިން ދައުރުކުރަމުން ގޮސް ހިތަށް ވަންނަމުން ދަނީ ވެސް ދުނިޔޭގެ އެދުންތަކެވެ. ނަތީޖާއަކަށް ވެގެން މިދަނީ ޢާޚިރަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމެވެ. ކުރެވޭ ހެޔޮ އަމަލުތައް މަދުވެ ކުރެވޭ ދުނިޔަވީ އުފާތައް ގިނަވުމެވެ.

މިކަމާއި ގުޅިގެން ބައެއް މީހުންނަށް ވަނީ ކަމުގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅިފައެވެ. އެއީ ދެ ދުނިޔެ ހޯދުމަކީ ކޮބައިކަން އޮޅުމެވެ. މުސްލިމުންނަކީ ދެދުނިޔެ ހޯދަން މަސައްކަތްކުރާ ބައެއް ކަމަށް ބުނެވޭ ބަހުގެ މާނައަކީ އެއްވެސް ޙާލެއްގައި ދެކަން އެއްވަރު ކުރުމެއް ނޫނެވެ. އެބަހުގެ މާނައަކީ އަދާކުރަންޖެހޭ ދީނީ ވާޖިބުތައް އަދާކުރުމާއިއެކު ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިން މިދުނިޔޭގައިވެސް އުފާވެރި ދިރިއުޅުމެއް އުޅުމެވެ. އެއްވެސް ހާލެއްގައި އިރާކޮޅު ނާޗަރަންގީ ކުޅެފައި ފަތިސްވުމުން ފަތިސް ނަމާދު ކުރުމެއް ނޫނެވެ. އެގޮތަށް ނާޗަރަންގީ ކުޅޭ މީހުން ޢަމްދުން ފަތިސް ނަމާދު ނުވެސް ކުރާނެއެވެ.

ދުނިޔެ އާއި އާޚިރަތް ކާމިޔާބު ކުރަން ބުނުމުން ގިނަ ބައަކަށް އެކަން އޮޅެއެވެ. ޤަބޫލުކުރެވެނީ މިއީ އެއް މިނަކަށް ޙާޞިލުކުރަން މަސައްކަތްކުރަން ޖެހޭ 2 ކަންތައް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެވެ. ޙަޤީޤަތުގައި ދުނިޔެ ކާމިޔާބުކުރުމަކީ ބޮޑުތަނުން ދުނިޔެ ބަލިކޮށް ބޮޑުތަނުން އާޚިރަތް ކާމިޔާބުކުރުމެވެ. ބުއްދިވެރިންނަކީ ދުނިޔޭގެ އުފާތައް މަދުކޮށް އާޚިރަތުގެ އުފާ ކޮންމެ ގޮތަކުން ނަމަވެސް ޙާޞިލުކުރަން މަސައްކަތްކުރާ މީހުންނެވެ.

ކޮންމެއަކަސް ޢިލްމުވެރިން ވިދާޅުވަނީ ދުނިޔަވީ އުފާތަކާއި ޢާޚިރަތް ހޯދަން ކުރެވޭ މަސައްކަތް އަރުވަން ޖެހޭނީ ތިލަފަތުގެ ދެކޮޅަށް ކަމަށެވެ. އެހެންކަމަށްވާއިރު ގާތީ ކޮންމެވެސް އެއް ކޮޅަކަށް ބަރުވުމެވެ. ދުނިޔޭގެ ކޮޅަށް ބަރުވެއްޖެނަމަ ޢާޚިރަތެއް ނުލިބޭނެއެވެ. މަސައްކަތް ކުރަންވީ އާޚިރަތުގެ ކޮޅު ބަރުކުރުމަށެވެ.

ދުނިޔެއަކީ އެންމެ 2، 3 ދުވަހެއްގެ ކަމެކެވެ. ދާއިމީ މަންޒިލަކީ ޢާޚިރަތެވެ. ވީއިރު ދުނިޔޭގެ ކޮޅަށް ބަރުވެގެން ލިބެން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ ހަޤީޤީ ފައިދާއެއް ކުރާނީ އާޚީރަތުގެ ކޮޅަށް ބަރުކުރެވިގެން ނޫން ހެއްޔެވެ؟

ރަނގަޅަށް ވިސްނާށެވެ! ދުނިޔެ ދެކެ ލޯބިވާވަރަކަށް އާޚިރަތް ދުވަހަށް ދެވޭ ސަމާލުކަން ކުޑަވާނެއެވެ. އަދި ޢާޚިރަތް ދުވަހަށް ދެވޭ ސަމާލުކަން އިތުރުވާވަރަކަށް ދުނިޔެއަށް އޮންނަ ދަހިވެތިކަން ކުޑަވާނެއެވެ. ވީމާ ތިލަފަތުގައި މިދެ ކަންތައް ހަމަހަމަ ކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

މީސްތަކުންނޭވެ! ގަދައަޅައި މަސައްކަތް ކުރަންވީ ބޮޑުތަނުން ޢާޚިރަތުގެ ކޮޅު ބަރުކުރުމަށެވެ! ކިރިޔާވެސް ސަލާމަތް ކަމެއް ލިބޭނީ އެއިރުންނެވެ. ދެކޮޅު ހަމަހަމަކުރަން އުޅޭ މީހަކަށް ބޮޑަށް ކައިރިވާނީ ނަރަކައެވެ. އެއީ އެއްވެސް ޘައްކެއް ހުރި ކަމެއް ނޫނެވެ! ވީމާ ދުނިޔެގެ ކޮޅު ލުއިކޮށް ޢާޚިރަތުގެ ކޮޅު ބަރުކުރަން ގަދައަޅައި އަވަހަށް މަސައްކަތް ފަށާށެވެ!

މިދެއްކި ހުރިހާ ވާހަކަތަކެއްގެ މަޤްޞަދަކީވެސް ދުނިޔޭގެ އެދުންތައް ކުޑަކޮށް އާޚިރަތް ލިބުމަށް އެދި ކުރާ ހެޔޮ އަމަލުތައް އިތުރުކުރުމެވެ. ތިލަފަތުގެ ކޮޅު ބަރުކުރެވޭނީ އެއިރުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން