އެމީހެއްގެ އަނބިދަރިންގެ ބޭނުންތައް ފުއްދައިދޭން ނުކުޅެދޭ ޙާލުގައިވެސް 2 ވަނަ ކައިވެންޏެއްކުރަން އަނބިމީހާ ނުރުހޭތީ އެކަން ޝަކުވާއަކަށް ހަދައި އަނބިމީހާއާއިމެދު އިހާނެތި ގޮތްގޮތަށް ކަންކަންކުރާކަމުގެ ޝަކުވާތައް ލިބެއެވެ. ޙައްލަކީ ކޮބައިތޯ ސުވާލުވެސް ކުރެއެވެ.
އެފަދަ ސުވާލުތައް ކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
"އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ.
އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާޢިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.
ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެއެވެ. އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ؟"
--ޝައިޚް މުޙައްމަދު ޝާފިޢު