ފުރަތަމަ މިބަޔާންކުރަނީ ދުނިޔަވީ ބައެއް މިޘާލެވެ. އެގޮތުން ވައްކަން ކުރަމުން ވަޒީފާއަކަށް އެދިގެން ދިއުމުން ވަޒިފާއެއް ދޭނީ ކާކު ހެއްޔެވެ؟ އެނގިހުރެ ހަމައެކަކުވެސް ނުދޭނެއެވެ. އަދި އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤް ނެތިފައި މީހުންނަށް އަނިޔާކުރަމުން ކައިވެންޏަށް އެދިގެން ދިއުމުން މަރުހަބާ ކިޔާނީ ކޮން ޢާއިލާއަކުން ހެއްޔެވެ؟ ހަމައެފަދައިން ނުތާހިރާ ހުންނަ މީހަކާއި ބައްދަލުކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟
ވީމާ ވަޒީފާއަކަށް އެދޭނަމަ ތިމާއަކީ ތެދުވެރި އިޚްލާޞްތެރިއަކަށްވާން އެބަޖެހެއެވެ. ރަނގަޅު ހެޔޮ ލަފާ އަންތބަކަށް ބޭނުންވާނަމަ ތިމާއަކީ ރިވެތި އަޚްލާޤްހުރި ވަފާތެރި އޯގާތެރި މީހަކަށްވާން އެބަޖެހެއެވެ. މީހުންނާއި ބައްދަލުކޮށް މީހުންގެ ރުހުން ހޯދަން އެދޭ މީހާ އެންމެ ކުޑަމިނުން ގައިން ތާހިރުވެގެން ހުންނަ، ހިނިތުންވާން ދަންނަ މީހަކަށްވާން އެބަ ޖެހެއެވެ.
ވީމާ ތިމާ ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭތީ ކަންބޮޑުވުމުގެ ކުރިން ފުރަތަމަވެސް ތިމާއާއިމެދު ފުންކޮށްވިސްނައިލާށެވެ! ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށް ދެއްވެވުމަށް އެދޭ ނަމަ ފުރަތަމަވެސް ތިމާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރާށެވެ! އަދާ ނުކުރެވޭ، އިހްމާލްވެވޭ ވާޖިބުތައް ދެނެގަނެ އެކަންކަން ރަނގަޅުކުރާށެވެ.
ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭ މީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވާށެވެ! އެކަން ތިމާގެ ޢަމަލުން ދައްކާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދޭށެވެ!
އެހެން ޢިބާރާތަކުން ބުނާނަމަ ފުރަތަމަ ތައުބާވާށެވެ! ތަޤްވާވެރިވާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއރުން ތިމާ އެދޭ ގޮތަށް ކަންކަން މެދުވެރިކޮށްދެއްވަވާނެތެވެ!
ތިމާގެ އަމިއްލަ ހަޔާތުގެ ކަންކަން ނުވަތަ ޙާލަތު ބަދަލުކޮށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދޭމީހާ މިބުނިމަގުން ފުރަތަމަ ކަމަކަށް އެމީހާގެ އަމިއްލަ ޙަޔާތުގެ ކަންކަމަށް ވިސްނައި ބަދަލުކުރަން ޖެހޭ ކަންކަން ބަދަލުކުރާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރާށެވެ! އެއިރުން އެމިހާގެ ދުއާ ޢިޖާބަކުރައްވަވައި ހެޔޮރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން