ދަރިންގެ ހިތްގާވުމާއި ފިލާވަޅުތައް ދަސްކުރަން އުނދަގޫވުމާ، ޚާއްޞަކޮށް ހިތުދަސްކުރަން އުނދަގޫވާނަމަ މައިންބަފައިން ފާފަކުރުން ހުއްޓާލަންޖެހޭ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ދަރިންގެ ހިތްގާވުމާއި ފިލާވަޅުތައް ދަސްކުރަން އުނދަގޫވުމާ، ޚާއްޞަކޮށް ހިތުދަސްކުރަން އުނދަގޫވާނަމަ މައިންބަފައިން ފާފަކުރުން ހުއްޓާލަންޖެހޭ!: ޝައިޚް ނިމާލް

ބައެއް ބެލެނިވެރިން ފާހަގަކުރާ ގޮތުގައި ކިޔަވައިދޭން މަސައްކަތްކުރިނަމަވެސް ދަރިންގެ ކިޔެވުމަށް ހުރަސްއެޅެއެވެ. ފިލާވަޅުތައް ދަސްނުވުމާއި ދަސްކުރިނަމަވެސް ހިތުގައި ހަރުނުލުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

އެފަދަ ކަންކަމާއި ގުޅިގެން ސުވާލުކުރައްވާ ކިޔުންތެރިންނަށް ދަންނަޥާލަން އޮތީ އެފަދަ ގޮތްގޮތް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އެސްފީނާއެވެ. ދެވަނަ ސަބަބަކީ މައިންބަފައިންނަށް ފާފަކުރެވުމެވެ.

ތިރީގައިވާ ލިޔުމަކީ މިފަދަ ކަންކަމަށް އޮތް ޝައިޚް ނިމާލްގެ ބަސްފުޅެކެވެ.

މިހާރަކަށް އައިސް ބައެއް ކުދިންގެ ތައުލީމަށް އެކިއެކި ހުރަސްތައް އެޅެމުންދާ މައްސަލަތައް ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ހިތުދަސްކުރަން ޖެހޭ ފިލާވަޅުތައް ދަސްވުން އުނދަގޫވުމާއި ދަސްކުރެވޭ ތަކެތި ހަނދާން ނެތުމުގެ މައްސަލަތައް ގިނަވަމުން އަންނަކަން ވެސް ބެލެނިވެރިން ފާހަގަކުރެއެވެ. އިމްތިހާނަށް ފިލާވަޅުތައް ދަސްކޮށްގެން ދިއަ ނަމަވެސް ބައެއް ކުދިން ހަނދާން ނެތި ރަނގަޅު ނޫން ޖަވާބު ދެވުމާއި ސުވާލުކަރުދާސްތައް ފުރިހަމަ ނުކުރެވޭ ކަމުގެ މައްސަލަތައްވެސް ފާހަގަކުރެއެވެ.

މިފަދަ ކަންކަން ކުއްޖާއަށް މެދުވެރިވެދާނެ އެއް ސަބަބަކީ މައިން ބަފައިން ފާފަތައް ކުރުމެވެ. މައިން ބަފައިން ފާފަކުރާނަމަ އެކަމުގެ ނުރަނގަޅު އަސަރު ވަރަށް ގިނަ ގޮތްގޮތުން ކުދިންނަށް ފޯރާކަން އެއީ އަބަދުވެސް ފާހަގަކުރެވެމުން އަންނަ ކަމެކެވެ.

ވީމާ ތިމާ އިންތިހާއަށް ލޯބިވާ އަމިއްލަ ދަރިންނަކީ ތައުލީމީ އަދި އަޚްލާޤީ ގޮތުން ރަނގަޅު ބައަކަށް ހެދުމަށްޓަކައިވެސް މައިންބަފައިން ފާފަކުރުން ހުއްޓައިލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެއާއިއެކު ދަރިންނަކީވެސް ވީހައި ތަޤްވާވެރި ބައަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ޢިލްމަކީވެސް ނޫރެކެވެ. އެ ނޫރުގެ އުޖާލާކަން އިތުރުވެ ފުރިހަމަވަމުން ދާނީ ބެލެނިވެރިންނާއި ދަރިންވެސް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރިވަރަކުންނެވެ. ވީމާ މިކަންކަމަކީ ބެލެނިވެރިން އިތުރަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.

--ޝައިޚް ނިމާލް މުޙައްމަދު/ މިއަދުނޫހަށް

ދީނީ ގޮތުން ކަން އޮތް ގޮތް ޝައިޚް ނިމާލް މިމޭރުމުން ވިދާޅުވެދެއްވާފައިވާއިރު ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ތަފާތު ގޭމްތައް ކުޅުމާއި އެނޫންވެސް އެފަދަ ކަންކަމުގައި ކުދިން ހޭދަކުރާ ވަގުތު ގިނަވުމަކީވެސް ކުދިންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންކަމެވެ. ޚާއްޞަކޮށް ވާދަވެރި ގޭމްތައް ކުޅުމުގައެވެ. މޮޅަށް ކުޅުމުން ގިނަ ޕޮއިންޓް ލިބޭ ގޭމްތައް ކުޅުމުގައެވެ.

އެފަދަ ކަންކަމަށް ޝައުޤުވެރިކަން މާބޮޑުވެ ސިކުނޑީގައި އެކަންކަން ހަރުލުމުން އުނގެނުމުގެ ތެރެއިން ސިކުނޑީގައި ޖަމާކޮށް ހަރުލައްވަންޖެހޭ ބައިތައް ހަރުލައްވަން ސިކުނޑީގައި ޖާގަ މަދުވެ ކުދިންގެ ކިޔެވުމަށް ހުރަސް އެޅޭކަންވެސް ދިރާސާތަކުން ފާހަގަކުރެވެއެވެ.

ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ކުއްޖަކަށް އެއް ގޮތަކަށް ހުރިހާ ކަންކަން މެދުވެރިނުވެދާނެއެވެ. ކަންކަން މެދުވެރިވުމަށް ކުރިމަތިވާ ސަބަބުތައްވެސް ތަފާތުވެދާނެއެވެ. އެހެންކަމުން މުހިންމީ ދީނީ ގޮތުން ވެސް އަދި އެނޫން ގޮތަކުންވެސް ކުއްޖާގެ ތައުލީމާއި ތަރުބިއްޔަތަށް ހުރަސް އެޅިދާނެ ހުރިހާ ސަބަބުތައް ނައްތައިލުމެވެ.

 

މިއަދު އޮންލައިން