ކޮންމެ މީހަކުވެސް އެންމެ ދެރަވާނީ ޢުމުރުން ދުވަސްވުމުން ނަމަވެސް އަދި އެނޫން ޙާލަތެއް މެދުވެރިވެގެން ނަމަވެސް ކީރިތި ޤުރްއާނުގެ އަޑު ނުއިވި، މުޞްޙަފް ބަލައިގެން ނުކިޔެވި، ނަމާދަށް މިސްކިތައް ނުދެވި، އަދި ﷲ ތަޢާލާއަށް ސަޖިދަ ނުކުރެވޭނެ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމައެވެ. އެހެންކަމުން އެފަދަ ޙާލަތެއް މިންވަރު ނުކުރެއްވެވުން އެދި މިފަދަ ދުޢާތައް ކުރަމުން ގެންދިއުމަކީ ކުރަން އޮތް ކަމެކެވެ.
ޔާ ﷲ! އިނބަ އިލާހް ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ! ޔާ ﷲ! ފުރިހަމަ ޞިއްޙަތެއްގަ މިއަޅާ ލަހައްޓަވައި ދެއްވަވާނދޭވެ!
މިއަޅާ ދުނިޔޭގައި ލަހައްޓަވާހައި ދުވަހަކު ކަންފަތަށް އަޑުއިވުމުގެ ޤާބިލުކަން މިއަޅާއަށް ދެއްވަވައި މިއަޅާގެ ލޮލަށް ފެނުމުގެ ޤާބިލުކަން ފުރިހަމަ ގޮތުގައި މިއަޅާއަށް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ބާވައިލެއްވެވި އާޔަތްތައް ލިޔެވިގެންވާ މުޞްޙަފް އުފުލައި ބަލައިގެން ނުކިޔެވޭނެ ދުވަހެއް މިއަޅާއަށް ނުދައްކަވާނދޭވެ!
ޔާ ﷲ! މިއަޅާ އެކަމަށް ބޭނުންވާ ކޮންމެ ވަޤުތަކު އެކަނި މަގުހިނގައި މިސްކިތަށް ނުދެވޭނެ ދުވަހެއް މިއަޅާއަށް ކުރިމަތިނުކުރައްވަވާނދޭވެ! އަދި އިނބަ ﷲ އަށް ސަޖިދަކުރަން ނުކުޅެދޭނެ ދުވަހެއް މިއަޅާއަށް ނުދައްކަވާނދޭވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން