އަޅުގަނޑުމެން އެންމެނަށްވެސް އެނގޭނެފަދައިން ޢަބޫބަކުރު ރަޟިޔަﷲ ޢަންހަކީ މާތް މަތިވެރި ޞަޙާބީ ބޭކަލެއް. އެކަލޭގެފާނަކީ މުސްލިމުންގެ ފުރަތަމަ ޚަލީފާ. އެކަލޭގެފާނަކީ ޞަޙާބީ ބޭކަލުންގެ ތެރެއިން އެންމެ މާތް ޞަޙާބީ. އަދި އެއީ އިންސާނުންގެ ތެރެއިން، އެންމެހާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފަހު އިންސާނުންގެ ތެރެއިން އެންމެ މާތް އިންސާނާ އަބޫބަކުރު ރަޟިޔަﷲ ޢަންހުއަކީ.
އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ޙިޖުރަ ކުރެއްވިއިރުގަ އަބޫބަކުރު ރަޟިޔަﷲ ޢަންހު އެކަނި އެކަލޭގެފާނުގެ އަރިއަހުގަ ހުންނެވީ. އެކަލޭގެފާނަށް ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އަށް ދެއްވާފަ.
މާތްﷲ އަބޫބަކުރު ރަޟިޔަﷲ ޢަންހު އަށް އެ ޝަރަފު ދެއްވެވީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި މަތިވެރި، ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަށްޓަކައި. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަން ވުމަށްޓަކައި އަބޫބަކުރު ރަޟިޔަﷲ ޢަންހު ﷲ އަށް އަޅުކަން ކުރެއްވުމުގައި ހީވާގިވެ އުޅުއްވީތީވެ ﷲ ސުބުޙަނަހޫ ވަތަޢާލާ އެކަލޭގެފާނަށް މި މަތިވެރި މަޤާމް ދެއްވެވީ.
އެއްދުވަހަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނާއ އެކީގަ ތިއްބެވި. އެކަލޭގެފާނާއި އެކީގަ މި ހުންނެވީ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލެއް ކުރައްވަނީ.
ތިޔަބޭކަލުންގެ ތެރެއިން މިއަދު ރޯދައަށް ހުންނެވީ ކޮންބޭކަލެއް ތޯއޭ؟ އެއްވެސް ބޭކަލަކު ޖަވާބެއް ނުދެއްވާ. ޖަވާބު ދެއްވީ ހަމައެކަނި އަބޫބަކުރު ރަޟިޔަﷲ ޢަންހު. އެކަލޭގެފާނު ވިދާޅުވި އަޅުގަނޑު މިހުރީ ރޯދައަށެވެ. އަނެއްކާވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލު ކުރައްވަނީ، މިއަދު މީހަކު މަރުވުމުން އޭނާގެ ކަންކަމުގައި އުޅުނީ ތީގެ ތެރެއިން ކޮން ބޭކަލެއް ހެއްޔެވެ؟ މިފަހަރުވެސް ހަމައެކަނި ޖަވާބު ދެއްވީ އަބޫބަކުރު ރަޞީޔަﷲ ޢަންހު. އެކަލޭގެފާނު ވިދާޅުވި އަޅުގަނޑު މިއަދު އެކަންވެސް ކޮށްފީމެވެ.
އަނެއްކާވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލު ކުރެއްވެވި. މިއަދު މިސްކީނަކަށް ކާއެއްޗެއް ދެއްވީ ތީގެ ތެރެއިން ކޮންބޭކަލެއް ތޯއެވެ؟ ޖަވާބު ދެއްވި ހަމަ އަބޫބަކުރު ރަޞިޔަﷲ ޢަންހު. އެކަލޭގެފާނު ވިދާޅުވި އަޅުގަނޑު މިއަދު މިސްކީނަކަށްވެސް ކާނެ އެއްޗެއް ދީފީމެވެ. އަބޫބަކުރު ރަޞިޔަﷲ ޢަންހު މިހެން ދެންނެވުމުން އަނެއްކާވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލު ދަންނަވަނީ އެހެންވިއްޔާ މިއަދު ބަލިމީހަކަށް ގޮވާލަން ދިޔައީ ތީގެ ތެރެއިން ކޮން ބޭކަލެއް ތޯއެވެ؟ އަބޫބަކުރުގެފާނު މިފަހަރުވެސް ހަމައެކަނި އެކަލޭގެފާނު ޖަވާބު ދެއްވީ. އަޅުގަނޑު މިއަދު ބަލިމީހަކަށް ގޮވާލަންވެސް ގޮސްފީމެވެ.
ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ -- " އެއް ދުވަހެއްގައި މި ހުރިހާ ކަމެއް މީހެއްގެ ކިބައިގައި ޖަމަޢު ވެއްޖެނަމަ، އެބަހީ މީހަކު މި 4 ޢަމަލް އެއް ދުވަހެއްގައި ކޮށްފިނަމަ މާތް ﷲ އެމީހަކު ސުވަރުގެ ވައްދަވާ ހުއްޓެވެ."
މީ ކޮން 4 ޢަމަލެއްތޯ؟ އެންމެ ފުރަތަމަ ކަމަކަށް ކޮންކަމެއްތޯ؟ 1 ރޯދަހިފުން، 2 މިސްކީނަކަށް ކާން ދިނުން، 3 ޖަނާޒާގެ ކަންކަމުގައި އުޅުން، 3 އަދި ބަލިމީހަކަށް ގޮވާލަން ދިއުން.
އެހެންވީމަ މި 4 ކަންތައް މީހަކު އެއްދުވަހެއްގައި ކޮށްފިކަމުގައި ވާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙަދީޘް ކުރައްވަނީ އެމީހަކަށް މާތް ﷲ ސުވަރުގެ ދެއްވަވާނެއެވެ.
ދުޢާއަކީ ﷲ ސުބުޙާނަހު ވަތަޢާލާ އަޅުގަނޑުމެންނަކީ ހެޔޮ ޢަމަލު ކުރުމުގަ ހީވާގިވެ އުޅޭ ބައެއް ކަމުގައި ލެއްވުން. ހެޔޮ ޢަމަލު ކުރުމުގެ ތަޢުފީޤު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވުން.
- ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ދަރުސަކުން