އެހެން މީހުންނާއި އެއްފަދަވުމަށް ނުވަތަ އެއްގޮތްވުމަށް އެދެން މުސްލިމުންނަށް ހުއްދަވެގެންވާ ހަމައެކަނި 2 ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެހެން މީހުންނާއި އެއްފަދަވުމަށް ނުވަތަ އެއްގޮތްވުމަށް އެދެން މުސްލިމުންނަށް ހުއްދަވެގެންވާ ހަމައެކަނި 2 ކަންތައް!

މިއަދު ގިނަ ބައަކު އެމީހުން ރުހޭ ނުވަތަ ތާއިދުކޮށް ސަޕޯތްކުރާ މީހާ އާއި އެއްގޮތްވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމީހާ ހުންނަ ގޮތްވެސް ކޮޕީކުރަން އެބަ މަސައްކަތްކުރެވެއެވެ. އަދި އެމީހަކު އުޅޭ ގޮތަށް އުޅެންވެސް އެބަ މަސައްކަތް ކުރެވެއެވެ. ވީމާ މިއީ މުސްލިމުން ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. 

ޢަބްދުﷲ ބުން މަސްޢޫދު ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. 

"ދެކަމެއްގައި މެނުވީ އެހެން މީހުންނާއި އެއްފަދަވާން އެދުމެއް ނުވެއެވެ.

- ﷲ ތަޢާލާ މުދައު ދެއްވަވާފައިވާ މީހަކު އެ މުދައު ޙައްޤު ގޮތުގައި ހޭދަކުރާނަމަ އެވެ.

-- އަދި ﷲ ތަޢާލާ ޙިކުމަތް (އެބަހީ ޢިލްމް) ދެއްވަވާފައިވާ މީހަކު އެ ބޭނުންކޮށްގެން މީހުންގެ މެދުގައި އެއާއި އެއްގޮތަށް ޙުކުމްކޮށް އެހެން މީހުންނަށް އުނގަންނައިދޭނަމަ (މި ދެކަން އެގޮތަށް ކަންކުރުމަށްޓަކައި ލިބުމަށް އެދެވިދާނެ) އެވެ." (ޞަޙީޙް ބުޚާރީ: 73) 

ވިސްނައިލަންވީ މިއަދު އެހެން މީހުންނާއި އެއްގޮތްވާން މިއެދެވެނީ މި ދެ ކަމުގައި ކަމާއިމެދުގައެވެ. ނޫންނަމަ މި ދެ ކަމުގައި އެހެން މީހުންނާއި އެއްގޮތްވާން އެދޭ މީހަކު އެބަހުރި ހެއްޔެވެ؟  

މިއަދު މިފެންނަނީ ކޮންމެވެސް މަޝްހޫރު މީހަކާއި ނުވަތަ އެނޫންވެސް އެފަދަ މީހަކާއި އެއްގޮތްވުމަށް އުޅެވޭތަނެވެ. ވީމާ ކޮންމެ މީހަކުވެސް މިފަދަ ޙަދީޘްފުޅުތައް ދަސްކޮށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރަމެވެ.  

މުސްލިމުން ކޮޕީކުރަން މަސައްކަތްކުރަންވީ 2 މީހެކެވެ. އެކަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެ މުދައު ޙައްޤު ގޮތުގައި ހޭދަކުރާ މީހާއެވެ. ދެވަނަ މީހާއަކީ ﷲ ތަޢާލާ ޢިލްމް ދެއްވެވުމުން އެއިގެ ބޭނުންކޮށްގެން މީހުންގެ މެދުގައި އެއާއި އެއްގޮތަށް ޙުކުމްކޮށް އެހެން މީހުންނަށް އުނގަންނައިދޭ މީހާއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން